އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
ޗެލްސީން އަމިއްލަ ދަނޑުގައި އެސްޓަން ވިލާ ކައިރިން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އެވަޓަން ބަލިކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިރޭ ޔުނައިޓެޑުން ހޯދި މޮޅަކީ އެޓީމުގެ އާ ކޯޗު ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. އަމޯރިމް ހަވާލުވެ މިހާތަނަށް ކުޅުނު ލީގު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ޔުނައިޓެޑުން ވަނީ އިޕްސްވިޗާ އެއްވަރުވެފައެވެ. އޭގެފަހުން ޔޫރޮޕާ ލީގުގައި މޮޅެއް ހޯދި އިރު، މިރޭ ހޯދި ތަފާތު ބޮޑު މޮޅާއެކު ކޯޗުގެ މަސައްކަތް ފާހަގަވެގެން ދިޔައެވެ.
މިރޭ ހޯދި މޮޅާއެކު ޗެލްސީ އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ 13 މެޗުން 25 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް އާސެނަލްވެސް 13 މެޗުން 25 ޕޮއިންޓާއެކު އޮތް އިރު، ޗެލްސީއާއި އާސެނަލް އޮތީ ފައިދާ ގޯލުގެ ފަރަގުންވެސް އެއްވަރުވެފައެވެ.
މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 12 މެޗުން 31 ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑުން މިރޭ ހޯދި މޮޅާއެކުވެސް އެޓީމު އޮތީ ނުވަ ވަނައިގައެވެ. އެއީ 13 މެޗުން 19 ޕޮއިންޓާއެކުގައެވެ.
ޗެލްސީން މިރޭ ކުޅުނު މެޗުގެ އެންމެ ކުރީކޮޅުން ފެށިގެން އެޓީމުން މެޗު ޑޮމިނޭޓް ކުރިއެވެ. ހާއްސަކޮށް ވަރަށް ބޮޑަށް ކުރިއަށް ޖައްސާލައިގެން ޕްރެސްކޮށްގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން ވިލާގެ ފަހަތުން ދިޔައީ ގޯސްތައް ހަދަމުންނެވެ.
އެ ގޯސްތަކުގެ ފައިދާ ޗެލްސީން ކުރީކޮޅުގައި ނެގި އިރު، ހަތްވަނަ މިނެޓުގައި ލީޑު ނެގީ ނިކޮލަސް ޖެކްސަންއެވެ. އެއީ އަރިމަތިން ނެގި ހުރަސް ގޯލަށް ވައްދާލައިގެންނެވެ. އޭގެ އިރުކޮޅޭއްފަހުން ޖެކްސަންއަށް ލީޑު ފުޅާކުރަން ލިބުނު ފުރުސަތުގައި އޭނާއަށް ރަނގަޅަށް ބޭނުން ހިފިފައި ނުވާ އިރު، 36 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ޗެލްސީއަށް ލީޑު ފުޅާކޮށްދިނެވެ. އެއީ ކޯލް ޕާމާގެ ގޯލަކުންނެވެ.
ދެވަނަ ހާފަށް ވިލާއިން ނުކުތީ، އަނިޔާގެ ސަބަބުން ކީޕަރު އެމިލިއާނޯ މާޓިނޭޒްގެ ބަދަލުގައި ރޮބިން އޮލްސަން ކުޅުމަށް ނެރެގެންނެވެ. އެއީ މާޓިނޭޒަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.
ދެވަނަ ހާފުގައިވެސް ޗެލްސީން ރަނގަޅަށް ކުޅެފައިވާ އިރު، އެޓީމުގެ ތިންވަނަ ގޯލަކީ ޕާމާ ޖެހި ހިތްގައިމު ގޯލުންނެވެ.
ޔުނައިޓެޑުން މިރޭ ކުޅުނު މެޗުގެ ފުރަތަމަ ކޮޅުން ފެށިގެންވެސް އެޓީމުން ޑޮމިނޭޓް ކޮށް ކުޅެފައިވާ އިރު، ފުރަތަމަ ހާފުގައިވެސް އެޓީމުން ދެ ގޯލު ޖެހިއެވެ. އެއީ މާކަސް ރަޝްފޯޑާއި ޖޯޝުއާ ޒިރްޒްކީ ޖެހި ގޯލުތަކުންނެވެ. އެ ދެގޯލަށްވެސް ބްރޫނޯ ފެނާންޑޭޒް އެސިސްޓް ކޮށްދިން އިރު، ދެވަނަ ހާފުގައިވެސް ގޯލުތައް ޖެހީ ރަޝްފޯޑާއި ޒިރްކްޒީއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު