ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ޕާޓީން ވަކި ކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް މިދިޔަ ހަފުތާގައި ގާނޫނުއަސާސީ ވަނީ އިސްލާހު ކޮށްފައެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅައި، އެދުވަހުން އެދުވަހަށް ބިލް ފާސްކުރީ ޖަލްސާގައި ތިއްބެވި 91 މެންބަރުންގެ ތެރެއިން 78 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސް ނުކުރަން ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނާއި، އަމިއްލަ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާނު އެކަންޏެވެ.
ގާނޫނު އަސާސީ ބަދަލުކުރުމަށް ބޭނުންވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ ތިން ބައެވެ. އެއީ މިހާރު އޮތް މަޖިލީހުގެ 70 މެންބަރުންނެވެ. އެހެން ކަމުން ބޭނުންވާ އަދަދަށްވުރެ 8 ވޯޓު އިތުރަށްވެސް މި ވަނީ ލިބިފައެވެ.
މި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީވެސް ހަމަ އެ ދުވަހުއެވެ. މަޖިލީހުން ބިލް ފާސްކުރީ އެދުވަހުގެ ހަވީރުއެވެ. އެރޭ ރައީސް މުއިއްޒު ބިލް ތަސްދީގު ކުރެއްވިއެވެ.
އެހެންކަމުން ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވައިގެން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައިވާގޮތަށް، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހ،ު ޕާޓީން އަމިއްލައަށް ވަކިވުމާއި، ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން މަޖިލިސް މެންބަރުކަން ގެއްލޭނެއެވެ. މަޖިލިސް މެންބަރަކު، ޕާޓީން އަމިއްލައަށް ވަކިވުމާއި ޕާޓީން ވަކިކުރުމާއި، އަދި އެހެން ޕާޓީއެއްގެ މެންބަރަކަށްވުމުގެ އިތުރުން، އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވާ މެންބަރުން ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަކީ މިހާރު މަޖިލިސް މެންބަރުކަމުން ވަކިވާނެކަމެކެވެ.
މި ބަދަލާއެކު ޕާޓީތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ ޕާޓީ ތެރޭގައި ބަނދެލެވިފައެވެ.
ޕާޓީގެ މެންބަރުން ޕާޓީ ތެރޭގައި ބަނދެލުމަށް ވޭތުވެދިޔަ ދެ މަޖިލީހުންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ވޭތުވެދިޔަ ދެ ސަރުކާރުންވެސް އެކަން ފެނިގެންދިޔައެވެ. ގޮނޑި ގެއްލުނު 12 މެންބަރުންގެ ވާހަކަ މަޝްހޫރުވެގެން އައީ އެހިސާބުންނެވެ.
މެންބަރުންގެ ގޮޑި ގެއްލޭގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ގާނޫނެއް މަޖިލީހުން ފާސްކުރީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ.
އެފަހަރު 85 މެންބަރުން ހިމެނޭ 18 ވަނަ މަޖިލިސް ފެށުނުއިރު ސުޕަ މޭޖޯރިޓީއޮތީ އެއިރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީންގެ ޕީޕީއެމްއަށެވެ. އެއީ ޕީޕީއެމްގެ 33 ގޮނޑި އާއި ކޯލީޝަން ޕާޓީތައް ކަމަށްވާ ޖުމްހޫރީ ޕާޓީގެ 15 ގޮނޑި އާއި އެމްޑީއޭގެ ފަސް ގޮނޑި އާއި އަދާލަތު ޕާޓީގެ އެއް ގޮނޑިއާ އެކު 54 ގޮޑި ލިބުމުންނެވެ. އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއަށް ލިބުނީ 26 ގޮނޑިއެވެ. އަނެއް ފަސްގޮނޑި ނިސްބަތްވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން ހިޔާލު ތަފާތުވެ، ހިނގި ބޮޑު ސިޔާސީ ހައިޖާނުގައި މަޖިލިސް ފަޅައިގެންދިޔައެވެ. އެކަމުގެ ސަބަބުން އެންމެ ބޮޑު ކަންތައްގަނޑެއް ކުރިމަތިވީވެސް މަޖިލީހަށެވެ. މަޖިލީހުގެ އޭރުގެ މެންބަރުންނަށެވެ.
ޔާމީންގެ ވެރިކަމާ ދެކޮޅަށް ހިނގި ސިޔާސީ ހެލުންގަނޑާއެކު، މައްސަލަ އިތުރަށް ބޮޑުވީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިންވަނަ ފަހަރަށް މަޖިލީހަށް ވެއްދުމަށް، އިދިކޮޅާ ގުޅިގެން ޕީޕީއެމްގެ މަޖިލިސް މެންބަރުންތަކެއް، ސޮއިކުރި ހިސާބުންނެވެ. އޭގެ ކުރިން ދެފަހަރު ހުށަހަޅައިގެންވެސް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ އިދިކޮޅަށް ކާމިޔާބު ނުވެފައެވެ. އޭރު މަޖިލިސް ރައީސް ކަމުގައި ހުންނެވީ ޕީޕީއެމްގެ އިސް ބޭފުޅެއް ކަަމަށްވާ އަބްދުﷲ މަސީހެވެ.
އެންމެ ފުރަތަމަ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 8 މާޗް 2017 ގަ އެވެ. އެ ފަހަރު މައްސަލަަ ވެއްދީ 26 މެންބަރުންގެ ސޮޔާއެކުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހު އިދިކޮޅު ފަރާތްތައް މަޖިލީހުން ބޭރުކޮށް، ފުރަތަމަ ފަހަރަށް މަޖިލީހުގައި ރޯލް ކޯލް ވޯޓް ނަގައި މައްސަލަ ބޭރުކޮށްލިއެވެ. ދެވަނަ ފަހަރަށް މަސީހުގެ މައްސަލަ ވެއްދީ 31 މެންބަރުންގެ ސޮޔާއެކު 9 އޭޕްރީލް 2017 ގައެވެ. އެ ފަހަރު މައްސަލަ މަޖިލީހުން ބޭރުކޮށްލީ، މަޖިލީހުގެ ގަވާއިދަށް ކުއްލިއަކަށް ގެނައި ބަދަލާއެކުގައެވެ. ގަވާއިދަށް ގެނައި ބަދަލުގައި ބުނެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކުގައި ކަމަށެވެ. އެހެންކަމުން ތިންވަނަ ފަހަރަށް އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޕީޕީއެމްގެ މެންބަރުން ހިމެނޭހެން 42 މެންބަރުންގެ ސޮޔާއެކުގައެވެ.
އެކަމާ ގުޅިގެން ޕީޕީއެމްގެ 12 މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ މަސައްކަތް ޕީޕީއެމް އަށް ނިސްބަތްވާ ސަަރުކާރުން ފެށިއެވެ.
އެކަމަށްޓަކައި އޭރުގެ ބަންޑާރަ ނައިބު ކުރެއްވި ފުރަތަމަ ކަމަކީ، ޕާޓީން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމެވެ. އެކަމާ ގުޅިގެން ޕާޓީ ބަދަލު ކުރިކަން ނުވަތަ ޕާޓީން ވަކިވިކަން ނުވަތަ ޕާޓީން ވަކިކުރިކަން، އެ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަހައި އެ ކޮމިޝަނުން އެކަން މަޖިލީހަށް އަންގާ ހިސާބުން މަޖިސް މެންބަރުކަން ގެއްލޭނެ ކަަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ
ޕާޓީގެ ނަމުގައި މަޖިލީހަށް އިންތިހާބުވި މެންބަރުން ޕާޓީ ފިކުރު ދޫކޮށް އެހެން ފިކުރަކަށް ތާއީދުކޮށް، ޕާޓީ ބަދަލުކުރުމާއި ޕާޓީގެ އުސޫލުތަކާ ހިލާފަށް އަމަލު ކުރުމުގެ ސަބަބުން ޕާޓީ މެންބަރުކަމުން ވަކި ކުރުމަކީ، ނިސްބަތްވާ ދާއިރާގެ ރައްޔިތުން މަޖިލީހަށް މެންބަރު އިންތިހާބުކުރި މަގުސަދު ގެއްލޭނެ ކަމަކަށްވާތީ، ޕާޓީ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވާ މެންބަރު ޕާޓީން ވަކި ކުރުމާއި ޕާޓީ ބަދަލު ކުރުމާއި ޕާޓީން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެމީހަކު މަޖިލިސް މެންބަރުކަމުން ވަކިވާނެ ކަމަށް، 13 ޖުލައި 2017 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ.
އެ ހުކުމަށްފަހު ފެނުނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުންހުރި ޕީޕީއެމްގެ މެންބަރުން ސުލޫކީ މައްސަލަ ތަކުގައި ޕާޓީން ވަކިކުރަމުންދިޔަ ތަނެވެ. އެގޮތުގެ މަތިން ޕީޕީއެމްގެ 12 މަޖިލިސް މެންބަރެއްގެ ގޮޑި ގެއްލުނެވެ.
އެކަމާ ގުޅިގެން ޕީޕީއެމްގެ މެންބަރުން ހިމެނޭހެން 42 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވެއްދި، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް ޕީޕީއެމް އިން ފެއިލް ކޮށްލިއެވެ. އެއީ ގޮނޑި ގެއްލުވާލި 12 މެންބަރުންގެ މެންބަރުކަމުގެ ހައިސިއްޔަތު ގެއްލިފައިވާތީ، އެ ބޭފުޅުންގެ ސޮއި އެ މައްސަލައިން އުނިކުރުމުން، އިތުބާރު ނެތްކަމަށް ހުށަހަޅަން ޖެހޭ އަދަދަށް ސޮއި ހަމަ ނުވާކަމަށް ކަނޑައަޅައިގެންނެވެ.
އެ ހަލަބޮލިކަމުގެ ތެރޭގައި އެތައް މަހެއް ވަންދެން މަޖިލިސް އޮތީ މަސައްކަތް ހުއްޓުވައި ދޮރުގައި ތަޅު އަޅުވައިފައެވެ. އޭގެ ކުރީން ގޮނޑި ގެއްލުވާލި 12 މެންބަރުން މަޖިލީހަށް ވަނުމުން ސަލާމަތީ ސިފައިން ބޭނުންކޮށްގެން ގޭޓް މަތިން އެ މެންބަރުން ބޭރުކުރިއެވެ.
އެންޓި ޑިފެކްޝަން ގާނޫނު ފުރަތަމަ އުފަންވީ އެހިސާބުންނެވެ. އިދިކޮޅުވި 12 މެންބަރުންގެ ގޮނޑީ ގެއްލުމުގެ ފައިދާ ނަގައިގެން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަންގެ ބިލް މަޖިލީހުން ފާސްކުރީ 13 މަޗް 2018 ގައެވެ. އެބިލް ފާސްކުރީވެސް 13 ޖުލައި 2017 އިންފެށިގެން ވަކިކުރި 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމުގެ ޔަގީންކަން ހިމަނައިގެންނެވެ. އިދިކޮޅު މެންބަރުން ނެތް ޖަލްސާއެއްގައި ޕީޕީއެމްގެ 36 މެންބަރުންގެ ވޯޓާ އެކު ފާސްކުރި އެ ބިލް އޭގެ ފަހު ދުވަހު 14 މާޗް 2018 ގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތަސްދީގު ކުރެއްވިއެވެ.
ނަމަވެސް ދޫ ނުދެއްވައި އެ 12 މެންބަރުން ވަކި ވަކިން ސުޕްރީމް ކޯޓަށް އަނެއްކާވެސް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަތަކުގައި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ހުކުމްކުރީ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެގޮތަށް ހުކުމް ކުރުމުގައި ސުޕްރީމް ކޯޓުން ބަލާފައި ވަނީ، ބަންޑާރަ ނާއިބު ހުށަހެޅި މައްސަލައިގައި، ގޮނޑި ގެއްލޭނެކަމަށް 13 ޖުލައިގައި ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާއިރު، އެ މެންބަރުން ޕާޓީން ވަކިކުރީ ހުކުމްގެ ފަހުން ކަމަށްވިޔަސް އެ މެންބަރުން ޕާޓީން ވަކިކުރި ސަބަބަކީ އެ ހުކުމްގެކުރިން އުފަންވެފައިވާ ސަބަކަށް ވުމެވެ.
ގޮނޑިގެއްލޭނެކަމަށް ސުޕްރީމް ކޯޓުން 13 ޖުލައި 2017 ގައި ހުކުމް ކުރީ އެހުކުމްކުރި ތާރީހުން ފެށިގެން އެއަށް އަމަލު ކުރަން ޖެހޭ ގޮތަށެވެ. އެހެންކަމުން ސުލޫކީ މައްސަލަތަކުގައި އެ މެންބަރުން ޕާޓީން ވަކިކުރީ ހުކުމްކުރި ތާރީހުން ފެށިގެން ކަމަށްވިޔަސް، ޕާޓީން ވަކި ކުރުމަށް އެމީހުންގެ މައްޗަށް އުފައްދާ ސުލޫކީ މައްސަލަ ކަމަށް ބުނާ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރީ ސުޕްރީމް ކޯޓުން ހުކުމް ކުރި 13 ޖުލައި 2017 ގެ ކުރިން ކަމަށްވާތީއެވެ. އެއީ ބަންޑާރަ ނާއިބުގެ ފަރާތުން ދުސްތޫރީ މައްސަލަ ހުށަހެޅީވެސް މެންބަރުންގެ ސޮޔާ ގުޅިގެން ކަމަށްވާތީއެވެ.
އޭގެ ފަހުން 24 އޮކްޓޫބަރު 2018 ގައި އަނެއްކާވެސް މަޖިލިސް ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހަތަރުވަނަ ފަހަރަށް ހުށަހެޅިއެވެ. އެއީ ވެރިކަންކުރާ ޕީޕީއެމްގެ 14 މެންބަރުންގެ ސޮއި ހިމަނައިގެން ޖުމުލަ 51 މެންބަރުންގެ ސޮޔާއެކުގައެވެ. ނަމަވެސް އެ މައްސަލަަ ކުރިއަށްދާން އޮތް މުއްދަތުގައި، ގޮނޑި ގެއްލުނު 12 މެންބަރުންގެ ގޮނޑި އިއާދަ ވެފައިވާތީ، އޭރު ސޮއި ކުރި 42 މެންބަރުންގެ ސޮއިވެސް އިއާދަ ވެފައިވާތީ ސައްހަ މައްސަލައެއްގެ ގޮތުގައި އެ ފަހަރު ހުށަހެޅި މައްސަލަ ކުރިއަށްގެންދަން ނިންމީއެވެ. ނަމަވެސް އެ މައްސަލަަ މަޖިލީހުގައި ކުރިއަށްގެންދަން އޮތް ދުވަހު މަޖިލިސް ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހު މުހައްމަދު، އިސްތިއުފާ ދެއްވިއެވެ.
އެއާއެކު މަޖިލީހަށް ހުށަހަޅައިގެން، އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅައި ފާސްކުރިއެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ވިލުފުށީ ދާއިރާގެ އޭރުގެ މެންބަރު ރިޔާޒު ހުށަހެޅުއްވައިގެން ފާސްކުރި އެބިލް ރައީސް ޔާމީން ތަސްދީގު ކުރެއްވީ 13 ނިވެމްބަރު 2018 ގައެވެ.
ކޮންމެއަކަސް ރައީސް ޔާމީން ސަރުކާރުގެ ވެއްޓުމުގެ ފެށުމާއި، އެކަން ނިމުމުގައި 12 މެންބަރުންގެ މައްސަލަ މުހިއްމު ދައުރެއް އަދާކުރިއެވެ.
ބާރަ މެންބަރުންގެ މައްސަލަތައެއް މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކުރިމަތިވިއެވެ. ދެވަނަ އެންޓި ޑިފެކްޝަން ބިލް އުފެދުނީވެސް އެހިސާބުންނެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހެކޭ އެއްގޮތަށް 87 މެންބަރުންގެ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕް މެޖޯރިޓީ ރައްޔިތުން ދިނީ އޭރު ސަރުކާރުގައި އޮތް އެމްޑީޕީއަށެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއެކުގައެވެ. އެމްޑީޕީއަށް 65 ގޮނޑި ލިބުނުއިރު އޭރުގެ އިދިކޮޅުޕާޓީ ޕީޕީއެމް އާއި ޖުމްހޫރީޕާޓީ އަށް ވެސް ލިބުނީ ފަސް ގޮނޑިއެވެ. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ތިން ގޮނޑި އަދި އެމްޑީއޭ އަށް ދެ ގޮނޑި ލިބުނެވެ.
ނަމަވެސް މަޖިލިސް ރައީސް އިންތިހާބު ކުރުމާ ހަމައިން ދެ ފެކްޝަން އުފެދުުގެ ކުލަވަރު އެމްޑީޕީ ތެރެއިން ދައްކައިލިއެވެ. މަޖިލިސް ރައީސް ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންތިހާބު ކުރަން ރައީސް ސޯލިހު ތާއީދު ކުރެއްވިއިރު ރައީސް ނަޝީދު ތާއީދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށެވެ. ފަހު ވަގުތު، މަޖިލީހުގެ ރައީސްކަމަށް އިންތިހާބު ކުރީ ރައީސް ނަޝީދެވެ. މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދުގެ ނަން ހުށަހެޅުއްވީ، އަސްލަމެވެ. ތާއީދު ކުރެއްވީ އަފީފެވެ.
މަޖިލީހުގެ ކުރީކޮޅު މާބޮޑު މައްސަލަތަކެއް ދިމާނުވެ ދުވަސްކޮޅެއް ދިއުމަށްފަހު، މަޖިލިސް ތެރޭގައި ރައީސް ސޯލިހަަށް ނިސްބަތްވާ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފެކްޝަނެއް އުފެދި ދެ ފެކްޝަންގެ ކޯޅުން ބޮޑުވަމުން ދިޔައެވެ. އެންމެ ފަހުން 18 ވަނަ މަޖިލީހުގައި ކަންތައް ކުރިއަށްދިޔަގޮތާ އެއްފަދަ ގޮތަކަށް މަޖިލިސް ރައީސް، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލިސް ޑެޑް ލޮކަކަށް ދިޔައެވެ.
މި ހިސާބުން 18 ވަނަ މަޖިލީހުގައި ވެސް ދިމާވި، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއި، 12 މެންބަރުންގެ މައްސަލަ އާއި އެންޓި ޑިފެކްޝަން ގާނޫނުގެ މައްސަލަ ކުރިމަތިވިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރުމަށް އަމިއްލަ ޕާޓީގެ މެންބަރުންނާއެކު 54 މެންބަރުންގެ ސޮޔާއެކު 2023 ޖޫން ހަތެއްގައި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއެވެ. ނަމަވެސް ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހަޅާފައިވާތީ ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަަމަށްބުނެ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލިއެވެ. ދެވަނަ ފަހަރަށް 49 މެންބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ނުވައެއް އޮކްޓޫބަރު 2023 ގައެވެ.
ނަމަވެސް އެ މައްސަލަ މަޖިލިސް ތަޅުމަށް ނުގެނައުމަށް ދެއްކި އުޒުރާއެކު ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުންނާއި އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި މެންބަރުންގެ މެދުގައި ކޯޅުން ބޮޑުވެ މަޖިލިސް ޑެޑް ލޮކަލަށް ދިޔައެވެ. އެންމެ ފަހުން އެކަމަށް ގޮތެއް ކަނޑައެޅީވެސް ސުޕްރީމް ކޯޓުގެ މަރުހަލާއިންނެވެ.
މަޖިލިސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓޫން ހުކުމްކުރީ ނުވައެއް ނޮވެމްބަރު 2023 ގައެވެ. 13 ނޮވެމްބަރު 2023 ގައި އެ މަނިކުފާނު މަގާމުން އިސްތިއުފާ ދެއްވިއެވެ.
އެ ކަންތައްގަނޑުގެ ތެރެއިން ނަޝީދުގެ ފެކްޝަންގެ 12 މަޖިލިސް މެންބަރުން 17 މެއި 2023 ގައި އެމްޑީޕީން އިސްތިއުފާ ދެއްވިއެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއަށް އޮތް ސުޕަ މެޖޯރިޓީ ގެއްލުނެވެ.
ޖެހިގެން އައި ޖޫން މަހުގެ 21 ގައި އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައި، ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއެވެ. އެމްޑީޕީން ވަކިވެ ވަޑައިގެންނެވި 12 މަޖިލިސް މެންބަރުންނާއެކު ރައީސް ނަޝީދު "ދަޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. މިއީ ރައީސް ސޯލިހަށް އެވަގުތު ބޯމަތި ވެފައިއޮތް ރިޔާސީ އިންތިހާބު ގެއްލޭން ދިމާވި އެންމެ ބޮޑު ސަބަބަބެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާތަކުންވެސް އެކަން ސާބިތުވާނެ އެވެ.
ކޮންމެޔަކަސް "ދަ ޑިމޮކްރެޓްސް" ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރިއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގެ މުހިއްމު ހަރަކާތްތެރީންތަކެއް ތިއްބެވި ނަމަވެސް ލިބުނު ވޯޓަށް ބަލާއިރު އެ ޕާޓީއަށް އެދެވޭ ކާމިޔާބެއް ނުލިބުނެވެ. ނަމަވެސް ރައީސް ސޯލިހާ ދެކޮޅަށް ނިކުމެ އެ މަނިކުފާނަށް އިންތިހާބު ގެއްލުވައިލުމުގައި އެ މުހިއްމު ދައުރެއް އަދާކުރިއެވެ.
ރިޔާސީ އިންތިހާބުގެ ދެވެނަ ބުރުގައިވެސް ރައީސް ސޯލިހާ ކޯލީޝަން ހެދުމުގެ ބަދަލުގައި އެ ޕާޓީން ޖެހުނީ އެ މަނިކުފާނާ ފެޔަށެވެ. ތާއީދު ކުރީ އޭރުގެ އިދިކޮޅު ލީޑަރު މިހާރުގެ ރައީސް މުއިއްޒަށެވެ. މިދިޔަ 19 ވަނަ މަޖިލީހުން އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރީ އެ މަޖިލީހުގެ ފަހު ދުވަސްކޮޅު ކަމަށްވާ އޭޕްރީލް އެކެއްގަ އެވެ.
ވޭތުވެދިޔަ ދެ މަޖިލިސް ފަދައިން ވެރިކަމާއެކު، މިހާރު އޮތް 20 ރައްޔިތުންގެ ސުޕަ މެޖޯރިޓީ ރައްޔިތުން ވަނީ ރައީސް ޑރ. މުއިއްޒަށް ދީފައެވެ.
ނުވަދިހަ ތިން މެންބަރުން ހިމެނިވަޑައިގަންނަވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 75 ގޮޑި ވަނީ ވެރިކަން ކުރާ ޕީއެންސީއަށް ދީފައެވެ. އޭގެ އިތުރުން އެމްޑީއޭގެ ދެގޮނޑިއާއި ޖޭޕީގެ އެއްގޮނޑިއާއި އެމްއެންޕީގެ އެއް ގޮނޑިއާއެކު 79 ގޮނޑީގެ ބޮޑު މެޖޯރިޓީއެއް ރައީސް މުއިއްޒުގެ ސަރުކާރަށް ވަނީ ލިބިފައެވެ. އިދިކޮޅު އެމްޑީޕީއަށް ދީފައިވަނީ 12 ގޮނޑިއެވެ. އަނެއް ދެ ގޮނޑިއަށް އިންތިހާބު ކޮށްފައި ވަނީ އަމިއްލަ ދެ ކެންޑިޑޭޓުންނެވެ.
މަޖިލީހުގައި ބޮޑު މެޖީރިޓީއެއް އޮތް ނަމަވެސް، މީގެ ކުރީގެ ހާދިސާތަަކަށް ބަލާއިރު، މިދިޔަ ދެ އިންތިހާބު އެއިރު ތިއްބެވި ރައީސުންނަށް ގެއްލުވައިލުމުގައި، އެއިރެއްގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 12 ނަންބަރު މުހިއްމު ދައުރެއް ވަނީ އަދާކޮށްފައެވެ.
އެހެންކަމުން 20 ވަނަ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ރައީސް މުއިއްޒަށް އޮތް ނަމަވެސް 12 މެންބަރުންގެ މައްސަލަ ހިލިދާނެ ކަމަށް ބެލިދާނެ ޖާގަ އެބައޮތް ކަމަށް ބައެއް ދިރާސާވެރީން އަންނަނީ ބުނަމުންނެވެ. މިފަހަރަކީ މެންބަރުންވެސް އެންމެ ގިނަ ފަހަރެވެ. އެހެން ކަމުން މިފަހަރުގެ ހިލުމުގައި 12 އަށްވުރެ މަތީ ނަންބަރެއް ހިމެނުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެ މީހުން ބުނެއެވެ.
މިދިޔަ ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވީ، ވެރިކަމުގެ ދެވަނަ ދައުރުގެ ވިސްނުންފުޅުވެސް ކުރިއަށް ނެެރުއްވައިގެންނެވެ. އެކަން އެ މަނިކުފާނުގެ ވާހަކަފުޅުތަކުންވެސް ދޭހަވެއެވެ.
އެހެންކަމުން ވޭތުވި ދެ ސަރުކާރާ ހިލާފަށް 12 މެންބަރުންގެ މައްސަލަ ދިމާވުމުގެ ކުރިން ރައީސް މުއްޒު ވިސްނުންތެރިކަމާއެކު މިވަނީ ފިޔަވަޅު އަޅުއްވައިފައެވެ. މިފަހަރު އެންޓި ޑިފެކްޝަން ގާނޫނުގެ ބަދަލުގައި ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލިސް މެދުވެރިކޮށް ބަދަލު ގެންނެވީ ސީދާ ގާނޫނުއަސާސީއަށެވެ. ކުޅިވަރަކަށް ހަދައިގެން އެއަށް ބަދަލު ނުގެނެވޭގޮތަށެވެ.
ރައީސް މުއިއްޒުގެ ވަށައިގެން އެންމެ އަރިހުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ބަލައިލާއިރު މުޅިންވެސް ފެންނަނީ ފުންނާބު އުސް ސިޔާސީ ވިސްނުން ތޫނު ބޭފުޅުންނެވެ. އޭގެ ތެރެއިން ބައެއް ނަންތައް ފާހަގަކޮށްލާއިރު، މިހާރު ރައީސް މުއިއްޒުގެ އެންމެ އަރިހުގައި ހުންނެވި، ދައުލަތުގެ އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގެ ޗެއާޕާސަންގެ ގޮތުގައި މިހާރު ހުންނެވި އަބްދުއްރަހީމަކީ، މީގެ ކުރީން އެ ޕާޓީގެ ރައީސް އެވެ. ރައީސް ޔާމީން އިސްވެ ހުންނަވައިގެން އެ ޕާޓީ އުފެއްދުމަށްފަހު، ޕީޕީއެމްއާއެކު ޕީއެންސީގެ ހިންގުންވެސް އަބްދުއްރަހީމާ ހަވާލުކުރެއްވިއެވެ.
އެއިރު އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީއަކީ ޔާމީންގެ ޕާޓީއެއް ކަމަށާއި އެ ޕާޓީން ދަމަހައްޓާނީ އެ މަނިކުފާނުގެ ފިކުރާއި ސިޔާސަތު ކަމަށެވެ. އަދި ޕީއެންސީގެ ޓިކެޓުގައި ޔާމީން ވެރިކަމަށް ވަޑައިގަންނަވާ މަންޒަރު ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެފަހުން ކޮރަޕްޝަން މައްސަލައިގައި ރައީސް ޔާމީނަށް ކުރި ހުކުމްތަކަކީ ހަރާމް ހުކުމްތަކެއްކަމަށް ވިދާޅުވެ އެމަނިކުފާނަށް ތާއީދު ކުރާ މީހުންނާއެކު މަގުމައްޗަށް ވެސް ނިކުންނެވިއެވެ.
ޑރ. މުއިއްޒަށް ޕީއެންސީގެ ޓިކެޓް ހޯއްދަވައި ދެއްވީވެސް ސިޔާސީ ހިކުމަތްތެރިކަމުގެ ތެރެއިން ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
"އެބަ ވިދާޅުވޭ ރައީސް މުއިއްޒަށް ޓިކެޓް ދޭން މާކުރިން ރޭވީއޭ, މާކުރިން ރޭވީމޭ, އެއީ ރައީސް ޔާމީންގެ ގޮތް އެނގޭތީ" ޕީއެންސީގެ ޖަގަހައެއް ހުޅުއްވައި ދެއްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު، އަބްދުއްރަހީމް ކުރައްވާފައި ނުކުރައްވާނެ ކަންކަމާއި އޭނާގެ ސިޔާސީ ތޫނުފިލިކަން ރައީސް ޑރ. މުއިއްޒަށް ވަރަށް ރަނގަޅަށް ސާފުވެވަޑައިގަންނަވާނެ އެވެ.
ދެން ހުންނެވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 90 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގެވި ކަމަށް ވިދާޅުވެ އެ މަނިކުފާނަށް އޭރު ތައުރީފު ކުރެއްވިއެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައިވެސް ތަކުރާރުކޮށް ވިދާޅުވީ، ޔާމީން ކުށެއް ނުކުރައްވާ ކަމަށެވެ.
ނަމަވެސް މިހާރު ވިދާޅުވަނީ، ޕީއެންސީއަށް ލިބުނު 90 ޕަސެންޓް ފައިސާ ނެންގެވީވެސް ޔާމީން ކަމަށާއި، ޔާމީނަކީ ޖީބަށް ލާރިއެއް ލައިގެން ކައިރިވާން ހެޔޮވާވަރުގެ ބޭފުޅެއްނޫން ކަމަށާއި، އެ ލާރި އެ މަނިކުފާނު ވަގަށް ނަންގަވާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ. މިކަންކަމުން އެނގެނީ ސިޔާސީ ގޮތުން ކުޅޭން ޖެހިވަޑައިގަންނަވާ ކުޅި، އެ ހާލަތަކަށް ކުޅުމުގެ ކެރުންތެރިކަމާއި ގަޓު ފަލާހުގެ ވެސް އެބަހުރިކަމެވެ.
މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރަކީވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި 19 ވަނަ މަޖިލީހަށް ވެންނެވި ޒަރީރު އެއިރު އެންމެ ބޮޑަށް ހުޝާމަދު ކުރެއްވީ ރައީސް ނަޝީދަށެވެ. އެއީ މަޖިލީހުގެ ވެސް އެއިރުގެ ރައީސް އެވެ. ނަމަވެސް ދެ ފެކްޝަން އުފެދުމުން ރައީސް ސޯލިހުގެ ފަޅިއަށް އަރުއްވައި ހުޝާމަދު ކުރެއްވީ ރައީސް ސޯލިހަށެވެ. އޭގެ ފަހުން ރައީސް ނަޝީދަށް ކުރެއްވުނު ރަނގަޅު ކަމެއްވެސް ނެތެވެ.
ރިޔާސީ ކެމްޕެއިނުގައިވެސް، ޒަރީރު ވިދާޅުވަމުން ގެންދެވީ، ރަށްރަށަށް އަރައިގެން 360 ޑިގްރީއަށް އެނބުރިލާއިރު ކޮންމެ ދިމާލަކުންވެސް ފެންނަނީ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ. މަތިވެރީ ދާއީރާގެ ތާރީހުގައިވެސް ނިމިދިޔަ 40 އަހަރު ދުވަހު ނުކޮށްދޭހާ ގިނަ ކަންތައްތައް ރައީސް ސޯލިހުގެ ޒައާމަތުގައި 4 އަހަރު ތެރޭގައި ކޮށްދެއްވައިފައިވާ ކަމަށާއި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ނޫން ޗޮއިހެއް ނެތްކަމަށްވެސް ވިދާޅުވިއެވެ. އޭނާ އެއިރު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމަކީ ލިބުނު ރަންގަނޑެއް ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބަށްފަހު، 28 ޑިސެމްބަރު 2023 ގައި ފެނިގެންދިޔައީ އެމްޑީޕީގެ 12 މެންބަރުންނާއެކު ޕީއެންސީއަށް ސޮއިކުރެއްވިތަނެވެ.
މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވާއިރު، އެއިރު އޭނާ ވޯޓު ދެއްވައިގެން މަޖިލީހުން ފާސްކުރި ކަންތައްތައްވެސް ގޯހެވެ، އަދި އެއިރު ރަންގަނޑެއްގޮތަށް ފެނުނު ސަރުކާރަކީ މިހާރު އެއްވެސް އެއްޗަކަށްވެސް ނުވެއެވެ.
މީގެ އިތުރުން މަޖިލީހުގައި އެންމެ ބާރު އަޑުން ބަހުސް ކުރައްވާ ދެ މެންބަރުން ކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުމެން ފަދަ ބޭފުޅުންނަކީ ރައީސް ޔާމީނަށް އިއްވީ ހަރާމް ހުކުމެއް ކަމަށް ވިދާޅުވެ، އެ މަނިކުފާނު ދޫނުކޮށްލަނީސް ގެއަށް ނުވަންނަވާން މަގުމައްޗަށް ނިކުންނެވި ބޭފުޅުންނެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ރައީސް ޔާމީން ސިފަ ކުރަނި ވަގެއްގެ ގޮތުގައެވެ.
ސިޔާސީންނަކީ، އެއިރެއްގައި އޮންނަ އޮއިވަރާއެކު ކުރިޔަށް ވަޑައިގަންނަވާ ބޭފުޅުންނެވެ. ގަޓާ އެކު ވަޑައިގަންނަވާ ބޭފުޅުންނެވެ. ސިޔާސީ މައިދާނަކީ ހަން ބޯ ވެގެން ކުރިމަތިލެވޭ ދާއިރާއެކެވެ. ކެރުންތެރިކަމާއި ޖެހިލުންކުޑަކަމާ އެކުގައެވެ. މި ވަގުތު އެފަދަ ގިނަ ބޭފުޅުންތަކެއް ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެބަ ތިއްބެވިއެވެ.
އެހެންކަމުން މި ކަންތައްތަކަށް ބެއްލެވިނަމަވެސް މެންބަރުކަން ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މުހިއްމުކަން ފާހަގަވެގެން ދެއެވެ.
އެބޭފުުންނަށް ސިޔާސީ ގޮތުން ލިބިފައިވާ ކުޅަދާނަކަމަށާއި، އެ ބޭފުޅުން ކުރައްވާފައި ނުކުރައްވާނެ ކަމެއް މިހާރު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒުއަށެވެ. އެހެންކަމުން، ގާނޫނު އަސާސީއަށް އެ އިސްލާހު ގެންނާން ޖެހެއެވެ. އެއީ ގާނޫނާ ފުށުއަރާ އިސްލާހެއް ކަމަށްވެސް ވާހަކަ ދެއްކިދާނެއެވެ. ޑިމޮކްރެސީއާއި މިނިވަންކަމާ ދެކޮޅު އިސްލާހެއްކަމަށްވެސް ވާހަކަ ދެއްކިދާނެއެވެ.
ނަމަވެސް ހަގީގަތަކީ ގާނޫނުއަސާސީ އާއި ގާނޫނުގެ މައްދާތައް ކޮންމެ މީހަކުވެސް މާނަކުރަނީ އެމީހަަކަށް އެއިން ފައިދާ ވާގޮތަށެވެ. ޑިމޮކޮކްރަސީ އާއި މިނިވަންކަމަކީވެސް ހަމަ އެފަދަ ކަމެކެވެ. ޑިކޮމްރަސީއަކީވެސް އެމީހަކު ބޭނުންގޮތަކަށް ބަދަލު ކުރެވޭ އެއްޗެއްގެ ގޮތުގައި އޮންނަނީވެފައެވެ. މިިނިވަންކަންވެސް ދެކެނީ އެ މީހަކު ބޭނުންކަމެއް ކުރުމާއި ބޭނުން ކޮންމެ ގޮތަކަށް އުޅެވެން ޖެހޭގޮތަށް އޮންނަ ކަމެއްގެ ގޮތުގައެވެ.
ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދައްކާ ވާހަކައިގައި ވެސް އޮތީ ހަގީގަތެކެވެ. މުއިއްޒު މި ގެންނެވި ބަދަލުން މެންބަރުން ގޮނޑީގައި ހަގީގަތުގައި ތަޅު މި އެޅުވީ ދިވެހި ރައްޔިތުންނެވެ. ކުރީން އޮންނަ ގޮތުން ނަމަ، ހޮވެންވީމާ މެންބަރުން ހަދާ ގޮތަކީ، ހޮވޭން އޮންނަ ފޯމިއުލާއަށް ބަލައިގެން ކުރިމަތިލަނީއެވެ. ހޮވުނީމާ ބޭނުން ފަޅިއަކަށް އަރައިގެން ގޮނޑީގެ ނުވަތަ ވޯޓުގެ ނީލަން ކިޔޭނެ ކަމުގެ ނުބައި ނިޔަތް ބާއްވައިގެންނެވެ. ރައްޔިތުން ވޯޓު ދެނީ އެކަން ނޭނގި ތިބެ އެވެ. މަޖިލިސް ގޮނޑިއަށް ހޮވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ، އެ މީހަކު ކުރިމަތިލާ ހައިސިއްޔަތެވެ. ވޯޓު ދެނީ އެހެންވެ އެވެ. ބޭނުން އިރަކު ގޮނޑި ވިއްކިގެން ނުވާނެ އެވެ. މިއަދު ރައީސް ޑރ. މުއިއްޒު އިސްވެ ހުންނަވައި މި ގެންނެވި ބަދަލުގެ ސަބަބުން، ރައްޔިތުން ހޮވައިދިން ހައިސިއްޔަތު ދޫކޮށް އެހެން ދިމާއަކަށް ގޮނޑި ވިއްކައިލުމުގެ ބާރު އެއްވެސް މެންބަރަކަށް ނޯންނާނެ އެވެ.
ކޮންމެ ބަޔަކު ކޮށްމެ އެއްޗެއް ކިޔަސް ރިޔާސީ ދައުރުގެ ކުރީކޮޅު ރައީސް ޑރ. މުއިއްޒު މި އެޅުއްވީ އެ މަނިކުފާނުގެ ސިޔާސީ ކުރިކަމަށް ރަނގަޅު މުހިއްމު ފިޔަވަޅެކެވެ. އެއީ ސިޔާސީ ގޮތުން އެ މަނިކުފާނު ކުރިއަށް ކުޅުއްވި ކުޅިއެކެވެ. މި ކުޅީގެ ސަބަބުން ރައްޔިތުންނަށް ވެސް އެ މީހުން މެންބަރު ހޮވަން ވޯޓުދިން ހައިސިއްޔަތުގެ ކަށަވަރުކަން ލިބިގެންދެއެވެ. ވޯޓު ވިއްކުމުގެ ބާޒާރު ބޮޑުތަނުން ބަންދު ކުރުމަށް ފުރުސަތު ލިބެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް