ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދޭތެރޭ ކުރީގެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަންތައް ކޮށްފައި ވަނީ އަނިޔާވެރިކޮށް ކަމަށާއި، އެކަމުގައި ހައްގު ހޯދަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)އަށް ދާން ޖެހިއްޖެއްޔާ އެކަން ކުރަންވެސް ތައްޔާރު ކަމަށް އެ ކްލަބުގެ އާ ޗެއާމަން އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ތާރީހީ އަދި އެންމެ ކާމިޔާބު އެއް ކްލަބު ނިއު ރޭޑިއަންޓްގެ އާ ޗެއާމަނަކަށް މުބީން އިންތިހާބު ކޮށްފައި ވަނީ މިމަހު 20 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ އާއްމު ޖަލްސާގައެވެ. މުބީނާއެކު ވައިސް ޗެއާމަންގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް (މުޖޭ) ވެސް އިންތިހާބު ކޮށްފައިވެއެވެ. އޭގެ އިތުރުން ވައިސް ޗެއާމަނަކަށް އިންތިހާބުކޮށްފައިވަނީ އަލް އުސްތާޒު އަލީ ރަޝީދެވެ.
ރާއްޖޭގެ އެންމެ ގިނަ ތަށި ހޯދި ނިއުއަކީ، ހަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީމެކެވެ. އެ ކާމިޔާބީތަކަށް މަޑު ޖެހުނީ އެތައް ލައްކައެއްގެ ދަރަންޏާއެކު އެ ކްލަބު 2019 ވަނަ އަހަރު ސަސްޕެންޑް ކުރުމުންނެވެ. އެއީ ހައްގު އަދަބެއް ނޫން ކަމަށާއި، އެއީ އޭރު އޮތް އެފްއޭ މެނޭޖުމަންޓާ ދެކޮޅަށް އަޑު އުފުލުމުގެ ސަބަބުން ދިން އަދަބެއް ކަމަށް އަދިވެސް ނިއުއިން ގަބޫލުކުރަމުންދާ އިރު، މިދިޔަ އަހަރުތަކުގައި އެ ކްލަބަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ދަރަނީގެ ޗެލެންޖެވެ.
ނިއުގެ ޗެއާމަން ކަމާ ހަވާލުވެ، މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ޕްރެސްގައި މުބީން ވިދާޅުވީ ނިއުއަށް ކަންކަން ކޮށްފައި އޮތީ ބޭއިންސާފުން ކަމަށެވެ.
"ނިއު ރޭޑިއަންޓާ ދޭތެރޭގައި ވަރަށް ބޮޑަށް ބޭއިންސާފުން ކަންކަންކޮށްފައިވާކަން ފާހަގަކުރެވިފައިވޭ. އެއީ ކުރީގެ އެފްއޭގައި ތިބި މީހުން. ފުރަތަމަ ޑިވިޝަނުގައި ކުޅެމުން ދަނިކޮށް، އޭއެފްސީ ފީފާއިން ނިއުއަށް ދިން އަދަބަކީ ޓްރާންސްފާ ބޭނެއް. އެއީ ކުޅުންތެރިން ޓީމަށް ގެނައުމުން މި ސަސްޕެންޑް ކުރީ. ހަމައެކަނި ބޭންއެއް އައީ ޕްލޭޔަރުން ގަނެވިއްކުމުގެ ކަންކަމުގައި. އެހެން ނަމަވެސް، އެފްއޭއެގައި އޭރު ތިއްބެވި ބޭފުޅުން ޒާތީ ތައައްސުބު އިސްކޮށް، ވަރަށް ބޭއިންސާފުން، އަދުލުވެރިކަމެއް ނެތި، ކުރި ކަމެއް (ކްލަބު ސަސްޕެންޑް) ކުރުމަކީ،" މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ އެ ސަސްޕެންޝަނާއެކު ފުޓުބޯޅައަށް ޖުމުލަކޮށް، ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި، ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދަށްވެސް ބަދަލުތަކެއް އައި ކަމަށެވެ. އަދި މިހާރު ފުޓުބޯޅަ އޮތް ހާލަތުން އަރައިގަންނަން ނިއު ރޭޑިއަންޓްގެ ހާލަތު ރަނގަޅުވާން ޖެހޭ ކަމަށްވެސް މުބީން ފާހަގަކުރެއްވިއެވެ.
"ނިއު ރޭޑިއަންޓް މިހާރު އޮތް ހާލަތު ބަދަލުކުރަން މިނުކުތީ. އެކަމުގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށްވެސް ދާން ޖެހިއްޖެއްޔާ ދާނަން. މިއީ ދެން ހަނގުރާމައެއްތާ. ހަނގުރާމައިގައި ދަ ހޭގަށް ދާން ޖެހުނަސް، ނިއުގެ ހައްގު ހޯދަން ކުރަން ޖެހޭ ކަމެއް ކުރާނަން،" ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި މުބީން ފާހަގަކުރެއްވިއެވެ.
މުބީން އިތުރަށް ޕްރެސްގައި ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުން ފެނިފައި ހުރި ނަމަވެސް، ނިއުގައި މިކުރާ މަސައްކަތަކީ ތަފާތު މަސައްކަތެއް ކަމަށެވެ. ނިއުގެ ބޯޑުގައިވެސް ހުރިހާ ފިކުރަކަށް ޖާގަ އޮންނާނެ ކަމަށް ވިދާޅުވެ، މުބީން ވިދާޅުވީ ސިޔާސީ މަސައްކަތާ ނިއުގެ މަސައްކަތާ ނުގުޅުވުމަށް ކަމަށެވެ.
ޗެއާމަން މުބީންގެ މަސައްކަތްތަކަށް އަލިއަޅުވާލައި، އޭނާ ވިދާޅުވީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ޓީމް އެކުލަވާލެވި، ކޯޗެއްވެސް ހަމަޖައްސާ ތަމްރީނުތައް ފެށޭނެ ކަމަށެވެ. އަދި ބޮޑެތި އާބާދީތަކުގައި ނިއުގެ އެކަޑެމީ ފެށުމަށް މަސައްކަތް ކުރާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު