ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ދިއްދޫ ފުޓުބޯޅަ ޓީމުން ކުޅުނު މެޗުގައި ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރު ކޮށްފިއެވެ.

މިއަދު ދިއްދޫ ދަނޑުގައި ކުޅުނު މެޗުގައި ދިއްދުއާއި ނިއު ރޭޑިއަންޓް އެއްވަރުވީ 2-2 އިންނެވެ.

މިއަދުގެ މެޗަށް ދިއްދޫން ނުކުތީ އެޓީމުގެ އަވޭގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެންނެވެ. ފުރަތަމަ މެޗުގައި އެޓީމުން މިދިޔަ ސީޒަނުގެ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނު ބުރު ސްޕޯޓްސް ކްލަބު ބަލިކުރި އިރު، ދެން ކުޅުނު މެޗުގައި ވަރުގަދަ ވިކްޓްރީ ސްޕޯޓްސް ކްލަބު ކައިރިން ބަލިވީ ހަމަ ކިރިޔާއެވެ. އެއީ 4-3 ގެ ނަތީޖާއަކުންނެވެ. އެޓީމުން އަވޭގައި އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ކުޅުނު މެޗުގައި ބިސް ބުރު ސްޕޯޓްސް ކްލަބު ކައިރިން ބަލިވީ 1-0 އިންނެވެ.

އަނެއްކޮޅުން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ޗެމްޕިއަން ނިއު ރޭޑިއަންޓުން މިއަދުގެ މެޗަށް ނުކުތީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައްދޫވެސް ބަލިކޮށްފައި އޮވެގެންނެވެ. ނިއު ރޭޑިއަންޓަށް މިއަދުގެ މެޗަކީ އަވޭ ދެވަނަ މެޗެވެ. އެޓީމުން ކުރިން ގައްދުއާ ދެކޮޅަށް ކުޅުނީ އެރަށުގައެވެ.

ނިއު ރޭޑިއަންޓާއި ފުޓުބޯޅައިގެ އެހެން ބައެއް ލެޖެންޑުންވެސް މިއަދުގެ މެޗު ބެލުމަށް ދިއްދުއަށް ގޮސްފައިވާ އިރު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުވެސް ވަނީ މެޗަށް ވަޑައިގެންފައެވެ. މެޗުގެ ފުރަތަމަ 11 އަށް ނިއު ރޭޑިއަންޓުން އަލީ ފާސިރު (ސެންޓޭ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) ވެސް ނެރެފައި ނުވާ އިރު، މެޗު ވަރުގަދަކޮށް ފެށީ ދިއްދޫންނެވެ.

މުޅި ދަނޑު ވަށައިގެން ދިއްދޫގެ ސަޕޯޓަރުން ފުރިފައި އޮތް އިރު، އެ ސަޕޯޓަރުން ކައްކުވާލީ 10 ވަނަ މިނެޓުގައި އުފާލް އަބްދުﷲ ޖަހައިދިން ގޯލުންނެވެ. އެ ގޯލަކީ އަރިމަތިން އާދަމް ޝިޔާން މުހައްމަދު ނަގައިދިން ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބު ކޮށްދިން ގޯލެކެވެ.

އެހިސާބުންވެސް ދިއްދޫން ފަހަތަށް ޖެހޭކަށް ނުވިސްނައެވެ. އޭގެ ތިން މިނެޓް ފަހުން ދިއްދޫން ދެވަނަ ގޯލެއް ޖެހިއެވެ. އުފާލް ދުއްވާލި ބޯޅައެއްގައި މުޅިން ހުސްކޮށް ކުރިއަށް އަރައި ޓެޓޭ ގިޑިއޮން ބޯޅަ ގޯލަށް ވައްދާލީ، ނިއު ރޭޑިއަންޓްގެ ކީޕަރު އަހުމަދު ސަމީރުވެސް ނައްޓާލުމަށްފަހުއެވެ.

އޭގެފަހުން ނިއު ރޭޑިއަންޓުން މެޗު އެއްވަރުކުރަން ކުރިއަށް ބޯޅަތައް ކުޅެން ފަށާފައިވާ އިރު، އެެޓީމުން ވަނީ ސެންޓޭވެސް ފުރަތަމަ ހާފުގައި ބަދަލަކަށް ނެރެފައެވެ. އޭގެ ކުރިން އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ހިލޭ ޖެހުމެއް ދަނޑިއަށް އަމާޒުވި އިރު، ސެންޓޭ ފޮނުވާލި ހިލޭ ޖެހުމެއްގައި ދަގަނޑޭ ފޮނުވާލި ބޯޅަވެސް އަމާޒުވީ ދަނޑިއަށެވެ.

މެޗު ތެރެއަށް އަނބުރާ ވަނުމަށް ނިއު ރޭޑިއަންޓުން ކުރި މަސައްކަތުގައި މެޗުގެ 34 ވަނަ މިނެޓުގައި އެޓީމުން ގޯލެއް ޖެހިއެވެ. އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިގައި ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން އަތުން ނެއްޓިގެން ދިޔަ ބޯޅައިގައި ޑޮރިއެލްޓަން ގޮމޭސް ނަސިމެންޓޯ (ޑޮރީ) ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވި އިރު، ރީބައުންސްގައި ދަގަނޑޭ ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

ދިއްދޫން ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފުގައިވެސް ދިއްދޫން ވަނީ ނިއު ރޭޑިއަންޓަށް މާ ބޮޑު ޖާގައެއް ހޯދިޔަ ނުދީ ހިފަހައްޓައިފައެވެ. ހާއްސަކޮށް އެޓީމުން ޑިފެންސިވްލީ ނިއު ރޭޑިއަންޓް ހިފެހެއްޓުުގައި ތަފާތު ރޫހެއް ދެއްކިއެވެ. ކައުންޓާގައި އެޓޭކްތަކަށް ވިސްނައިގެން ދިއްދޫން ކުޅެފައިވާ އިރު، ނިއު ރޭޑިއަންޓުން ވަނީ ދެވަނަ ހާފުގައި ހަންނައާއި މުހައްމަދު ޔަޒްދާނާއި މުހައްމަދު ނިޒާމް (ޕީކޭ)ވެސް ކުޅެން ނެރެފައެވެ.

ފަހު ހާފުގައި ރެފްރީގެ ބައެއް ނިންމުންތަކަށް ދިއްދޫ ބެންޗުން ހިތްހަމަނުޖެހުންވެސް ފާޅުކޮށްފައިވާ އިރު، ނިމުން ފެނިގެން ދިޔައީ ތަފާތު ފޯރިއެއްގައެވެ. އެ ފޯރީގައި ދިއްދޫން ހިފަހައްޓާލަން ކުރި މަސައްކަތުގައި އެންމެ ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހުނީ ފަހު ސިކުންތުގައި ނިއު ރޭޑިއަންޓުން ޖެހި ގޯލުންނެވެ. އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި އަބްދުލާއީ ބިލިޓީ ޖެހި އެ ގޯލާއެކު ނިއު ރޭޑިއަންޓުން ޕޮއިންޓެއް ސަލާމަތް ކުރި އިރު، އޭގެފަހުން ޑޯރީއަށް ހުސްކޮށް ލިބުނު ބޯޅައިގައި އޭނާއަށް ބޯޅަ ގޯލަށް ވައްދާލެވޭ ގޮތެއް ނުވިއެވެ.