ލެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވެ، ރޫދު ވާން ނިސްޓެލްރޫއީ އެނބުރި ޕްރިމިއާ ލީގަށް ނުކުންނާނެ ކަމަށް ހަބަރުތައް ބުނެފިއެވެ.

އުމުރުން 48 އަހަރުގެ ނިސްޓެލްރޫއީ ޕްރިމިއާ ލީގާ ދުރަށް ޖެހިލީ އޭނާގެ ކެރިއަރުގައި ގިނަ މެޗުތަކެއް ކުޅެފައިވާ ކްލަބު، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުރުމަށްފަހުގައެވެ. އެ ކްލަބުގެ އެސިސްޓެންޓް ކޯޗުކަމުގައި މި ސީޒަން ފެށި ނިސްޓެލްރޫއީ ވަގުތީ ކޯޗުކަމާ ހަވާލުވީ ކުރިން އެމަގާމުގައި ހުރި އެރިކް ޓެން ހާގު ވަކިކުރުމާ ގުޅިގެންނެވެ.

ޔުނައިޓެޑާ އޭގެފަހުން ހަވާލުވި ކޯޗު ރުބެން އަމޯރިން ކޯޗިން ޓީމު އެކުގައި ކްލަބާ ހަވާލުވެފައިވާ އިރު، ނިސްޓެލްރޫއީ މަޑުކުރާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް، އޭނާ ނިންމީ ކްލަބާ ދުރަށް ޖެހިލާށެވެ. ވަގުތީ ގޮތުން ޔުނައިޓެޑާ ހަވާލުވެ ހުރިއިރު، ނިސްޓެލްރޫއީއާއެކު އެ ކްލަބުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

ލެސްޓާއާ ދާދިފަހުން ހަވާލުވި ސްޓީވް ކޫޕާ މަގާމުން ވަކިކުރީ އެޓީމުން މިހަފުތާގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކުގައެވެ. އެއީ އެ ކްލަބުގެ ކޯޗުކަމާ އޭނާ ހަވާލުވިތާ 157 ދުވަސް ފަހުންނެވެ.

ނިސްޓެލްރޫއީއަކީ ކުރިން ޔުނައިޓެޑަށް ކުޅުނު ލެޖެންޑަރީ ފޯވަޑެކެވެ. އެގޮތުން އޭނާ ވަނީ 2001 ވަނަ އަހަރުން 2006 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑަށް ކުޅުނު 219 މެޗުގައި 150 ގޯލު ޖަހައިދީފައެވެ. ކުރިން ޕީއެސްވީއަށް ކޯޗުކަން ކޮށްދިނުމަށްފަހު ޔުނައިޓެޑްގެ އެސިސްޓް ކޯޗުކަމާ އޭނާ ހަވާލުވީ މި ސީޒަނަށެވެ.