ލެސްޓާ ސިޓީގެ ލެޖެންޑަރީ ފޯވަޑް، ޖޭމީ ވާދީ އެ ކްލަބަށް ކުޅުނު ފަހު މެޗުގައި ގޯލު ޖަހައި، އިޕްސްވިޗް ބަލިކޮށްދީފިއެވެ.

އުމުރުން 38 އަހަރުގެ ވާޑީ، މި ސީޒަނުގައި ޖެހި 10 ވަނަ ގޯލާއެކު ލެސްޓާއިން ރޭ އިޕްސްވިޗް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ލެސްޓާއާއި އިޕްސްވިޗަށްވެސް ރެލިގޭޝަން ޔަގީންވެފައިވާ އޮތް އިރު، ރޭގެ މެޗުގެ ހުރިހާ ފޯކަސްއެއް ހުއްޓިފައި އޮތީ ވާޑީއަށެވެ.

ވާޑީ، އޭނާ ލެސްޓާ ޖާޒީގައި ކުޅުނު 500 ވަނަ މެޗަށް ރޭ ނުކުމެފައިވާ އިރު، އެ މެޗަކީ ކްލަބު ޖާޒީގައި ކުޅުނު ފަހު މެޗެވެ. ވާޑީ ލެސްޓާއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާ އިރު، އެއްބަސްވުން ހަމަވުމާއެކު ކްލަބު ދޫކޮށްލާނެކަން ވަނީ ޔަގީން ކޮށްދީފައެވެ. އަދި ލެސްޓާއިން މި ސީޒަނުގައި ކުޅޭ ފަހު މެޗުގައި ނުކުޅޭނެ ކަމަށްވެސް ވާޑީ ވަނީ ބުނެފައެވެ.

މީގެ 13 އަހަރު ކުރިން ލެސްޓާއިން ވާޑީ ގެންދިޔައީ މިލިއަން ޕައުންޑަށެވެ. އެއީ ފްލީޓްވުޑް ޓައުންއިންނެވެ. އޭރު ވާޑީއަކީ ފެކްޓަރީއެއްގައިވެސް މަސައްކަތް ކުރަމުން ދިޔަ ކުޅުންތެރިއެކެވެ. އެ ކެރިއަރު ފަހުން ބަދަލުކޮށްލައި، ވާޑީ ވަނީ ލެސްޓާއާއެކު ޕްރިމިއާ ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ވާޑީ، ކްލަބަށް 200 ގޯލު ޖަހައިދީފައިވާ އިރު، ރޭ އެޓީމުގެ އަނެއް ގޯލު ޖެހީ ކަސޭ މެކަޓިއާއެވެ.