ލެސްޓާ ސިޓީއަށް ދެވަނަ ޑިވިޝަނުގެ ތަށި ހޯދައިދީ، އެޓީމު ޕްރިމިއާ ލީގަށް ގެންގޮސްދިން ކޯޗު، އެންޒޯ މަރެސްކާ ގެންދަން ޗެލްސީން ހުރިހާ މަސައްކަތްތަކެއް ނިންމާފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

އުމުރުން 44 އަހަރުގެ އިޓަލީ ކޯޗު، މަރެސްކާ ލެސްޓާއާ ގުޅުނީ 2023 ވަނަ އަހަރުއެވެ. ފުރަތަމަ ސީޒަނުގައި ލެސްޓާއިން ހޯދި ކާމިޔާބީއާ އެކު އޭނާ ހޯދަން ޗެލްސީން މަސައްކަތް ކުރަމުންދާ އިރު، މަރެސްކާވެސް ޗެލްސީއާ ހަވާލުވާން ބޭނުންވާ ކަމަށް ނޫސްތައް ބުނެއެވެ.

ރިޕޯޓުތައް ބުނެފައި ވަނީ މަރެސްކާ ލެސްޓާއާ އެކު އެއްބަސްވުން ހަދާފައި އޮތުމުން، ލެސްޓާއިން ޗެލްސީ ކިބައިން ފީއަކަށް އެދޭ ކަމަށެވެ. އެގޮތުން ލެސްޓާއިން މަރެސްކާއަށް ޑިމާންޑް ކުރަނީ އަށް މިލިއަން ނުވަތަ 10 މިލިއަން ޕައުންޑް ކަމަށްވެސް ނޫސްތައް ބުނެއެވެ. ލެސްޓާއިން ޑިމާންޑް ކުރާ އަގު، ޗެލްސީން ދައްކަން ތައްޔާރު ކަމަށްވެސް ނޫސްތައް ބުނެއެވެ.

ޗެލްސީއާ މިދިޔަ ސީޒަނުގައި ހަވާލުވެ ހުރި ކޯޗު، މައުރީޝިއޯ ޕޮޗެޓީނޯ ވަނީ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލައިފައެވެ. ޕޮޗެޓީނޯ ޗެލްސީއާ އެކު ލީގު ކަޕް ފައިނަލަށް ގޮސް، ލީގުގެ ހަވަނައިގައި ނިންމާލި ނަމަވެސް، ދެފަރާތް އެއްބަސްވެ ނިންމީ މަގާމުގައި އޭނާ އިތުރު ނުބަހައްޓާށެވެ.

ޗެލްސީން ހޯދަން މަސައްކަތް ކުރާ މަރެސްކާ އަކީ މީގެ ކުރިން ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކުރި ކޯޗެކެވެ. އެހެންކަމުން ޗެލްސީގެ ކޯ އޯނަރު، ބެހްދާދު އެގްބާލީއަށް މަރެސްކާ ކަމުދާ އެއް ސަބަބަކީ އެއީ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.