ލެސްޓާ ސިޓީއަށް ފިޔަވަޅު އަޅަން ޕްރިމިއާ ލީގުން ނިންމި ނިންމުމާ ގުޅިގެން އިސްތިއުނާފަށް ހުށަހެޅި މައްސަލަ، ލެސްޓާ ކޮޅަށް ނިމިއްޖެއެވެ.

ޕްރިމިއާ ލީގުން ލެސްޓާއާ މެދު ފިޔަވަޅު އަޅަން ހުށަހެޅީ އެ ޓީމުން ޕްރިމިއާ ލީގުގެ ޕްރޮފިޓް އެންޑް ސަސްޓެއިނަބިލިޓީ (ޕީއެސްއާރް) އުސޫލާ ހިލާފަށް ހަރުދުތައް ކޮށްފައިވާ ކަމަށް ބުނެއެވެ. ޕީއެސްއާރް އުސޫލުތައް ބުނާގޮތުން، ޕްރިމިއާ ލީގުގެ ކްލަބަކަށް ތިން އަހަރު ތެރޭގައި 105 މިލިއަން ޕައުންޑަށްވުރެ ބޮޑު ގެއްލުމެއް ވެގެން ނުވާނެއެވެ. އެ އުސޫލުގެ ދަށުން މިހާތަނަށް ނޮޓިންހަމްއާއި އެވަޓަން އަތުން ޕޮއިންޓް އުނިކުރިތަން ފެނިފައިވެއެވެ. އެއީ މިދިޔަ ސީޒަނުގައެވެ.

ޕޮއިންޓް އުނިކުރި ނަމަވެސް، އެ ދެޓީމުވެސް ވަނީ ރެލިގޭޝަނުން ސަލާމަތްވެފައެވެ.

ލެސްޓާއާ ދެކޮޅަށްވެސް ޕްރިމިއާ ލީގުން ހުށަހެޅީ ޕީއެސްއާރް އުސޫލާ ހިލާފުވެގެން ޕޮއިންޓް އުނިކުރުމަށެވެ. އެ މައްސަލައިގައި ލެސްޓާއިން އިސްތިއުނާފު ކުރީ މިދިޔަ ސީޒަނުގައި އެ ޓީމު ކުޅުނީ ދެވަނަ ޑިވިޝަނުގައި ކަމަށް ބުނެއެވެ. އެ ހުށަހެޅުން، މިނިވަން ކޮމިޝަނަކުން ދިރާސާކޮށް ނިންމާފައި ވަނީ ލެސްޓާއަށް ފިޔަވަޅު އަޅަން ނުޖެހޭނެ ކަމަށެވެ.

އެ މައްސަލައިގައި ޕްރިމިއާ ލީގުން ބުނެފައި ވަނީ މިނިވަން ކޮމިޝަނުގެ ނިންމުމަށް މާޔޫސްވާ ކަމަށެވެ. އެހެން ނަމަވެސް ލެސްޓާއިން ވަނީ ލިޔެފައިވާ އުސޫލަށް ބަލައި، ނިންމި ނިންމުމަށް މަރުހަބާ ކިޔައިފައެވެ. ލެސްޓާއިން ބުނީ އުސޫލުތަކަށް ހަމަހަމަކަމާއެކު އަމަލުކުރާ ކުރުމަށް ޝުކުރު އަދާކުރާ ކަމަށެވެ.