ހުޅުމާލެ ވިނަރެސް ފްލެޓް ކައިރިން މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު މީގެއްގެ ގައިގައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓްގެ މައްސަލައިގައި ދައުވާކޮށްފައިވާ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހުމާން ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ވަނީ އިކްރާމުއްރަހުމާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މީގެކުރިން އަމުރުކޮށްފައެވެ.
އެކްސިޑެންޓް މައްސަލައާ ގުޅިގެން ދައުލަތުން އިކްރާމްރަހުމާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ އެކްސިޑެންޓް ވުމުން، އެ ކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ދައުވާތައް އިއްވައި ސާފުކޮށްދީފައެވެ. ދައުވާތައް އިއްވައި ނިމުމުން އިކްރާމުއްރަހުމާންގެ ވަކީލު މަރިޔަމް ނާޒްލީން ވިދާޅުވީ އިކްރާމްގެ ފަރާތުން ދައުވާތަކަށް އިންކާރު ކުރާ ކަމަށެވެ. އެއަށްފަހު ދައުވާތަކާ ގުޅޭ އިތުރު ކަންތައްތަކެއް ސާފުކުރުމުގެ ގޮތުން ދިފާއުން ކުރި ސުވާލުތަކަށް ދައުލަތުން ވަނީ ޖަވާބުދީފައެވެ.
އެއަށްފަހު ކުރިއަށް ގެންދިޔައީ އިކްރާމްރަހުމާން ކަފާލާތުގެ ދަށުން ދޫކޮށްލަށް ދިނުމަށް އެދިފައިވާތީ އެ މައްސަލަ ކުރިއަށް ގެންދިޔުމެވެ. ދައުލަތުން ވިދާޅުވީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ގަބޫލުކުރާ ކަމަށާއި އަދި މައްސަލައިގެ ކަންހިނގައިފައިވާ ގޮތަށް ބަލާއިރު އިކްރާމުއްރަހުމާންއަކީ މުޖުތަމައަށް ނުރައްކާ ހުރި މީހެއް ކަމަށެވެ. އަދި އޭނާއަކީ ފިލައިގެން ދިޔުމުގެ އިހުތިމާލު އޮތުމުގެ މީހަކަށްވުމުން، ބަންދުން ދޫކޮށްލަން ނުފެންނަ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
އިކްރާމުއްރަހުމާން ފިލުމުގެ އިހުތިމާލު އޮތީ އޭނާއަކީ އެކްސިޑެންޓުވުމުން ސީނުން ފިލި މީހަކަށްވުމުން ކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި ފިލުން މާނަކުރަނީ ކޯޓަށް ހާޒިރުނުވުމަށް ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ނަމަވެސް މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އިކްރާމުއްރަހުމާންގެ ބަންދު އަމުރުގައި އޭނާ ބަންދު ކުރި ސަބަބެއްގެ ގޮތުގައި ފިލައިގެން ދިޔުން ހިމަނައިފައިނުވާ ކަމަށެވެ.
އިކްރާމުއްރަހުމާން ބުނީ އޭނާ ސީނުން ފިލައިފައި ނުވާނެ ކަމަށާއި ފުލުހުން އޭނާ ހައްޔަރު ކުރީ ގޭގައި ހުއްޓައި ކަމަށެވެ. އަދި ސީނުން ދިޔައީ ސީދާ ގެއަށް ކަމަށާއި އެނޫން އިތުރު ތަނަކަށް ގޮސްފައިނުވާނެ ކަމަށެވެ.
ދައުލަތުގެ ވާހަކަތަކާ ގުޅިގެން މަރިޔަމް ވިދާޅުވީ މައްސަލައިގެ ފުލުހުން ހުށަހަޅައިފައިވާ ބައެއް ވީޑިއޯ ފޫޓޭޖުތައް މިހާރު ވަނީ ނަފީވެފައި ކަމަށާއި އެގޮތުން އިކްރާމުއްރަހުމާން ސީނުން ފިލި ކަމަށް ފުލުހުން އަދި ދައުލަތުން ވީޑިއޯ ފުޓޭޖާ ހަވާލާދީ ފާހަގަކުރާ އިރު، ފަހުން ހުށަހެޅި ފޫޓޭޖުތަކުން އިކްރާމުއްރަހުމާން ސީނުގައި މަޑުކޮށްގެން ހުންނަ މަންޒަރާއި އަނިޔާވި މީހާގެ ފޯނު ގެންގޮސް ފުލުހުންނާ ހަވާލުކޮށް ކާރު ދުއްވައިފައި އައިގޮތް ކިޔައިދޭ މަންޒަރު ފެންނަ ކަމަށެވެ.
އިކްރާމުއްރަހުމާން ޝަރުތުތަކާ އެކު ނަމަވެސް އޭނާ ބަންދުން ދޫކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް މަރިޔަމް ވިދާޅުވިއެވެ.
އެ ހުރިހާ ވާހަކަތަކެއް އަޑުއެހުމަށްފަހު ގާޒީ ވިދާޅުވީ އިކްރާމުއްރަހުމާންގެ މައްޗަށް ތުހުމަތުތަކެއް ވުޖޫދު ކުރެވޭ މިންވަރަށް ހެކި އެބަހުރި ކަމަށެވެ. ނަމަވެސް އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތްކަމަށް ނުފެންނަ ކަމަށާއި އަދި ސީނުން ދިޔުމަކީ ކޯޓަށް ހާޒިރުނުވާނެ އަމަލެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިކްރާމުއްރަހުމާން މި މައްސަލައިގެ ހެކިނައްތާލައިފާނެ ކަމަށް ދައުލަތުން ވިދާޅުވިޔަސް އެކަމަށް ބާރުދޭނެ ހެއްކެއް ހުށަހަޅައިފައިނުވާ ކަމަށެވެ.
އެކަންތައްތައް ފާހަގަކޮށް ގާޒީ އަމުރުކުރެއްވީ އިކްރާމުއްރަހުމާން ބަންދުން ދޫކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު