ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ބަޔާން މިއުނިކުން ޕީއެސްޖީ ބަލިކުރި އިރު، ވަރުގަދަ މެންޗެސްޓާ ސިޓީން ފެޔެނޫޑް ކައިރިން އެއްވަރުވެއްޖެއެވެ.

ބަޔާނުން ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ސިޓީން ރޭ އަމިއްލަ ދަނޑުގައި ފެޔެނޫޑާ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސިޓީން ފުރަތަމަ ތިން ގޯލު ޖަހާފައި އޮއްވާ، ފެޔެނޫޑުން ފަހަތުން އަރައި އެއްވަރުކުރީ ފަހު ވަގުތު ގޯލުތައް ޖަހައިގެންނެވެ.

ޕެޕް ގާޑިއޯލާގެ ސިޓީގެ ނަތީޖާތައް ގޯހުން ގޯހަށް ގޮސްފައިވާ އިރު، އެޓީމުން ރޭގެ މެޗަށް ނުކުތީވެސް އެންމެފަހުން ކުޅުނު ފަސް މެޗުން ބަލިވެފައި އޮވެގެންނެވެ. މިއީ ގާޑިއޯލާގެ ކެރިއަރުގައިވެސް މުޅިން އަލަށް ކުރިމަތިވި އުނދަގޫ ހާލަތެކެވެ.

ޖަރުމަނު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބަޔާނުން ރޭ ވަރުގަދަކޮށް ފެށި މެޗުގެ ކުރީކޮޅުގައިވެސް އެޓީމަށް ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އެގޮތުން ޖޯޝުއާ ކިމިކް އޭރިއާ ތެރެއަށް ނަގައިދިން ހުރަސް، ޖަމާލް މުސިއާލާއަށް ލިބުނު ނަމަވެސް، އޭނާގެ ހަމަލާ މަތަކުރީ ޕީއެސްޖީގެ ގޯލްކީޕަރެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ބަޔާނުން ލީޑު ނެގި އިރު، އެ ގޯލަކީ ކޯނަރެއްގައި ބަޔާންގެ ޑިފެންޑަރު މިން-ޖައޭ ކިމް ޖަހައިދިން ގޯލެކެވެ. ކިމިކްގެ ކޯނަރު އޭނާ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.

ދެވަނަ ހާފުގައި ޕީއެސްޖީން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި އެންމެ ބޮޑު މާޔޫސް ކަމަކަށްވީ 56 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭއަށް ދެއްކި ރަތް ކާޑެވެ. ދެވަނަ ރީނދޫ ކާޑާއެކު ޑެމްބެލޭއަށް ދެއްކި ރަތް ކާޑާއެކު ޕީއެސްޖީ ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ އިރު، ބަޔާނަށް ލީޑު ފުޅާކޮށްދޭން މުސިއާލާ ދެވަނަ ހާފުގައި ފޮނުވާލި ހަމަލާވެސް ކާމިޔާބެއް ނުވިއެވެ.

ސިޓީން ރޭ އެއްވަރުވި މެޗުގައި އެޓީމުން ވަނީ ފުރަތަމަ ހާފު ނިމެން ދަނިކޮށް ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ އާލިން ބްރައުޓް ހާލަންޑެވެ. އޭގެފަހުން ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ސިޓީން ފުލުފުލުގައި ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ ފުޅާކުރިއެވެ.

ހާލަންޑްގެ އިތުރު ގޯލެއްގެ އިތުރުން ދެން ފެނިގެން ދިޔައީ އިލްކާއީ ގުންޑޮގަންގެ ގޯލެކެވެ.

ސިޓީ ކޮޅަށް ފެޔެނޫޑުން ފުރަތަމަ ގޯލެއް ޖެހީ 75 ވަނަ މިނެޓުގައެވެ. އެއީ އަނީސް ހަޖް މޫސާ ޖެހި ގޯލެކެވެ. އޭގެފަހުން ބަދަލަކަށް ނުކުތް ސަންޓިއާގޯ ގިމެނޭޒް ފެޔެނޫޑަށް ނަތީޖާގެ ފަރަގު އެއް ގޯލަށް ކުޑަކޮށްދިން އިރު، އެޓީމުން އެއްވަރުކުރި ގޯލު، 89 ވަނަ މިނެޓުގައި ޖެހީ ޑޭވިޑް ހަންކޯއެވެ.

ސިޓީއަކީ ޗެމްޕިއަންސް ލީގުގައި 75 ވަނަ މިނެޓާ ހަމައަށް ތިން ގޯލުގެ ލީޑެއްގައި އޮވެ، އެ މެޗުން މޮޅު ނުވެވުނު ފުރަތަމަ ޓީމެވެ. އެ ނަތީޖާއާއެކު ސިޓީން ލީގު ތާވަލުގެ 15 ވަނައިގައި ފަސް މެޗުން އަށް ޕޮއިންޓާއެކު އޮތް އިރު، ބަޔާން ރޭ މޮޅުވެ، އެޓީމު 11 ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ޕީއެސްޖީން 26 ވަނައިގައި މިވަގުތު އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ.