ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން އެންމެފަހުން ބޭނުންކުރި ހޯމް ޖާޒީ، ސްވިޒަލޭންޑްގެ ޒިއުރިކްގައި ހުންނަ ފީފާ ދާރުލްއާސާރުގައި ޑިސްޕްލޭ ކުރުމަށް ނިންމައިފިއެވެ.

ފީފާގެ މެންބަރު 211 ގައުމުގެ ޖާޒީވެސް ފީފާގެ ދާރުލްއާސާރުގައި ޑިސްޕްލޭ ކުރުމަށް އެ އިދާރާއިން މަސައްކަތް ކުރަމުން އަންނަ އިރު، މިހާރުވެސް 200 އެއްހާ ގައުމުގެ ގައުމީ ޓީމު ޖާޒީ އެ ދާރުލްއާސާރުން ފެންނަން ހުރެއެވެ. ފީފާއިން ރާއްޖޭގެ ޖާޒީ އެ ދާރުލްއާސާރަށް ލުމަށްވެސް މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާ އިރު، މިފަހަރު ލިބުނު ފުރުސަތުގެ ބޭނުން ހިފީ ޖާޒިޔާއިންނެވެ.

އެންމެފަހުން ފީފާ ބްރޭކްގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ކުޅުނު ދެމެޗުގައިވެސް ޓީމުން ބޭނުންކުރީ ޖާޒިއާއިން ސަޕްލައިކޮށްދީފައިވާ ހޯމް ކިޓެކެވެ. އެ ކިޓަކީ ޖާޒިއާގެ އަމިއްލަ ފަރުމާއެކެވެ. އަދި އެ ކިޓަކީ ކުރިން ގައުމީ ފުޓްސަލް ޓީމުންވެސް ބޭނުންކޮށްފައިވާ ކިޓަކަށްވާ އިރު، ފީފާ ދާރުލްއާސާރުގައި ރާއްޖޭގެ ހޯމް ކިޓްގެ ގޮތުގައި ޖާޒިޔާގެ ޑިޒައިން ފެނިގެން ދިއުން އެއީ އެ ކުންފުންޏާއި ދިވެހި ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ޝަރަފެކެވެ.

"ފީފާއިން އަޅުގަނޑުމެންނާ ހަމައަށް އައީ މެއިލްކޮށްގެން. ރާއްޖޭގެ ކިޓް ހޯދަން ފީފާއިން މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް މެއިލްގައި ބުނެފައިވޭ. އަދި އެ މެއިލްގައި ބުނީ ގައުމީ ޓީމުން އެންމެފަހުން ކުޅުނު މެޗުގައި ބޭނުންކުރި ހޯމް ކިޓްގެ ޖާޒީ، ފީފާ ދާރުލްއާސާރަށް ފޮނުވައި ދިނުމަށް. އެއީ އެ ފުރުސަތު ލިބުނު ގޮތަކީ،" ޖާޒިއާގެ ގައުމީ ޓީމު ކިޓް ފީފާ ދާރުލްއާސާރަށް ލުމަށް ލިބުނު ފުރުސަތާ ގުޅިގެން ޖާޒިއާގެ ކޯ ފައުންޑަރު ހަސަން ދިލްޝާން ބުންޏެވެ.

ދިލްޝާނަކީ ޖާޒީ ޑިޒައިންކުރި އާޓިސްޓިކް މޭސްތެރިޔާވެސް މެއެވެ. އޭނާ އެ ކިޓް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ގައުމީ ގަސް ކަމަށްވާ ދިވެހި ރުކާ ގުޅުވައި، ގައުމީ ވަންތަ ތަފާތު ގޮތަކަށެވެ. ދިލްޝާން ބުނީ ޖާޒީން ދައްކުވައިދެނީ ރުކުގެ ފަނުން އެޅިފައި ހުންނަ ހިޔަނީގެ ޑިޒައިނެއް ކަމަށާއި، ރުކުގެ ޑިޒައިނަކަށް ވިސްނާފައި ވަނީ އާއްމުކޮށް ހަދާ މަސް ފަދަ ތަކެތީގެ ޑިޒައިނާ ތަފާތު ކޮށްލުމަށް ކަމަށެވެ.

ދިލްޝާން އިތުރަށް ބުނީ، ފީފާ ދާރުލްއާސާރަށް ގައުމީ ޖާޒީ ލެވުމަކީ "ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބޭނެ ޝަރަފެއް،" ކަމަށެވެ. އަދި ޖާޒިއާއަށްވެސް އެއީ ފާހަގަކޮށްލެވޭނެ، އާ ހަރުފަތެއް ކަމަށް ދިލްޝާން ބުންޏެވެ. އޭނާ ބުނީ ޖާޒިއާގެ އަމިއްލަ، ދިވެހި ޑިޒައިނުގެ ޖާޒީއެއް ފީފާ ދާރުލްއާސާރަށް ފޮނުވަން ލިބުނު ފުރުސަތަކީ ފަހި ފުރުސަތެއް ކަމަށެވެ. އަދި ޖާޒިއާގެ ކާމިޔާބީއަކީ އެންމެ މީހެއް ދެމީހެއްގެ މަސައްކަތެއް ނޫން ކަމަށާއި، މުޅި ޓީމުގެ ބުރަ މަސައްކަތެއް ކަމަށްވެސް ދިލްޝާން ބުންޏެވެ.

"ޖާޒީގެ މަސައްކަތުގެ އެންމެ ފުރަތަމަ ސްޓޭޖުން ފެށިގެން ގޮސް، އެ ފިހާރައިގެ ވިއްކަން ތިބޭ ކުދިންނާ ހިސާބަށް އެންމެންގެވެސް ވަރަށް ބޮޑު އިންވޯލްމެންޓެއް އޮންނާނެ. ޖާޒިއާގެ ކާމިޔާބީއަކީ މި އެންމެން،" ދިލްޝާން ފާހަގަކުރިއެވެ.

ޖާޒިއާއަކީ ކުޅިވަރު ސާމާނު ސަޕްލައިކުރަމުން އަންނަ އެންމެ ފެންވަރު ރަނގަޅު ދިވެހި ބްރޭންޑެވެ. ޖާޒިއާގެ ޖާޒީ ޑިޒައިންތައް ތަފާތުވެފައި ކޮލިޓީ ރަނގަޅެވެ. ހާއްސަކޮށް ބޮޑެތި މުބާރާތްތަކާ ދިމާކޮށް ޖާޒިއާއިން އަބަދުވެސް ޕްރޮމޯޝަންތައް ކުރިއަށް ގެންދެއެވެ. ހާއްސަކޮށް ގޯލްޑަން ފުޓްސަލް ޗެލެންޖަށް އަމާޒުކޮށް ޖާޒިއާއިން މިހާރުވެސް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ އިރު، އެ މުބާރާތުގެ ކިޓް ޕާޓްނަރަކީވެސް ޖާޒިއާއެވެ.