އެއްބަސްވުން އާކުރުމުގެ މަސައްކަތުގެ ތެރެއިން ހުށަހެޅުމެއް ނުލިބޭތީ ލިވަޕޫލާ މެދު ހިތްހަމަ ނުޖެހިފައި ހުރި ކަމަށް އެ ކްލަބުގެ މިސްރު ތަރި މުހައްމަދު ސަލާހް ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ސަލާހަކީ މިހާތަނަށް މި ސީޒަނުގައިވެސް ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ 12 ގޯލު މި ސީޒަނުގެ މިހާތަނަށްވެސް ޖަހައިދީފައެވެ. ސަލާހް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާ އިރު، ކްލަބުން އަދިވެސް އޭނާއަށް އެއްބަސްވުން އާކުރަން ހުށަހަޅައިފައެއް ނުވެއެވެ.

"އަހަރެން މިހާރު މިހުރި ހާލަތުގައި ބޮޑަށް ބެލެވެނީ ސީޒަން ނިމުމުން ކްލަބު ދޫކޮށްލާނެ ކަމަށް. އަހަރެން މިހުރީ ވަރަށް ހިތްހަމަ ނުޖެހިފައި. އަހަރެން މިއީ އެހާ އަވަހަށް ރިޓަޔާވާން ވިސްނާ ކުޅުންތެރިއެއް ނޫން. އަހަރެން މިހާރުވެސް ފޯކަސް ކޮށްގެން މިހުރީ ލިވަޕޫލާއެކު މި ސީޒަނުގެ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރަން. އެހެންވިޔަސް ހިތްހަމަ ނުޖެހުން އެބައޮތް،" ސަލާހް ބުންޏެވެ.

ސަލާހް އެންމެފަހުން ކްލަބާއެކު އެއްބަސްވުން އާކުރީ 2022 ވަނަ އަހަރުއެވެ. އޭނާގެ އެއްބަސްވުން އާކުރުމުގެ ވާހަކަތައް މިސީޒަނުގެ ކުރިން ދެކެވުނު ނަމަވެސް، އޭރު މީޑިއާތަކުން ބޮޑަށް ބުނެފައި ވަނީ ސަލާހް ބޭނުންވާ މުސާރައަށް ލިވަޕޫލަށް އެއްބަސް ނުވެވޭ ކަމަށެވެ.

އެއްބަސްވުން އާކުރުމާ ގުޅޭ ގޮތުން ސަލާހް އިތުރަށް ބުނީ، ލިވަޕޫލަކީ އޭނާ ލޯބިވާ ކްލަބު ކަމަށާއި އެކަހަލަ އެހެން ކްލަބެއް ދުނިޔޭގައި ނޯންނާނެ ކަމަށެވެ. އަދިވެސް ލިވަޕޫލުގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނަމުން ސަލާހް ބުނީ މަޑުކުރުމަކީ މިހާރު އޭނާ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށެވެ.

މިސްރުގެ ސަލާހް ލިވަޕޫލަށް ސޮއިކުރީ 2017 ވަނަ އަހަރުއެވެ. އެއީ ރޯމާއިންނެވެ. ސަލާހް ވަނީ މިހާރު އެ ކްލަބާއެކު އިނގިރޭސި ހުރިހާ ކާމިޔާބީއެއްގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.