ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާހިލާފަށް ކަަމަށް ބުނެ އެ ރަށަށް ދީފައިވާ ސިޓީގެ ދަަރަޖަ ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި، ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ. ހައިކޯޓުގެ ރަޖިސްޓާގައިވާ ގޮތުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުގެ ރަޖިސްޓްރާ އަދި ގޮތެއް ނުނިންމަވައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަނިކުފާނުގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިންކަން އެ މަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 30 ގައެވެ.
ރާގިބް "ވަން" އަށް މިއަދު ވިދާޅުވީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި 10،000 މީހުން ހަމަވާ ނަމަ ކަމަށާއި ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އޭނާ ހޯދި މައުލޫމާތުގައި ތިނަދޫގެ އާބާދީއަކީ ހަތްހާހެއްހާ މީހުން ކަމަށް އެނގިފައިވާ ކަމަށެވެ. ތިނަދުއަށް ސިޓީއެއްގެ ދަރަޖި ދީފައިވަނީ އެ ރަށު ކައުންސިލުން ގެންގުޅުނު ސައްހަ ނޫން ލިސްޓަކަށް ބަލައިގެން ކަމަށްވެސް ރާގިބް ވިދާޅުވިއެވެ.
"އަޅުގަނޑު މި މައްސަލަ ދިރާސާކުރި އިރު އެބަހުރި 30-40 ވަރަކަށް މަރުވެފައިވާ މީހުން ރަށުގެ އާބާދީގެ ގޮތުގައި ހިމަނާފައި. 30 އަހަރު ކުރިން މާލެއަށް ހިޖުރަކޮށްފައިވާ މީހުންވެސް އެބަހުރި ހިމަނާފައި. އަދި އެބަހުރި އެއް ނަމެއް ކިޔާ މީހަކު، އެ މީހާގެ އާންމު ނަމާއި ގޭގެ ނަމާއި މަންމަ އަދި ބައްޕަގެ ނަން އެއްގޮތް އެކަމަކު އައިޑީ ކާޑު ނަންބަރު ތަފާތު. އެގޮތަށް އެކެއްގެ ނަމުގައި ވަރަށް ގިނައިން އެބަހުރި. މީ ބޮޑު އޮޅުވާލުމެއް،" ރާގިބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާ ކަމަށް ޑީއެންއާރުގެ މައުލޫމާތު ނުދައްކާއިރު އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެވިގެން ނުވާނެ ކަމަށެވެ. ކުރީ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ސިޔާސީ ގޮތުން މަންފާތަކެއް ހޯދަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި ގުޅޭ ގޮތުންވެސް ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ މި އަހަރުގެ މާޗު މަހުގެ 18 ގައި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު