ކުރިއަށްއޮތް 2028 ގެ ރިޔާސީ އިންތިހާބުގެ ވާހަކަދައްކަން އަދި މާ އަވަސް ކަމަށާއި މިވަގުތު މިސްރާބު ހުރީ 2026 ގައި ބާއްވާ ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކުރުމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓެެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަަވާފައިވާކަން އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އިއްޔެ އިއުލާންކުރައްވައިފައެވެ. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އިރު، ޝާހިދު ވެސް ކުރިމަތިލައްވާނެ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެތޯ އާއި އެކަމުގެ ޝައުގުވެރިކަން ގެންގުޅުއްވާތޯ، ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ސުވާލުކުރުމުން، ޝާހިދު މިރޭ އެކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ. ޝާހިދު ވިދާޅުވީ މިވަގުތު ފޯކަސް ހުރީ މި ސަރުކާރު ޖަވާބުދާރީކުރުވަން ކަމަށެވެ.

"2028 ގައި އޮންނަ އިންތިހާބެއްގެ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެން އެ ވާހަކަ ދައްކާ އިރު، މިއަދު މިއޮތް ސަރުކާރުގެ ހުދުމުހުތާރުކަމާއި ރާއްޖެއަށް މި ސަރުކާރުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ އަޅުގަނޑުމެން މަޑުޖައްސާލާފައި، 2028 ގައި އޮތް ކަމަކާ ދިމާލަށް އަޅުގަނޑުމެންގެ މިސްރާބާއި އަމާޒު ހިފައިފިއްޔާ ރާއްޖެއަށް ލިބޭނެ ގެއްލުން އިންތިހާ،" އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ގެއްލުމާއި ރާއްޖޭގެ އިގުތިސާދު ހަލާކުކޮށްލަމުންދާ ހަލާކުކޮށްލުމާއި މި ރާއްޖެ މިސްރާބު ޖަހާފައިވާ ކަތި މިސްރާބުން ތެދުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޕާޓީން ކުރުމަށް މިސްރާބު ޖަހަންޖެހޭ ކަމަށެވެ. އަދި ޕާޓީގެ ރައީސެއްގެ ހައިސިއްޔަތުން ކުރައްވަން ބޭނުންވާ ކަމަކީ ވެސް އެއީ ކަމަށް ވިދާޅުވިއެވެ.

"ހަމައެއާއެކީގައި 2026 ގައި އެބައޮވޭ ލޯކަލް ކައުންސިލު އިންތިހާބު. 2028 ގައި އޮންނަ ކަމެއްގައި، އަޅުގަނޑު ހަމަގައިމުވެސް އެ ދިމާލަށް އަޅުގަނޑުގެ އަމާޒު ހިފައިގެން ކަމެއް ކުރާނެ ދަނޑިވަޅެއް ނޫން. އަޅުގަނޑުގެ މުޅި މިސްރާބު ހުންނާނީ 2026 ގައި މުޅި ރާއްޖެ ލޯކަލް ކައުންސިލު އިންތިހާބުގައި ރީނދޫކޮށްލުން،" އޭނާ ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ރައްޔިތުން މިއަދު އެދިއެދި ތިބި ޑިމޮކްރެޓިކް ނިޒާމު ރާއްޖެއަށް ގެނެސްދެވޭނެކަމުގެ އުންމީދު ރައްޔިތުންނަށް ލިބޭނެ މަގަކަށް ކަންތައްތައް ގެންދިއުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން 2028 ގައި އޮންނަ ކަމެއްގައި ނިންމުމެއް ނިންމަން އަދި ގަސްތު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.