ސްވިމް މޯލްޑިވްސްއިން ކުރިއަށްގެންދާ "އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" ފެތުމުގެ ސިލްސިލާގެ ދެވަނަ އިވެންޓް އަންނަ ހުކުރު ދުވަހު ކ. ގުރައިދޫގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އެސްއެމްއީ ޑިޖިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން، މި ހަރަކާތުގައި ބައިވެރިން ރަށާ 500 މީޓަރު ދުރުގައި އޮންނަ އޮޑިއަކުން ފުންމާލައިގެން ގޮނޑުދޮށަށް ފަތާފައި އެރުމަށް ވަނީ ރާވައިފައެވެ. މިފަހަރުގެ މުބާރާތުގައި ހަ އަހަރާއި 70 އަހަރާ ދެމެދުގެ 150 ފެތުންތެރިން ބައިވެރިވާނެއެވެ.
ވާދަކުރާ ކެޓަގަރީތަކަށް ބަލާއިރު، އަމިއްލަ ކެޓަގަރީގައި ގުރައިދޫން 25 ފެތުންތެރިންނާއި ރަށުން ބޭރު 100 ފެތުންތެރިން ހިމެނެއެވެ. ޓީމް ރީލޭ ބައިގައި 25 ޓީމެއް ވާދަކުރާ އިރު، ކޮންމެ ޓީމެއްގައި ދެ ފެތުންތެރިން ހިމެނޭ ގޮތަށް ޖުމްލަ 50 ފެތުންތެރިން ރީލޭގައި ބައިވެރިވާނެއެވެ.
މި ސިލްސިލާގެ ފުރަތަމަ މުބާރާތް މިދިޔަ މަހުގެ 3 ގައި ވިލިމާލޭގައި ބާއްވާފައިވާ އިރު، އެ ފަހަރު 100 ފެތުންތެރިން ވާދަކުރިއެވެ. ވިލިމާލޭ އިވެންޓަށް ލިބުނު ކާމިޔާބީގެ ސަބަބުން ގުރައިދޫ މުބާރާތަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލުން ފާހަގަކޮށްފައިވެއެވެ.
އަންނަ ބުރާސްފަތި ދުވަހު މެންދުރު 1:00 އިން ހަވީރު 5:00 އަށް ގުރައިދޫގައި އެކްސްޕޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯގައި އެސްއެމްއީ ޑިޖިޓަލްގެ މުވައްޒަފުން ވެސް ބައިވެރިވާނެއެވެ. އޭގެ އިތުރުން، ސީއެސްއާރު ހަރަކާތެއްގެ ގޮތުގައި ކ. ގުރައިދޫގެ ހާއްސައެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒަށް ޒަރޫރީ ސާމާނު ހަދިޔާކުރުމަށް އެސްއެމްއީ ޑިޖިޓަލުން ނިންމާފައިވެއެވެ.
ކުރީ ޒަމާނުގައި ބަނދަރާއި ފާލަން ނެތުމުގެ ސަބަބުން، ދޯނިފަހަރު ރަށާ ދުރުގައި ލެފުމުން ފަތާފައި ރަށަށް އެރުމަކީ ދިވެހިންގެ ޒަމާންވީ ސަގާފަތެކެވެ. ސްވިމް މޯލްޑިވްސްގެ އަމާޒަކީ މި ހަރަކާތް މެދުވެރިކޮށް އެ ސަގާފީ ތަޖުރިބާ މިއަދުގެ ޖީލާ ގުޅުވައިދިނުމެވެ. ހަމައެއާއެކު، އަތޮޅުތެރޭގައި ބާއްވާ މިފަދަ ހަރަކާތްތަކުގެ ސަބަބުން ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި އިގުތިސާދަށް ކުރިއެރުން ލިބޭ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލުން ބުނެފައިވެއެވެ.
އަންނަ އަހަރު ރާއްޖޭގެ އިތުރު ރަށްތަކުގައި "އޮޑިން ރަށަށް" ހަރަކާތް ފުޅާކުރުމަށް ސްވިމް މޯލްޑިވްސް އިން ވަނީ ރާވައިފައެވެ.
ކޮމެންޓް