އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަލީ ނަޝާތު ހިމެނޭ ގޮތަށް އެ ދެ ކޮމިޝަންގެ ފަސް މެންބަރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ނުފޫޒަށް ލެނބުމާއި ސުލޫކީ ހަމަތަކާ ހިލާފުވެފައިވާ މައްސަލަތަކެއްގެ ތުހުމަތުގައި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދާއި އީސީގެ ނައިބު ރައީސް އަލީ ނަޝާތު އާއި އެ ކޮމިޝަންގެ މެންބަރުން ކަމަށްވާ މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު މެންބަރުކަމުން ވަކިކުރުމަށް ނިންމައި އެ މައްސަލަ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

އެގޮތުން އެ ބޭފުޅުންގެ ނަންތައް މަޖިލިސް ތަޅުމުގައި އިއްވުމަށްފަހު އެ ބޭފުޅުން ވަކިކުރުމުގެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި ވަނީ ސީއެސްސީގެ ރައީސް ނާސިހު ފިޔަވައި ދެން ތިއްބެވި ފަސް މެންބަރުން ވަކިކުރުމަށެވެ.