އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އާސެނަލުން ކުޅުނު މެޗުތައް ކާމިޔާބުކުރި ނަމަވެސް، މިދިޔަ ހަތަރު އަހަރުގެ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ޓޮޓެންހަމް ކައިރިން ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ.

ޗެލްސީން ރޭ ރަށުން ބޭރުގައި ލެސްޓާ ސިޓީން ކައިރިން 2-1 އިން މޮޅުވި އިރު، އުނދަގޫ ހާލަތެއްގައި އޮތް އާސެނަލުން އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މިދިޔަ ހަތަރު މެޗުންވެސް ބަލިވެފައި އޮވެ އިންޓަނޭޝަނަލް ބްރޭކަށް ދިޔަ ސިޓީން ޖެހިޖެހިގެން ފަސްވަނަ މެޗުގައި ރޭ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމްއިން ރޭ ހޯދި ތަފާތު ބޮޑު މޮޅާއެކު، ސިޓީއަށް ވަނީ ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިފައެވެ.

އެންމެފަހުން ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުންވެސް ސިޓީ ބަލިވެފައިވާ އިރު، މިއީ ކޯޗު ޕެޕް ގާޑިއޯލާގެ ކެރިއަރުގައިވެސް އޭނާ ކޯޗުކަން ކޮށްދިން ޓީމަކުން ޖެހިޖެހިގެން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ސިޓީންވެސް 2006 ވަނަ އަހަރަށްފަހު ޖެހިޖެހިގެން ފަސް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

އަނިޔާގެ މައްސަލަތައް ބޮޑުވެފައި އޮތް ސިޓީ ކޮޅަށް ރޭގެ މެޗުގެ 13 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ލީޑު ނެގީ ޖޭމްސް މެޑިސަންގެ ގޯލުންނެވެ. އޭގެ އިރުކޮޅެއްފަހުން 20 ވަނަ މިނެޓުގައި މެޑިސަންގެ އިތުރު ގޯލަކުން ޓޮޓެންހަމް ލީޑު ފުޅާކުރި އިރު، ސިޓީއަށް ރޭ ވެގެން ދިޔައީ މާޔޫސީ ރެޔަކަށެވެ.

ދެވަނަ ހާފަށް ނުކުމެވެސް ޓޮޓެންހަމްއިން ތަފާތު ފޯމެއްގައި ކުޅެމުން ގޮސްފައިވާ އިރު، އެޓީމުގެ އަނެއް ދެ ގޯލު ޖަހައިދިނީ ޕެޑްރޯ ޕޯރޯއާއި ބްރެނެން ޖޯންސަން އެވެ.

ރޭ ޗެލްސީން ކުޅުނު މެޗުގައި އުމުރުން 23 އަހަރުގެ ފޯވަޑް ނިކޮލަސް ޖެކްސަން އެޓީމަށް ލީޑު ނަގައިދިނީ ވޯޓް ފައެސް އަތުން ހޯދި ބޯޅައެއްގެ ބޭނުން ހިފައިގެންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ޗެލްސީން ލީޑު ނަގައި، އިތުރު ފުރުސަތުތައްވެސް ހޯދިއެވެ. އެގޮތުން ކޯލް ޕާމާއަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ، ބައި ކުޅުންތެރިޔާ ނޮނީ މަޑުއޭކޭ ފައިގައި ޖެހިފައެވެ.

ދެވަނަ ހާފަށް ނުކުމެ ޗެލްސީއަށް ލީޑު ފުޅާކޮށްދިނީ ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން އެންޒޯ ފެނާންޑޭޒްއެވެ. އެއީ ބޮލުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ޗެލްސީ ކޮޅަށް ލެސްޓާއިން ގޯލު ޖެހީ ފަހުވަގުތު ލިބުނު ޕެނަލްޓީއެއްގައެވެ. އެ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޖޯޑަން އަޔޫއެވެ.

އާސެނަލުން 3-0 އިން ފޮރެސްޓް ބަލިކުރި މެޗުގެ ތަރިއަކީ ބުކަޔޯ ސަކާއެވެ. އޭނާ ވަނީ ރޭގެ މެޗުގައިވެސް ގޯލެއް ޖަހައި އެސިސްޓެއްވެސް ފުރިހަމަ ކޮށްފައެވެ. އާސެނަލަށް ދެން ގޯލުތައް ޖަހައިދިނީ ތޯމަސް ޕާޓޭއާއި އީތަން އެންވަނޭރީއެވެ.

އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ލިވަޕޫލެވެ. އެއީ 11 މެޗުން 28 ޕޮއިންޓާއެކުގައެވެ. ލިވަޕޫލަށް ލީޑު އިތުރަށް ފުޅާކުރުމަށް ފުރުސަތު އޮތް އިރު، ސިޓީ ދެވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓާއެކުގައެވެ. ޗެލްސީ މިވަގުތު ތިންވަނައިގައި 12 މެޗުން 22 ޕޮއިންޓާއެކު އޮތް އިރު، އާސެނަލް ހަތަރުވަނައިގައިވެސް އޮތީ އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. އެ ދެޓީމުގެ ފަރަގަކީ ޖެހި ގޯލުގެ ފަރަގެވެ.