ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ރޭ އައްޑޫ ސިޓީ އާއި ޅ. ކުރެންދޫ އެއްވަރުވެއްޖެއެވެ.
ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމުގެ އަމާޒުގައި ގައުމީ ދަނޑުގައި ކުރިއަށް ގެންދާ ގޯލްޑް ކަޕްގެ ގްރޫޕް ސީގައި ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން އެއްވަރުވި ފުރަތަމަ މެޗެވެ.
ގޯލްޑް ކަޕަށް ޓީމުތަކުން ވަރުގަދަ ސްކޮޑުތަކަކާ އެކު ތައްޔާރުވެފައިވާ އިރު، އައްޑޫ ޓީމުގެ ކެޕްޓަން ބޭންޑްގައި ދަނޑަށް ނުކުތީ ރާއްޖޭގައި އުފެދުނު އެންމެ ލެޖެންޑަރީ އެއް މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ)އެވެ. އޭގެ އިތުރުންވެސް އެޓީމުގައި އަލީ ނާފިއު އާއި މިދިޔަ ސީޒަނުގައި ރިޓަޔާ ކުރި، އަބްދުﷲ ހަނީފް (ބެންޖޯ) ފަދަ ތަޖުރިބާކާރު ކުޅުންތެރިން ހިމެނިފައިވާ އިރު، ޒުވާން ކުޅުންތެރިންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ކުޅުންތެރިން ފެނިގެން ދިޔައެވެ.
އަނެއްކޮޅުން ނުކުތް ކުރެންދޫ ވެސް ބިދޭސީ ވަރުގަދަ ކުޅުންތެރިންނާ އެކު މުބާރާތަށް ނުކުމެފައިވާ އިރު، ރޭގެ މެޗުގައި އެޓީމަށް ޕޮއިންޓެއް ހޯދައިދިނުމުގައި ގޯލު ބެލެހެއްޓި ސްރީ ލަންކާ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ސުޖަން ޕެރޭރާ ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ.
ހާއްސަކޮށް ފުރަތަމަ ހާފުގައި އައްޑުއަށް ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓާލަން ސުޖަން ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.
ދެވަނަ ހާފަށް ނުކުމެ، 68 ވަނަ މިނިޓްގައި ހާޒިމް ފައުޒީ (ހަތީ) ޖެހި ގޯލުން އައްޑޫ ލީޑު ނެގިއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލަކަށް ނުކުތް ހާޒިމް ރިއްފަތެވެ. މެޗުގައި ކުރެންދޫ އެއްވަރުކުރީ ބެލްޖިއަމް މިޑްފީލްޑަރު ޖޯޑީ ބާޓް ޖެހި ހިލޭ ޖެހުމަކުންނެވެ. އޭނާ އޭރިއާ އަރިމަތިން ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެވެ.
ގޯލްޑް ކަޕް ގްރޫޕް ސީގައި މިއަދު ހަވީރު ކުޅޭ މެޗުގައި ކ. ހުރައިން ނުކުންނާނީ އެ އަތޮޅު ގުރައިދުއާ ދެކޮޅަށެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް