އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވަމުންދާ ގޯލްޑް ކަޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ރޭ މާލޭ ސިޓީން ތ. ތިމަރަފުށި ބަލިކޮށްފިއެވެ.

ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމުގެ އަމާޒުގައި ގައުމީ ދަނޑުގައި ކުރިއަށް ގެންދާ ގޯލްޑް ކަޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ރޭ މާލޭން ތިމަރަފުށި ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގައިވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވާ އިރު، ގައުމީ ޓީމަށް ކުރިން ކުޅެފައިވާ އަދި މިހާރު ގައުމީ ޓީމަށް ކުޅެމުންދާ ކުޅުންތެރިންވެސް މެޗުގައި ފެނިގެން ގޮސްފައިވެއެވެ.

ރޭގެ ފުރަތަމަ ހާފުގައި މާލެއަށް ލީޑު ނަގައިދިނީ ޝުއައިބު ހުސައިނެވެ. އެއީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ނަގައިދިން ހިލޭ ޖެހުމަކުން އޭނާ ޖެހި ގޯލެކެވެ. ރޭ މާލޭ ސިޓީގެ ދެވަނަ ގޯލު އިސްމާއިލް ވިފާގު (އިއްސެ) ޖެހި އިރު، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ފުޓްސަލް ތަރި އަލީ ޝިޔާހު (ޝިޔަޅޭ)އެވެ.

ދެވަނަ ހާފުގައިވެސް މާލޭ ސިޓީން މެޗު ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، އެޓީމުގެ ތިންވަނަ ގޯލު ޖެހީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ އަހުނަފް މުހައްމަދު ތަސްނީމެވެ. އޭގެ އިރުކޮޅެއްފަހުން މާލޭ ސިޓީގެ ބިދޭސީ މިޑްފީލްޑަރު ހަލީލް ގަމާލް ހަތަރު ވަނަ ގޯލެއް ޖަހައި މޮޅު ޔަގީން ކޮށްދިން އިރު، ހަލީލަކީ ރާއްޖޭގެ ލީގުގެ ގިނަ ކްލަބުތަކަކުން ފެނުނު ކުޅުންތެރިއެކެވެ.

ގްރޫޕް ބީގެ ދެވަނަ މެޗުގައި މިއަދު ހަވީރު ބ. އޭދަފުށި ނުކުންނާނީ އެ އަތޮޅު ތުޅާދުއާ ދެކޮޅަށެވެ.