އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވަމުންދާ ގޯލްޑް ކަޕްގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި މިއަދު ހަވީރު ގދ. ފަރެސްމާތޮޑާ ކައިރިން، ދ. މީދޫން ބޮޑު މޮޅެއް ހޯދައިފިއެވެ.

ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމުގެ އަމާޒުގައި ރޭ ފެށި ގޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި، ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ ފުވައްމުލަކު ސިޓީއާއި ދ. ކުޑަހުވަދޫ ކުޅުނު މެޗުން މޮޅުވީ ފުވައްމުލަކު ސިޓީއެވެ.

މިއަދު އެ ގްރޫޕްގެ ދެވަނަ މެޗުގައި މީދޫން ފަރެސްމާތޮޑާ ބަލިކުރީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މީދުއަށް އެންމެ ބޮޑު ތަފާތެއް ދެއްކީ ގައުމީ ޒުވާން ސްކޮޑުގައި ހިމެނި، ދާދިފަހުން ސީނިއާ ސްކޮޑަށްވެސް ނެގި މުޒްދާން ހަސަނެވެ. އޭގެ އިތުރުން ކުރިން ފުރަތަމަ ޑިވިޝަނުން ފެނުނު އިބްރާހީމް އިމްރާން (އިއްމި) ވެސް މީދުއަށް މޮޅަށް ކުޅުނު އިރު، މީދޫގެ ގޯލުތައް ޖެހީ އިންމިއާއި މުޒްދާން އަދި ހަންމާމު ރަޝާދެވެ.

އޭގެ ތެރެއިން އިންމި މެޗުގައި ދެ ގޯލު ޖެހިއެވެ. އޭނާގެ ދެވަނަ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

ފަރެސްމާތޮޑާއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ ޝައިސުﷲ އަޝްރަފެވެ.

މުބާރާތުގެ ގްރޫޕް ބީގެ ފުރަތަމަ މެޗު މިރޭ އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ ތ. ތިމަރަފުއްޓާއި މާލޭ ސިޓީއެވެ.