ދެކުނު ކޮރެއާގެ ފޯވަޑް ސޮން ހިއުން-މިންއަށް ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލައިގައި އޭނާއާއެކު ޓޮޓެންހަމްއަށް ކުޅެމުން އަންނަ ރޮޑްރީގޯ ބެންޓަންކޫރަށް އައިސްފައިވާ ސަސްޕެންޝަން އިސްތިއުނާފުކުރަން ކްލަބުން ނިންމައިފިއެވެ.

ސޮންއަށް އަމާޒުކޮށް ނަސްލީ ގޮތުން ފާޑު ކިޔުމުގެ ބަސްތަކެއް ބުނިކަމުގެ މައްސަލައިގައި ބެންޓަންކޫރް ސަސްޕެންޑް ކޮށްފައިވަނީ ޑޮމެސްޓިކް ހަތް މެޗަށެވެ. އެއީ އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން އޭނާއަށް ދިން އަދަބެކެވެ.

ހަތް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން އެފްއޭއިން ވަނީ ބެންޓަންކޫރް އެއް ލައްކަ ޕައުންޑުން ޖޫރިމަނާކޮށްފައެވެ. އޭގެ އިތުރުން ހޭލުންތެރިކަމުގެ ޕްރޮގްރާމެއްގައި ބައިވެރިވާންވެސް އެފްއޭއިން ވަނީ ބެންޓަންކޫރަށް އަންގައިފައެވެ.

ބެންޓަންކޫރް ސޮންއަށް އަމާޒުކޮށް ވާހަކަތަކެއް ދެއްކީ އޭނާގެ ގައުމު އުރުގުއާއީގެ ޓީވީ ޕްރޮގްރާމެއްގައެވެ. އެ ވާހަކަތަކުގައި ސޮންއާ ނަސްލީ ގޮތުން ދިމާނުކުރާ ކަމަށް ބެންޓަންކޫރް ބުނި ނަމަވެސް އެ މައްސަލަ ބެލި މިނިވަން ކޮމިޝަނުން ބުނީ ސާބިތުވާވަރަށް ހެކި ލިބުނު ކަމަށެވެ.

އެ ސަސްޕެންޝަނުގައި ކްލަބުން ނެރުނު ބަޔާނުގައި ބުނީ ބެންޓަންކޫރްގެ އަދަބު ތަންފީޒުކުރަމުންދާނެ ނަމަވެސް، އެ އަދަބު މާ ބޮޑަށްވެސް ހަރުކަށި ކަމަށް ދެކޭ ކަމަށެވެ. އަދި މިހާރު މައްސަލަ އިސްތިއުނާފުކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށްވެސް ޓޮޓެންހަމްގެ ބަޔާނުގައިވެއެވެ.

ބެންޓަންކޫރް ސޮންއާ ގުޅޭ ގޮތުން ދެއްކި ވާހަކައަކީ، ސޮންގެ އާއިލާ ދެބެންދެދަރި އެންމެންނަށް ދަންދެން ވަކިކުރަން ނޭނގޭ ކަމަށާއި، ހުރިހާ އޭޝިއާ މީހުން އެއްގޮތް ކަމަށް ބުނެ ދެއްކި ވާހަކަތަކެކެވެ.