ތުރުކީ ލީގުގައި ފެނެބާޗޭއިން ޓްރެބްޒޮންސްޕޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، އެ މެޗުގެ ރެފްރީންނަށް ފާޑުކިޔުމުގެ ސަބަބުން ޖޯސޭ މޮރީނިއޯއަށް އަދަބު ދީފިއެވެ.

ތުރުކީ ލީގުގައި ފެނެބާޗޭން އެންމެފަހުން ކުޅުނު މެޗުގައި ޓްރެބްޒޮންސްޕޯ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފެނެބާޗޭ މޮޅުވި ގޯލު ފެނިގެން ދިޔައީ އެންމެފަހު މިނެޓުގައެވެ. ސުފިޔާން އަމްރަބަތު ޖެހި ގޯލުން ފެނެބާޗޭ މޮޅުވުމާއެކު އެކަމުގެ އުފާފާޅުކުރުމަށް މޮރީނިއޯ ވަނީ ދަނޑު މައްޗަށް އަރައި، ކަކޫ ޖައްސާލައިފައެވެ.

މެޗުގައި ޓްރަބްޒޮންސްޕޯއަށް ވީއޭއާރްގެ އެހީގައި ދެ ޕެނަލްޓީ ދީފައިވާ އިރު، ފަހު ވަގުތާ ޖެހެންދެން ނަތީޖާ އޮތީ އެއްވަރުވެފައެވެ. 2-2 ގެ ނަތީޖާއެއްގައި މެޗު އޮއްވައި ފެނެބާޗޭން ޕެނަލްޓީއަކަށް ވަރަށް ބޮޑަށް ޝަކުވާ ކުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ.

މޮރީނިއޯ ގަބޫލުކުރި ގޮތުގައި ރެފްރީގެ ފަރުވާ ކުޑަކަމުން ފެނެބާޗޭގެ ބްރައިޓް އޮސާޔީ-ސަމުއެލްއަށް ކުރި ނުރައްކާތެރި ފައުލަކަށް އިދިކޮޅު ކުޅުންތެރިޔާއަށް ރަތް ކާޑެއް ނުދެއްކި ދިޔައެވެ.

"ރެފްރީއަކީ ދަނޑުމަތީގައި ހުރި ކުޑަ ކުއްޖެއް. އެއީ ދައްކާލުމަށް ހުރި ރެފްރީއެއް. އަސްލު މެޗުގެ ރެފްރީއަކީ ވީއޭއާރްގައި އިން ކަރައޮގްލާން. އެއީ މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް،" މޮރީނިއޯ ބުންޏެވެ.

"ބްރައިޓަށް ކުރި ފައުލަކަށް ދައްކަން ޖެހޭ ރަތް ކާޑެއް ނުދެއްކި ދިޔައީ ސީދާ ކަރައޮގްލާން ފަރުވާ ކުޑަވެގެން. ކަރައޮގްލާން އެވަގުތު އިނީ ކޮފީ ބޯން. އެހެންވެ ނުފެނުނީ ކަމަށް ބޮޑަށް ބެލެވެނީ،" މެޗަށްފަހު ރުޅިގަދެވެފައި ހުރި މޮރީނިއޯ އިތުރަށް ބުންޏެވެ.

ސަމާސާ ރާގަކަށް ރުޅިގަދެވެފައި މޮރީނިއޯ ދެއްކި ވާހަކައިގައި ކަރައޮގްލާން ފެނަބާޗޭ މެޗެއްގައި ދެން ފެނިގެން ނުވާނެ ކަމަށްވެސް ބުންޏެވެ.

އެ މައްސަލައިގައި ތުުރުކީގެ ފެޑަރޭޝަނުން 15،000 ޑޮލަރަށް މޮރީނިއޯ ޖޫރިމަނާ ކުރުމުގެ އިތުރުން އެއް މެޗަށް ސަސްޕެންޑް ކޮށްފައިވެއެވެ.

ތުރުކީގެ ފެޑަރޭޝަނުން ބުނީ މޮރީނިއޯ ދެއްކި ވާހަކައިން ރެފްރީންނަށް އިތުބާރު ގެއްލެން މަގުފަހިވާ ކަމަށާއި، އެގައުމުގެ ފުޓުބޯޅައިގެ އަގުވެސް އެވާހަކަތަކުގެ ސަބަބުން ވެއްޓޭނެ ކަމަށެވެ.