ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާއިން ރޭ ކުޅުނު މެޗުގައި ޕެރޫ ބަލިކުރި އިރު، ބްރެޒިލާއި އުރުގުއާއީ އެއްވަރުވެއްޖެއެވެ.

ރޭ އާޖެންޓީނާއިން އަމިއްލަ ދަނޑުގައި ޕެރޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެޓީމުން މިވަގުތު ކޮލިފިކޭޝަން ލީގު ބުރުގެ އެއްވަނައިގައި 12 މެޗުން 25 ޕޮއިންޓާއެކު އޮތް އިރު، އުރުގުއާއީ ދެވަނައިގައި އޮތީ 12 މެޗުން 20 ޕޮއިންޓާއެކުގައެވެ.

އާޖެންޓީނާއިން ވޯލްޑް ކަޕް ކޮލިފިކޭޝަން ގާތްގަނޑަކަށް ޔަގީން ކޮށްފައިވާ އިރު، ދެކުނު އެމެރިކާއިން ކޮލިފިކޭޝަން ޔަގީން ޖާގަ ލިބެނީ ލީގު ބުރުގެ ގަދަ ހަ ޓީމަށެވެ. މިވަގުތު ލީގު ބުރުގެ ތިންވަނައިގައި އެކުއެޑޯ އޮތް އިރު، ހަތަރުވަނައިގައި އޮތް ކޮލަމްބިއާ އާއި އެޓީމަށްވެސް ލިބިފައިވަނީ 12 މެޗުން 19 ޕޮއިންޓެވެ. ބްރެޒިލް ފަސްވަނައިގައި 12 މެޗުން 18 ޕޮއިންޓާއެކު އޮތް އިރު، ހަވަނައިގައި ޕެރަގުއާއީ އޮތީ 12 މެޗުން 17 ޕޮއިންޓާއެކުގައެވެ.

ރޭ އާޖެންޓީނާއިން ހޯދި މޮޅުގައި އެޓީމަށް ގޯލު ޖަހައިދިނީ އިންޓަ މިލާންގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒެވެ. އުމުރުން 27 އަހަރުގެ މާޓިނޭޒް ގޯލު ޖެހީ މެޗުގެ 55 ވަނަ މިނެޓުގައި ލިއޮނަލް މެސީ ނަގައިދިން ހުރަސް ގޯލަށް ވައްދާލައިގެންނެވެ. އާޖެންޓީނާ ޖާޒީގައި މާޓިނޭޒް، 70 މެޗު ކުޅެ، 32 ގޯލު ޖަހާފައިވާ އިރު، އޭނާއަކީ މިހާރު ގައުމީ ޓީމަށް ފަސްވަނައަކަށް އެންމެ ގިނަ ގޯލު ޖަހައިދިން އެއް ކުޅުންތެރިޔާއެވެ.

ލިސްޓުގައި މާޓިނޭޒާއެކު ދެން ފަސްވަނައިގައި އޮތީ އެގައުމުގެ ފުޓުބޯޅަ ލެޖެންޑް، ޑިއާގޯ މަރަޑޯނާއެވެ. އާޖެންޓީނާ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔަކީ މެސީއެވެ. އެއީ 112 ގޯލެވެ.

ބްރެޒިލް ރޭ އަމިއްލަ ދަނޑުގައި 1-1 އިން އުރުގުއާއީއާ އެއްވަރުވި އިރު، އެޓީމުގެ ސަޕޯޓަރުން ވަނީ ޓީމަށް ނުރުހުން ފާޅުކޮށްފައެވެ.

އެ މެޗުގެ ދެވަނަ ހާފުގައި އުރުގުއާއީން ލީޑު ނެގީ ފެޑެރީކޯ ވަލްވާޑޭ ޖެހި ގޯލުންނެވެ. އެހެން ނަމަވެސް އޭގެ ހަ މިނެޓްފަހުން ބްރެޒިލްގެ ގާސަން ވަނީ ގޯލު ޖަހައި އެއްވަރުކޮށްފައެވެ. އެއީ ބްރެޒިލް ޖާޒީގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.