އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެން ނޫން ކަމަށާއި އޭނާގެ ހަށިގަނޑުގައި ދަންޖެހިގެން މަރުވިކަމުގެ ނިޝާނެއް ނެތް ކަމަށް މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި އިންޑިއާގެ ޕެތޮލޮޖިސްޓެއް ކަމަށްވާ ޑރ. ސާލިނީ ބުނެފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގައި ވަނީ ސާލިނީގެ ހެކިބަސް ނަގައިފައެވެ. ހެކިބަސް ނަގައިފައިވަނީ އިންޑިއާގެ ޓްރިވަންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓަށް ހާޒިރުކޮށް ވީޑިއޯ ކޮންފަރެސް މެދުވެރިކޮށެވެ.

ހެކިބަސް ދެމުން ސާލިނީ ބުނީ އޭނާއަކީ 1،000 އަށްވުރެ ގިނަ ޕޯސްޓްމޯޓަމް ހަދައިފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ ދުވަސްވީ ހަށިގަނޑުތަކާއި ވަޅުލައިފައިވާ ހަށިގަނޑުތަކުގެ ޕޯސްޓްމޯޓަމް ވެސް ހަދާ މީހެއް ކަމަށެވެ. އަދި ފޮރެންސިކް ޕެތޮލޮޖިކް ދާއިރާއިން ކިޔަވައިދޭ މީހެއް ކަމަށް ހެކިވެރިޔާ ބުންޏެވެ. މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައިފައިވަނީ މަރުވިތާ ދެހަފުތާ ފަހުން ކަމަށް ހެކިވެރިޔާ ބުންޏެވެ.

ޕޯސްޓްމޯޓަމް ހެދިއިރު އެސިސްޓެންޓެއްގެ ގޮތުގައި ޑރ. އަޖިތު ކުރާމު ހުރި ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ޑޮކްޓަރަކާއި އިތުރު ދިވެހި ފުލުހެއް ހުރި ކަމަށެވެ. އެ ދެ ފުލުހުން ޕޯސްޓްމޯޓަމް ހެދުމުގައި ބައިވެރިވެފައިނުވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ދެ ހަފުތާ ފަހުން މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި ނަމަވެސް ހަށިގަނޑު ކުނިވާން ފަށައިފައިނުވާ ކަމަށް ހެކިވެރިޔާ ބުންޏެވެ. ސަބަބަކީ ރާއްޖޭގައި މޭރީގެ ހަށިގަނޑު ބާއްވާފައިވަނީ މޯޗަރީއެއްގައި ކަމަށްވުން ކަމަށެވެ. ހަށިގަނޑު ކުނިވާން ފަށައިފައިނުވާތީ އަދި ރައްކާތެރިކޮށް މޯޗާރީގައި ބާއްވައިފައި އޮތުމުގެ ސަބަބުން ހަށިގަނޑުގެ ބޭރުގައި ހުރި ނިޝާންތައް ރަނގަޅަށް ދެނެގަނެވެން ހުރި ކަމަށް ހެކިވެރިޔާ ބުންޏެވެ.

މޭރީގެ ޕޯސްޓްމޯޓަމް ހެދިއިރު ކަރުގެ ކަށިތަކާއި ނާރުތަކަށް ގެއްލުންވެފައިނުވާކަން ފާހަގަކުރެވުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ޕުއްޕާމެއަށް ލޭއެޅިފައިވާކަމުގެ އިތުރުން ބޮލަށް އަނިޔާތަކެއްވެފައިވާކަން ފާހަގަކުރެވުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. ހަށިގަނޑުގެ ބޭރުގައި ހުރި އަނިޔާތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ. މޭރީގެ ކަރުގެ ތައިރޮއިޑް ކާޓްރިޖަށް އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ ދަންޖެހިގެން މަރުވެފައިވާ މީހެއްގެ ހަށިގަނޑުގެ ކަރުގެ ކަށިތަކަށާއި ނާރުތަކަށް ގެއްލުންވާނެ ކަމަށެވެ. މޭރީގެ ފުއްޕާމެއަށް ލޭ އެޅިފައިވަނީ ނޭވާ ހޮޅި ނުވަތަ ވައި ހޮޅި ބެއްދުމުގެ ސަބަބުން ކަމަށް ހެކިވެރިޔާ ބުންޏެވެ. ބޮލަށް އަނިޔާވެފައިވަނީ މޭރީގެ ބޯ ހަރުތަނެއްގައި ވަރަށް ބާރަށް ޖައްސައިފައިވުމުގެ ސަބަބުން ކަމަށެވެ. މޭރީގެ ތައިރޮއިޑުގެ ކާޓްރިޖަށް އަނިޔާވެފައިވަނީ އެހެން މީހަކު މޭރީގެ ކަރަށް ބާރަށް ފިތާލުމުގެ ސަބަބުން ކަަމަށް ލަފާކުރެވޭ ކަމަށް ހެކިވެރިޔާ ބުންޏެވެ.

"އަޅުގަނޑު ޕޯސްޓްމޯޓަމް ހެދީ ދަންޖެހިގެން މަރުވި ހަށިގަނޑެއްގައެއް ނޫން. ހަށިގަނޑުން ދަންޖެހިގެން މަރުވިކަމުގެ ނިޝާނެއް ނެތް. މަރުވީ ބޮލަށާއި ކަރަށް އަދި ފުއްޕާމެއަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން،" ހެކިވެރިޔާ ބުންޏެވެ.

މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގެ ގޮތުން އެންމެ ފުރަތަމަ ހަށިގަނޑު ބޭރުން އެގްޒަމިން ކުރީ ކަމަށާއި އެއަށްފަހު ހަށިގަނޑު ފަޅާލައިގެން ވަކިވަކި ގުނަވަންތަކަށް ބައްޔެއް ޖެހިފައިވޭތޯއާއި އަނިޔާއެއް ލިބިފައިވޭތޯ ބެލި ކަމަށެވެ. އަދި ހަށިގަނޑުން ސާމްޕަލްތަކެއް ނެގުމަށްފަހު އިތުރަށް ތަހުލީލުކުރަން ފޮނުވައިފައިވާނެ ކަަމަށެވެ. އޭގެ ކެމިކަލް އެނަލިސިސް ރިޕޯޓް ދިވެހި ފުލުހުން ނެގި ކަމަށާއި ނަމަވެސް އެ ރިޕޯޓް ފުލުހުންނަށް ދީފައިވަނީ އޭނާ ނޫން ކަމަށެވެ.

"އަޅުގަނޑު ފުލުހުންނަށް ދީފައިވަނީ ހަމައެކަނި ޕޯސްޓްމޯޓަމް ރިޕޯޓް" ހެކިވެރިޔާ ބުންޏެވެ.

މޭރީގެ ބޮލަށް އަނިޔާތަކެއް ވެފައިވީ ނަމަވެސް އެމްއާރުއައި ނުވަތަ އެހެނިހެން އިމޭޖިން ޓެކްނޮލޮޖީއެއް ބޭނުންކޮށްފައިނުވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ. ސަބަބަކީ މިއީ ފުރިހަމަ ޕޯސްޓްމޯޓަމެއް ކަމަށާއި މި ޕޯސްޓްމޯޓަމް ހަދައިފައިވަނީ ފިޒިކަލީ އެޓެންޑުވެ މޭރީގެ ހަށިގަނޑު ހުޅުވައިގެން ކަމަށެވެ. ހަށިގަނޑު ހުޅުވައިގެން ހަދާ މިފަދަ ކޮމްޕްލީޓް ޕޯސްޓްމޯޓަމްތަކުގައި އިމޭޖިން ޓެކްނޮލޮޖީ ކޮންމެހެން ބޭނުންކުރަން ނުޖެހޭނެ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ ޕޯސްޓްމޯޓަމް ހަދައިފައިވަނީ ކެރެލާ ސަރުކާރުން ކަނޑައަޅައިފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އެ ގައިޑްލައިން ކެރެލާ ސަރުކާރުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާން އަދި ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މާވިން އެސް ވައި ވާގަސްގެ މައްޗަށެވެ. ދައުލަތުން ވަނީ ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުން، އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ. މާވިންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.

ކުރިމިނަލް ކޯޓުން ވަނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ޝަރުތުތަކަކާއެކު ގޭބަންދަށް ބަދަލުކޮށްފައެވެ. އެ މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފުކޮށްފައެވެ. މާވިން އަދިވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.