ދެކުނު ކޮރެއާގެ ފޯވަޑް ސޮން ހިއުން-މިންއަށް ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލައިގައި އޭނާއާއެކު ޓޮޓެންހަމްއަށް ކުޅެމުންދާ ރޮޑްރީގޯ ބެންޓަންކޫރް ހަތް މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ސޮންއަށް އަމާޒުކޮށް ނަސްލީ ގޮތުން ފާޑު ކިޔުމުގެ ބަސްތަކެއް ބުނިކަމުގެ މައްސަލައިގައި ބެންޓަންކޫރް ސަސްޕެންޑް ކޮށްފައިވަނީ ޑޮމެސްޓިކް ހަތް މެޗަށެވެ. އެއީ އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން އޭނާއަށް ދިން އަދަބެކެވެ.

ހަތް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން އެފްއޭއިން ވަނީ ބެންޓަންކޫރް އެއް ލައްކަ ޕައުންޑުން ޖޫރިމަނާކޮށްފައެވެ. އޭގެ އިތުރުން ހޭލުންތެރިކަމުގެ ޕްރޮގްރާމެއްގައި ބައިވެރިވާންވެސް އެފްއޭއިން ވަނީ ބެންޓަންކޫރަށް އަންގައިފައެވެ.

ބެންޓަންކޫރް ސޮންއަށް އަމާޒުކޮށް ވާހަކަތަކެއް ދެއްކީ އޭނާގެ ގައުމު އުރުގުއާއީގެ ޓީވީ ޕްރޮގްރާމެއްގައެވެ. އެ ވާހަކަތަކުގައި އެއްވެސް ވަރަކަށް ނަސްލީ ދިމާކުރުމުގެ ނިޔަތުގައި ދެއްކި ވާހަކަތަކެއް ނުހިމެނޭނެ ކަމަށް ބެންޓަންކޫރް ބުނި ނަމަވެސް، އެ މައްސަލަ ބެލި މިނިވަން ކޮމިޝަނުން ބުނީ ސާބިތުވާވަރަށް ބެންޓަންކޫރްގެ ވާހަކަތަކުގައި ނަސްލީ ދިމާކުރުންތައް ހުރި ކަމަށެވެ.

އުމުރުން 27 އަހަރުގެ ބެންޓަންކޫރަށް ދީފައިވާ އަދަބާއެކު ދެން އޭނާ އެނބުރި ޑޮމެސްޓިކް މެޗުތަކަށް ނުކުންނާނީ ޑިސެމްބަރު 26 ވަނަ ދުވަހުއެވެ.