މިހާރު ބޮޑު ބަހުސަކަށް ވެފައިވާ ޔޫއެސް ޑޮލަރުގެ މައުޟޫގައި އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހީމް އިސްލާއީލް ގެންދަވަނީ ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ. އޭނާގެ ސޯޝިއަލް މީޑިއާ ޕްލެޓްފޯމްތަކުގައެވެ. އިބުރާގެ ވާހަކައިގެ މައުގަނޑު މާނައަކީ، ބޭރު ފައިސާ ޖެހޭނީ މާރުކުރާން ކަމެވެ. އެކަމަކު އެއަށްވާ އަދުލުވެރި ބަދަލު ދިވެހި ރުފިޔާއިން ދޭން ޖެހޭނެ އެވެ. ރާއްޖޭގައި ހިނގާން ވާނީ ދިވެހި ރުފިޔާއެވެ. ބޭރު ފައިސާ ހަރަދުކުރުމާއި ލިބުމުގައި، ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި އެންމެންވެސް ހަމަހަމަ ވާން ޖެހޭނެ އެވެ. ތިރީގައި އެވަނީ އިބުރާގެ ވާހަކަތައް، އޭނާ ލިޔުއްވާފައިވާ ގޮތަށެވެ.
"އެވަގުތަކު ސަރުކާރު ހިންގަން ހުންނަ ކޮންމެ މީހަކަށްވެސް، ބޭރުފައިސާގެ މުހިންމުކަން ވިސްނޭނެ އެވެ. ބޭރުފައިސާ ބެންކުތަކަށް ޖަމާކުރަން ޖެހެނީ ހަމަ އެކަނި ސަރުކާރުގެ ދަރަނިތައް ދައްކާކަށް ނޫނެވެ. މުޅި އިޤްތިޞްދު އޭގެ މައްޗަށް ބަރޯސާވާތީއެވެ. ބޭރުފައިސާ ފަސޭހައިން ނުލިބި ވިޔަފާރި ނުހިންގޭތީއެވެ. އެންމެނަށް އެއްއަގެއްގައި ބޭރުފައިސާ ގަންނާން ނުލިބޭނަމަ ވިޔާފާރީގެ މާޙައުލުގައި ވާދަކުރުމުގެ ހަމަހަމަކަން ނޯންނާނެތީއެވެ. ރާއްޖޭގެ ވެރިކަން ކޮށްފައިތިބި މީހުން މި ޙަޤީޤަތް ފޮރުވައި، ބޭރުފައިސާއަކީ އެ ހޯދާމީހުން ބޭނުންގޮތަކަށް ގެންގުޅޭން އޮތް އެއްޗެއްކަމަށް ބުނަނީ، ސިޔާސީ ފިތުނައެއް އުފެއްދުމުގެ މަޤްޞަދުގައެވެ.
ޙަޤީޤަތަކީ، ޑޮލަރު ކޮންޓްރޯލް ކުރުމަކީ އެއްވެސް ސަރުކާރަކުން އަތްލާން ނުކެރުނު ކަމެއްކަމެވެ. ބާރުވެރިން، ރިޝްވަތު ދީގެން ބަޣާވަތްކޮށް ވެރިކަން ވައްޓާލާނެތީއެވެ.
ރައީސް މުޢިއްޒަކަށްވެސް މިކަމެއް ނުކުރެއްވޭނެއެވެ. ފަހަތަށް ޖެހިވަޑައިގަތުންނޫން އެހެން ގޮތެއް ނޯންނާނެއެވެ. ސިޔާސީ ބާރުވެރިކަމަށް، ކޮންމެ ސަރުކާރަކުންވެސް އިޤްތިޞާދުގެ ބައެއް ވިއްކަމުން ވިއްކަމުންގޮސް، ދައުލަތަށްވުރެ މާލީބާރު ގަދަ ފަރުދުންތަކެއް މިހާރު އެބަތިއްބެވެ. އެމީހުންގެ މައްޗަށް ދައުލަތުގެ ބާރު ދެންގެނެވޭނީ ފިސާރި ވިސްނުންތެރި، ޖެހިލުންކުޑަ، ރައްޔިތުންގެ އެއްބާރުލުން ހޯދޭނޭ ސަރުކާރަކަށެވެ.
މި މައްސަލައަކީ ވަރަށް ސާފު، ސާދާ މައްސަލައެކެވެ. ރާއްޖޭންބޭރުގައި ވަޒީފާ އަދާކުރާ، ނޫނީ ވިޔާފާރި ހިންގާ މީހުން ފިޔަވައި، ދެން ކޮންމެ މީހަކުވެސް ބޭރުފައިސާ ހޯދަނީ ދިވެހި ދައުލަތުގެ ރައުސުލްމާލުގައި ހުރި ރަށްތަކާއި ފަޅުތަކައި ކަނޑުތައް ބޭނުންކޮށްގެނެވެ. އެ ހޯދާ ބޭރުފައިސާއަކީ ދައުލަތުގެ އެއްޗެކެވެ. ދައުލަތަށް އެ ނަގަންޖެހެނީ ޢާންމު މަންފާއަށެވެ. އެޔަށްވާ ޙައްޤު ބަދަލު ދިވެހި ރުފިޔާއިން ދީފައެވެ. އެމީހުންވެސް ބޭރުފައިސާ ހޯދަންވީމާ ބެންކަށް ގޮސް، ކަލެޔާ މަށާވެސް ގަންނައަގުގައި ގަންނާނީއެވެ. މިނޫން އެއްވެސް ޙައްލެއް މިކަމުގައި ނޯންނާނެއެވެ.
މިހައިތަނަށް، މަޖިލިހުގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ޕާޓީއަކުން ރައްޔިތުންގެ މަޞްލަޙަތު އިސްކޮށްގެން ކުރިކަމެއް ނެތެވެ. ކުރާކަމަކީ ސަރުކާރު ދިފާޢު ކުރުމެވެ. ނޫނީ ސަރުކާރު ހިންގިޔަ ނުދިނުމެވެ. މިއީ ވެރިކަންކުރާ ޕާޓީއަށް ސުޕަރ މެޖޯރިޓީ އޮވެގެން ހިންގާ ދެވަނަ ސަރުކާރެވެ. އަދިވެސް މިއުޅެނީ ދިވެހިރާއްޖޭގައި ދިވެހި ފައިސާގެ ބާރު ނުހިންގިގެންނެވެ.
އަހުރެންނަކީ ރައީސް މުޢިއްޒުގެ ސަރުކާރާ "އެއްކޮޅު" ނޫނީ "ދެކޮޅު" މީހެއްނޫނެވެ. އަހަރެން "އެއްކޮޅުވަނީ" ކޮންމެ ސަރުކާރަކުން ކުރިޔަސް ރަނގަޅުކަމަށް އަހަރެން ޤަބޫލުކުރާ ކަންކަމާއެވެ. "ދެކޮޅުވަނީ" ކޮންމެ ސަރުކާރަކުން ކުރިޔަސް ރަނގަޅުނޫން ކަމަށް އަހަރެން ޤަބޫލުކުރާ ކަންކަމާއެވެ.
އަހަރެން ޤަބޫލުނޫން ކިތަންމެ ކަމެއް މިސަރުކާރުން މިހާރުވެސް ކޮށްފިއެވެ. އެކަމަކު، ރައީސް ވިދާޅުވިހެން، އެއްވެސް ސަރުކާރަކަށް ކުރާން ނުކެރުނު، އެހެނަސް ރަނގަޅު ކަންތައްވެސް މި ސަރުކާރުން ކުރެވޭތޯ އުޅޭތަންވެސް އެބަފެނެއެވެ. ރާއްޖެއަށް އަންނަ ޑޮލަރު، ބޭންކަށް މާރުކުރުން ލާޒިމު ކުރުމަކީ ރަނގަޅުކަމެކެވެ. ކުރާންވީ އެއްބައެއްވެސް ނޫނެވެ. އަންނަ ހުރިހައި ޑޮލަރެކެވެ. އެއްވެސް މީހެއްގެ، ނުވަތަ ކުންފުންޏެއްގެ ޔޫ.އެސް ޑޮލަރު އެކައުންޓެއް ބެންކުގައި ބާއްވާކަށްވެސް މަށަކަށް ނުފެނެއެވެ. ޑޮލަރު އެކައުންޓު ބަހައްޓާނީ މިނިސްޓްރީ އޮފް ފިނޭންސްގެ އެކަންޏެވެ.
ހުރިހައި ޑޮލަރެއް ބޭންކަށް މާރުކޮށްފައި، 100 މިލިއަނުން މަތީގެ ފައިދާއިން %35 ޓެކްސް ނަގަންފަށަނިކޮށް، މިރާއްޖެ އިސާހިތަކު ދަރަނި ފިލައި، ރައްޔިތުން ތަނަވަސް ވެދާނެއެވެ. "
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު