ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރު ނިމިގެންދާ އިރު، މަޖިލީހެއް އޮތުމުގެ ހާގީގީ ބޭނުމާއި މަޖިލީހެއް އޮންނަން ޖެހެނީ ކީއްވެގެންކަން ރައްޔިތުންނަށް އެނގިގެންދާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ތެރެއިން މީގެ ކުރިން ރައްޔިތުންނަށް މަންފާވާނެ ކަންކަން ހާސިލުވެފައިނުވަނީ ނިޔަތް ރަނގަޅުނުވުމުގެ ސަބަބުން ކަމަށެވެ. މަޖިލީހަށް މެންބަރުން ވަޑައިގަންނަވަނީ އަމިއްލަ މަންފާއަށްޓަކައި ކަމަށްވާނަމަ ނަތީޖާ ހާސިލުނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޕީއެންސީގެ 75 މެންބަރުންނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރާ އެއްގޮތަށް މަޖިލިސް ހިންގުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ބިލެއް މަޖިލީހަށް ހުށަހެޅީމާ އެ ބިލެއް ކުރިއަށް ނުގެންގޮސް ހިފަހައްޓައިފައިނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ މަންފާއަށް، ގާނޫނު އިސްލާހުކުރަން ރައީސް މުއިއްޒު ބޭނުންފުޅުވުމުން އެކަން އެގޮތަށް ޕީއެންސީގެ މެޖޯރިޓީ މަޖިލީހުން ކޮށްދޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"20 ވަނަ ރައްޔިތުންގެ މަޖިލިސް ނިންމާލާއިރު ދިވެހި ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލީހުގެ ބޭނުމަކީ ކޮބައިކަން، ރައްޔިތުންގެ މަޖިލީހެއް އޮންނަންވާނީ ކިހިނެއްކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދައްކައިދޭނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ފިކުރުގައި މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ލީޑަރަކީ ރައީސް މުއިއްޒު ކަމަށާއި އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވީ އެހެންވެގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ސިޔާސީ ގޮތުން އައި ބަދަލުތަކާއެކު ކުރިއަށް ދާން އެނގިވަޑައިގަތުމުގެ ނަތީޖާއަކީ ވެސް ރައީސް މުއިއްޒަށް، ވެރިކަން ލިބިވަޑައިގަތުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ވާދަވެރިން ނުވަތަ ދެކޮޅުވެރިން ވަރަށް ގިނަ ވާހަކަތައް ދައްކަވަމުންދާނެ ކަމަށެވެ. ރައީސް މުއިއްޒު ގެންދަވަނީ އެ ބޭފުޅުން ހީނުކުރައްވާ ފަދަ ވެރިކަމެއް ކުރައްވަމުން ކަމަށާއި ފާޑުކިޔުންތައް އަމާޒުވަނީ އެހެންވެގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެފަދަ މީހުން ދައްކަވަމުންދާ ވާހަކަތަކާ ގުޅިގެން އެއްވެސް ވަރަކަށް ކަންބޮޑުނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތައް ކަމަށްވާ ސިނަމާލެ ބުރިޖުގެ މަސައްކަތް ފަށައިފައިވަނީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ނޫން ކަމަށާއި އެ މަސައްކަތް ނިމިފައިވަނީ ވެސް 2028 ވަނަ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.