އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށާއި، އޭރުވެސް އަދި މިހާރުވެސް ތިބީ އިންޑިއާގެ މިލިޓަރީގެ ސިވިލް މީހުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނުުގެ ވެރިކަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށްބުނެ އޭރުގެ އިދުކޮޅު ފަރާތުގެ ގޮތުގައި އޮތް މިހާރުގެ ވެރިކަން ކުރާ ޕާޓީ ޕީއެންސީން ކުރި ތުހުމަތުކަކާ ބެހޭގޮތުން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ހަތިޔާރު އެޅި މިލިޓަރީ މީހުން ތިބިކަމަށް އޭރު ދައްކަމުން އެ ގެންދިޔަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް، އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"މިއަދު އެއޮތީ ހާމަވެެގެން ގޮސްފަ އެހެނެއްނޫން، އިންޑިއާގެ ޓެކްނިކަލް މީހުން އަބަދުވެސް ރާއްޖޭގައި ތިބޭ، މިސާލަކަށް އައިޖީއެމްއެޗް، ހަދާ ނިމުމަށްފަހުގައި އެތަނުގައި ހިދުމަތްކުރަން އައީ މިލިޓްރީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓެކްނިކަލް ބޭފުޅުން، އަޅުގަނޑު ހިތުން މިހާރުވެސް އެ މަސައްކަތްތައް އެބޭފުޅުން ކުރައްވަމުން އެ ގެންދަވަނީ،"
ރައީސް ވިދާޅުވީ، ކޮންމެ ފަހަރަކު މަރާމާތު ކުރުމަށް ކޯސްޓް ގާޑު އިންޑިއާއަށް ގެންގޮސް ގެންނައިރުވެސް އެއާއެކު އިންޑިއާގެ ޓެކްނިކަލް މީހުންނާއި އިންޖިނިއަރުން އަންނަ ކަމަށެވެ. އެއީ އެ މަނިކުފާނުގެ ވެރިކަމުގެ ކުރީއްސުރެވެސް އެކަން ހިނގަމުން އަންނަ ގޮތް ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓާ ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަތައް ދޮގު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެއީ އެ މަނިކުފާނުގެ ވެރިކަމުގައި ގެނައި އެއްޗެހިތަކެއް ނޫން ކަމަށެވެ.
"ހެލިކޮޕްޓަރު ފުރަތަމަ ގެނައީ އަޅުގަނޑުމެންގެ ވެރިކަމުގައެއް ނޫން.، އެއީ ރައީސް މައުމޫނުގެ ދައުރުގައި ވާހަކަ ދެކެވިފަ އޮތް ކަމެއް، ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެ ގެނައީ ރައީސް ނަޝީދުގެ ވެރިކަމުގަ، ދެވަނަ ހެލިކޮޕްޓަރު ރައީސް ޔާމީންގެ ވެރިކަމުގަ، އަދި ރައީސް ޔާމީން އެދިވަޑައިގަތީ އެއާ ވިންގް ފުޅާކުރަން އަދި ބޭނުމޭ ޑޯނިޔާއެއްވެސް އަޅުގަނޑުމެނާ ހިސާބަށް އައިއިރު އޮތީ އެ ޑޯނިޔާ ގެނައުމުގެ ހުރިހާ ވާހަކަތަކެއް ދެކެވި ގާތްގަނޑަކަށް އެއްބަސްވެފައި،"
ރައީސް ސޯލިހު ވިދާޅުވީ އުތުރު ތިލަފަޅާ ބެހޭގޮތުންވެސް އޭރު ދެއްކީ ދޮގު ވާހަކަތަކެއްކަން މިހާރު ސާފުވާނެ ކަމަށެވެ.
"އުތުރު ތިޅަފަޅު ހިއްކައި އެތާ މިލިޓްރީ ބޭހެއް ހަދަނިއްޔޭ، އެނގިވަޑައިގަންނަވާނެ ރޯހިތު ހޯދަންވެގެން އެދިޔަ ޓީމު ތި ވިދާޅުވާ އިންޑިއާ މީހުން އެތަނަކުން ނުފެނުނު، އަނެއްކާ މިއަދު އެޕްރޮޖެކްޓް ކުރިއަށް އެގެންދަނީ އޭރު އޮތް އެގްރީމެންޓްގެ ދަށުން، އެއްވެސް އަކުރަކަށް ފިއްޔަކަށް ބަދަލެއް ނާދޭ، ބާރަށް އެއޮށް ކުރިއަށް ގެންދަނީ އެތަނަކު އިންޑިއާ ސިފައިންނެއް ނެތް،"
އެއީ ދިވެހި ސިފައިންނަށް ވަރަށް މުހިއްމު ތަނެއްކަން ފާހަގަ ކުރައްވައި ސޯލިހު ވިދާޅުވީ، އެތަން ނިމުމުން ދިވެހި ސިފައިންނަށް ރަނގަޅު ވަސީލަތްތަކެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ، އިނޑިއާއަކީ ރާއްޖެއަށް އެންމެ ގާތް އެންމެ ދުވަސްވީ ރަހުމަތްތެރި ގައުމުކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އިންޑިއާއެކީ ރާއްޖެއިން އޮންނަ ގުޅުން އެގޮތުގައި ބާއްވަން ޖެހޭ ކަމަށެވެ. އެއީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު