ރެއާލް މެޑްރިޑާ ދޭތެރޭ ވިސްނާނަމަ، އެކަހަލަ ކްލަބަކަށް އެއްވެސް އިރެއްގައި ނޫނެކޭ ނުބުނެވޭނެ ކަމަށް ސްޕެއިންގެ ޑިފެންޑަރު އެމްރިކް ލަޕޯޓް ބުނެފިއެވެ.

ސްޕެއިންގެ ގަދަބާރު ރެއާލަށް މިދިޔަ ސީޒަން ކާމިޔާބު ނަމަވެސް، މި ސީޒަނުގެ މިހާތަނަށް އެޓީމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އަނިޔާގެ ގިނަ މައްސަލަތަކެއް ރެއާލަށް ދިމާވެފައިވާ އިރު، އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯގެ ކަކުލަށް ބޮޑު އަނިޔާއެއް ވެ އޭނާ ވަނީ ސާޖަރީއަކަށް ދާން ޖެހިފައެވެ.

އޭގެ ކުރިން ޑޭވިޑް އަލާބާއަށްވެސް އަނިޔާވެ، ރެއާލަށް މިވަގުތު ގޮތް ހުސްވެފައިވާ އިރު، އެޓީމުން މިވަގުތު ދަނީ ޖެނުއަރީ ޓްރާންސްފާ ސީޒަނުގައި ޑިފެންޑަރެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގައި ބަލަމުން އަންނަ އެއް ކުޅުންތެރިޔަކީ ސައުދީގެ އަލް ނަސްރަށް ކުޅެމުން އަންނަ ލަޕޯޓް ކަމަށް ނޫސްތައް ބުނެއެވެ.

"އެނބުރި ޔޫރަޕަށް ކުޅެން ދިއުމުގެ ވިސްނުން އެބަހުރި. އެއީ އަހަރެންގެ އާއިލާ އެއްކޮށް ދިރިއުޅެނީ ސްޕެއިންގަ ކަމަށްވާތީ. ސްޕެއިނަށް އެނބުރި ދާން އަހަރެން ވިސްނަން. ރެއާލުން އަހަންނަށް ބަލާކަމެއް ނޭނގޭ. އެކަމަކު ރެއާލް ކަހަލަ ކްލަބަކުން ލޯއަޅަމުންދާ ނަމަ، އެކަހަލަ ފުރުސަތަކަށް ނޫނެކޭ ނުބުނެވޭނެ. އެއީ ގަބޫލުކުރަންވެސް ދަތި ފުރުސަތެއް،" ލަޕޯޓް ބުންޏެވެ.

ލަޕޯޓް ސްޕެއިންގެ މީޑިއާއަށް ވާހަކަ ދައްކަމުން ބުނީ ސައުދީއަށް އޭނާ ދިއުމުން ފާޑުކިޔުންތައް އައި ނަމަވެސް، އެކަމަށް ފަރުވާލެއް ނެތް ކަމަށެވެ. ހާއްސަކޮށް ސައުދީގައި ކުޅެމުންވެސް ގައުމީ ޓީމާއެކު ޔޫރޯ ހޯދި، މިހާރު ކަންކަން އެޖެސްޓް ވެއްޖެ ކަމަށް ލަޕޯޓް ބުންޏެވެ.

ސައުދީއަށް ދިޔައީ ފުޓުބޯޅަ ކުޅެން ކަމަށާއި، ސައުދީގެ ފުޓުބޯޅަ ޕްލޭނަކީ އެހެން ގައުމުތަކަށްވުރެ ތަފާތު ބޮޑު ޕްރޮޖެކްޓެއް ކަމަށާއި، އެގައުމުގައި ދިރިއުޅެނީ ހިތްހަމަ ޖެހިގެން ކަމަށްވެސް ލަޕޯޓް ފާހަގަކުރިއެވެ.

ލަޕޯޓަކީ ކުރިން ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގައި ހަ ސީޒަނުގައި ކުޅެ، ފަސް ތަށި ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ސައުދީ ލީގަށް ބަދަލުވީވެސް ކެރިއަރުގެ އުހުގައި ހުރެފައެވެ.