ސްޕެނިޝް ލީގުގައި އެންމެފަހުން ކުޅުނު މެޑްރިޑް ޑާބީއަށް ފަހު ރެއާލް މެޑްރިޑުން މެޗު ރެފްރީ އޯޓިޒް އަރިއާސްއަށް ފާޑު ކީ މައްސަލައިގައި ވާހަކަ ދެއްކި ލަ ލީގާގެ ރައީސް ހާވިއާ ތޭބާސްއަށްވެސް ރެއާލުން ނުރުހުން ފާޅުކޮށްފިއެވެ.
އިންޓަނޭޝަނަލް ބްރޭކް ކުރިން އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފޯރިގަދަ ޑާބީ މެޗުގައި ރެއާލުން އެތުލެޓިކޯ އަތުން ބަލިވީ 2-1 އިންނެވެ. ޖޯސޭ މޮރީނިއޯގެ ރެއާލަށް އެމެޗުގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަމަކީ ދެވަނަ ހާފުގެ ކުރީކޮޅުގައި ޑީން ހައުސަންއަށް ދެއްކި ރަތް ކާޑެވެ. އެ ރަތް ކާޑާއެކު މެޗުގެ އޮއިވަރު ބަދަލުވެގެން ގޮސްފައިވާ އިރު، މެޗަށްފަހު ރެއާލުން ކުރި ޕޯސްޓްގައިވެސް ބުނެފައި ވަނީ މެޗުން ބަލިވީ ރެފްރީގެ ގޯހުން ކަމަށެވެ. އަދި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ މެޗުގެ ރެފްރީ އޯޓިޒް އެތައް ގޯހެއް ހެދި ކަމަށެވެ.
އެގޮތުން ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ޑިފެންޑަރު ކުޓީ ރޮމޭރޯއަށް ރަތް ކާޑު ދައްކަން ޖެހޭ ކަމަށާއި، ޖޫޑް ބެލިންހަމްއަށް ކުރި އެފައުލް ވީއޭއާރް އެހީގައި ބަލާފައިވެސް ރަތެއް ނުދެއްކި ކަމަށް ޕެރޭޒް ފާހަގަކުރެއްވިއެވެ. އަދި ފެޑެރީކޯ ވަލްވާޑޭގެ ކުޑަހުޅަށް ދަށް ފައިން އެރުމުން ކޭންގް އިން ލީއަށް ރަތެއް ދައްކަންވެސް ރެފްރީއަށް ނުކުރެނު ކަމަށް ޕެރޭޒް ވިދާޅުވިއެވެ.
އެކަމުގެ މާޔޫސްކަމުގައި ހުރެ މޮރީނިއޯ ޕޯސްޓް މެޗު ޕްރެސްއަށް ދިޔައީ އޭފޯ ސައިޒް ގަނޑަކަށް އެ ދެފައުލްގެ މަންޒަރު ދައްކުވައިދޭ ފޮޓޯ ޕްރިންޓް ކޮށްގެންނެވެ.
އަމިއްލައަށްވެސް ރެއާލްގެ ސަޕޯޓަރެއް ކަމަށް ވިދާޅުވެފައިވާ ތޭބާސް ރެއާލާ ގުޅޭގޮތުން ވިދާޅުވީ، "ރެފްރީންނަށް ރެއާލާ ދެކޮޅަށް މަސައްކަތް ކުރަން އިރުޝާދު ދޭ ކަމަށް ވާހަކަ ދައްކަނީ މުޅިން އެހެން ގެލެކްސީއެއްގައި އުޅޭ މީހުން،" ކަމަށެވެ. ތޭބާސް ވިދާޅުވީ ދަނޑުމަތީގެ ކަންކަން ރަނގަޅު ނުކޮށް، ވަކި ބަޔަކަށް އިނގިލި ދިއްކުރުމަކީ ފަސޭހަކަމެއް ކަމަށެވެ.
ތޭބާސްގެ އެވާހަކައާއެކު ރެއާލުން ބުނެފައި ވަނީ އެއީ ލަ ލީގާ ރައީސްގެ ފަރާތުން ފެންނަން ޖެހޭ އަހުލާގީ މިންގަނޑު ނޫން ކަމަށާއި، އެއީ ރެއާލަށް ފުރައްސާރަކުރުން ކަމަށެވެ. މިހާރުން މިހާރަށް ސްޕެއިން ފުޓުބޯޅަ ލީގަށް އާ ވެރިހޔަކު ބޭނުންވާ ކަމަށް ރެއާލުން ބުންޏެވެ.
ތޭބާސްއަކީ 2013 ވަނަ އަހަރުން ފެށިގެންވެސް ލަ ލީގާގެ ރައީސެވެ. އެންމެފަހުން 2023 ވަނަ އަހަރު ޑިސެމްބަރު އޭނާ ހަތަރުވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވީ ވާދަވެރިޔަކު ނެތިއެވެ. އޭނާ މިހާރު ހުންނެވި ދައުރު ހަމަވާނީ 2027 އަށެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ކޮމެންޓް