ބަންގްލަދޭޝްއިން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަ ހަމަލާތަކެއް އުފައްދައި މޮޅު ނުވެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށް ކޯޗު ޖާވިއޭ ކަބްރޭރާ ބުނެފިއެވެ.
އަހަރެއްހާ ދުވަސް ފަހުން ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ބަންގްލަދޭޝް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ބަޝުންދަރާ ކިންގްސް އެރީނާގައި ރާއްޖެއިން ހޯދި މޮޅަކީ ފުޓުބޯޅަ ތާރީހުގައިވެސް އެގައުމުގައި ބަންގްލަދޭޝްގެ މައްޗަށް ރާއްޖެ ހޯދި ފުރަތަމަ މޮޅެވެ.
މިހާރު ކުރިއަށްދާ ފީފާ އިންޓަނޭޝަލް ބްރޭކްގައި ރާއްޖެއިން ބަންގްލްދޭޝާ ދެކޮޅަށް، އެގައުމުގައި ދެ މެޗު ކުޅެން ވަނީ ރާވައިފައެވެ. އިއްޔެގެ މެޗުގެ އިތުރުން ދެން މެޗު އޮންނާނީ 16 ވަނަ ދުވަހުއެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ރާއްޖެއިން ގޯލު ޖެހި އިރު، މެޗުގައި ބަންގްލަދޭޝްއިން ވަނީ ގޯލު ޖަހާނެ ނުރައްކާތެރި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ބަންގްލަދޭޝްއިން ރާއްޖޭގެ ފަހަތަށް ނުރައްކާކޮށް އޭރިއާ ތެރެއަށް ގިނަ ހުރަސްތަކެއް ކުރަން މަސައްކަތް ކުރިއެވެ. އެ ހުރަސްތައް ދިފާއުކުރުމުގައި މުހައްމަދު އިރުފާނާއި ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ކުރި މަސައްކަތް ފާހަގަކުރެވުނެވެ.
ސޮހޭލް ރަނާގެ ބާރު ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، މެޗު ނިމެން ދަނިކޮށް ބަދަލަކަށް ނުކުތް މުޖީބުއް ރަހްމާން ޖޮނީ ފޮނުވާލި ހަމަލާއެއްގެ އިތުރުން ޝެއިހް މޮރްސަލީން ފޮނުވާލި ބާރު ދެ ހަމަލާއެއްވެސް މަތަކުރީ ކީޕަރު ހުސައިން ޝަރީފެވެ.
"އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގޭ. ވަރަށް އުނދަގޫ މި ބަލި ތަފްސީލުކޮށްދޭން. މިއީ އަހަރެން ހަވާލުވިފަހުންވެސް ބަންގްލަދޭޝްއިން އެންމެ ރަނގަޅަށް ފުރުސަތު ތަނަވަސްކުރި މެޗު. އަހަރެމެން ގޯލު ޖަހަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިން. ކިތައް ފުރުސަތު ގެއްލިގެން ދިޔަ؟ ދެން އިތުރަށް ގޯލެއް ޖަހަން ކުރާނެ ކަމެއް ވަކި ނޭނގެ،" ކަބްރޭރާ ރޭގެ މެޗަށްފަހު ބުންޏެވެ.
އަންނަ އަހަރުގެ މާޗު މަހު އޮންނަ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން މެޗުތަކަށް ބަންގްލަދޭޝްއިން ތައްޔާރުވަމުން އަންނައިރު، އެ ޓީމުން އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ގްރޫޕަށް ނުކުންނަނީ މިދިޔަ އަހަރު ކުޅުނު ދެ ލެގުގެ ކޮލިފިކޭޝަން ބުރެއްގައި ރާއްޖެ ބަލިކޮށްފައެވެ.
ކަބްރޭރޭ ބުނީ ކޮލިފިކޭޝަން މެޗުތަކަށްދާ އިރު، ޓީމު ރަނގަޅު މަގެއްގައި ބާއްވަން ބޭނުންވާ ކަމަށާއި، މިވަގުތު އެންމެ ބޮޑަށް ވިސްނާނީ ދެން އޮތް މެޗު ރާއްޖެ ކައިރިން ނަތީޖާ ނެރުމަށް ކަމަށެވެ.
ރާއްޖެއާއި ބަންގްލަދޭޝް ދެން ކުޅޭ މެޗު އޮންނާނީ ހޮނިހިރު ދުވަހު ހަވީރު ރާއްޖެ ގަޑިން 5:00 ގައެވެ.
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް