އަހަރެއްހާ ދުވަސް ފަހުން ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ބަންގްލަދޭޝް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ބަންގްލަދޭޝްގެ އަމިއްލަ ފަސްގަނޑުގައި، އެމީހުން ސަޕޯޓަރުންގެ ކުރިމަތީގައި، ރާއްޖެއިން ބަޝުންދަރާ ކިންގްސް އެރީނާގައި ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ދިވެހި ފުޓުބޯޅަ ތާރީހުގައިވެސް، ބަންގްލަދޭޝްގެ ދަނޑުގައި ރާއްޖެއަށް އެގައުމު ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތުން މިއީ މުޅި ގައުމަށް ލިބުނު ފަހުރުވެރި ނަތީޖާއެކެވެ. އެތައް އާއްމު ރައްޔިތުންނެއްގެ އުންމީދާވެސް އެ ނަތީޖާ ގުޅިއްޖެކަން ޔަގީނެވެ.
މިހާރު ކުރިއަށްދާ ފީފާ އިންޓަނޭޝަލް ބްރޭކްގައި ރާއްޖެއިން ބަންގްލްދޭޝާ ދެކޮޅަށް، އެގައުމުގައި ދެ މެޗު ކުޅެން ވަނީ ރާވައިފައެވެ. އެއީ އިއްޔެ ކުޅުނު މެޗުގެ އިތުރުން މިމަހުގެ 16 ވަނަ ދުވަހު ކުޅޭ މެޗެވެ. ދެ މެޗުވެސް ކުޅެން ރާވާފައިވަނީ ބަޝުންދަރާ ކިންގްސް އެރީނާގައެވެ.
އިއްޔެގެ މޮޅު ހާއްސަވި އިތުރު ސަބަބުތައްވެސް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ބަންގްލަދޭޝާ ދެކޮޅަށް މި ފަހަކަށް އައިސް ނެރެވިފައިވާ ނަތީޖާތަކަކީ މާޔޫސީ ނަތީޖާތަކަކަށް ވުމެވެ. ރޭގެ މެޗުގެ ކުރިން ރާއްޖެއިން އެންމެ ފަހުން ގައުމީ ޓީމުގެ މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ ލެގެވެ. އެ ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.
އެ މެޗަށްފަހު ގައުމީ ޓީމުގެ ހަރަކާތެއްވެސް، އެއްވަނަ ޑިވިޝަނުގެ ކްލަބު ފުޓުބޯޅައިގެ ހަރަކާތެއްވެސް ނުހިނގާ އޮތް ރާއްޖޭގެ ފުޓުބޯޅައަކީ ވަޅުޖެހިފައި އޮތް އެއްޗެކެވެ. ނޯމަލައިޒޭޝަން ކޮމިޓީއަކުން އެފްއޭ ހިންގަމުންދާ އިރު، މިފަހަރު ސްކޮޑުގައި ހިމެނުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން ފިޔަވައި އެހެން އެއްވެސް ކުޅުންތެރިޔަކު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ކުޅެފައެއް ނުވެއެވެ. މާޒިޔާ ޓީމުގައި ހިމެނޭ ކުޅުންތެރިން ދާދިފަހުން އޭއެފްސީ ޗެލެންޖް ލީގު މެޗުތައް ކުޅެފައިވެއެވެ.
އެ ހާލަތުގައި އޮވެ މެޗަށް ނުކުތީވެސް ކުޅުންތެރިންގެ ހިތްވަރާއި ގައުމީ ރޫހު ސާބިތުކޮށްދިނުމަށެވެ. މެޗުގައި ރާއްޖެއަށް ބަންގްލަދޭޝްގެ ނުރައްކާތެރި ހަމަލާތަކާ ކުރިމަތިލާން ޖެހުނުލެއް ގިނަ ނަމަވެސް، ނަތީޖާއިން ބުނެދިނީ ދިވެހި ކުޅުންތެރީންގެ ހިތްވަރެވެ. ލީގު މެޗުތައް ކުޅެން ނުލިބި، އަމިއްލަ ރޭވުންތެރިކަމާއެކު އަތޮޅު ތެރޭގެ އެތައް މުބާރާތެއް ކުޅެން ދުއްވައި، ފުޓުބޯޅައިގެ ތެރޭގައި އަމިއްލަ ވިސްނުމުން އާމްދަނީ ހޯދައިގެން އުޅުން އެއީ ކުޅުންތެރިން ފުޓުބޯޅައަށް ޓަކައި ވި ގުރުބާނީއެވެ.
ކޯޗު އަލީ ސުޒޭންވެސް ވަނީ މެޗަށްފަހު އެކަން ފާހަގަކޮށްފައެވެ. ސުޒޭން ބުނީ އަތޮޅު ތެރޭގައި ކުޅުންތެރީން ކުޅުމުގެ ފައިދާއާއި މާޒިޔާގެ ތަމްރީނުތަކުގެ ފައިދާ ޓީމަށް ކުރި ކަމަށާއި، މާޒިޔާގައި ތަމްރީނުވެގެން ދިޔަ ކުޅުންތެރިން ތިބީ ރަނގަޅު ހާލަތެއްގައި ކަމަށެވެ.
ސުޒޭން ވަނީ ގޯލްކީޕަރު ހުސައިން ޝަރީފާއި ފަހަތަށް ކުޅުނު މުހައްމަދު އިރުފާނަށްވެސް ޝުކުރު އަދާކޮށް، އެ ކުޅުންތެރިންގެ ނަންތައް ފާހަގަކޮށްފައެވެ. އޭގެ އިތުރުން އިބްރާހީމް އައިސަމްގެ ބަދަލުގައި ފުރަތަމަ 11 އަށް ނުކުތް އަހުމަދު އައިހަމްގެ މަސައްކަތްވެސް ސުޒޭން ފާހަގަކުރިއެވެ.
ގައުމީ ޓީމަށް ކުރިން ކުޅެ، މީގެ ފަސްވަރަކަށް މަސް ދުވަސް ކުރިން ކުއްލި ގޮތަކަށް ވަކިވެގެން ދިޔަ މުހައްމަދު އާރިފް (ބަކާ) އަށް ހާއްސަކުރި މޮޅާއެކު ކޯޗު ސުޒޭން ޕޯސްޓް މެޗު ޕްރެސްގައި މުޅި ދިވެހި ފުޓުބޯޅަ އާއިލާއަށް މަރުހަބާ ކިޔާފައިވެއެވެ.
"އަހަރެން ފުރަތަމަވެސް ރާއްޖޭގެ ފުޓުބޯޅަ އާއިލާއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން ބޭނުންވޭ. އެއީ މިދިޔަ 45 ވަރަކަށް އަހަރުގެ ތެރެއިން އެއްވެސް މެޗެއްގައި ރާއްޖެއަށް ޑާކާގައި ބަންގްލަދޭޝް ބަލިކުރެވިފައެއް ނުވޭ. އެހެންވީމަ މިއީ ރާއްޖޭގެ ފުޓުބޯޅައަށް ތާރީހީ ކާމިޔާބީއެއް،" ސުޒޭން ބުންޏެވެ.
"މި މެޗުގައި ކުޅުނު ކުޅުންތެރިން ގައުމީ ޓީމު މެޗަކަށް ނުކުތީ އަހަރެއްހާ ދުވަސް ފަހުން. އަދި އެ މުއްދަތުގައި ރާއްޖޭގެ ލީގު ފުޓުބޯޅަވެސް ނެތް. އެހެންވީމަ މިއީ އަހަރެމެންނަށް ވަރަށް މުހިއްމު، ބޮޑު މޮޅެއް،" ކޯޗު ސުޒޭން އިތުރަށް ބުންޏެވެ.
ދެން ކުޅެން އޮތް މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ހަގީގާތުގައި ރާއްޖެ "ހަމަ ތިބެލާފައި" ގޮސް ބަންގްލަދޭޝް ބަލިކުރުމަކީ ދިން ހާއްސަ މެސެޖެކެވެ. ފުޓުބޯޅައިގެ އެތައް ނޭދެވޭ ވާހަކަތަކެއްގެ ތެރެއިން ކުޅުންތެރިން ބެހެއްޓި ފޯކަސްއަށް ތައުރީފާއި ޝުކުރު ހައްގެވެ. ހަގީގަތަކީ ދިވެހި ކުޅުންތެރިންގެ މެންޓާލިޓީ ރަނގަޅު ކަމެވެ. އުންމީދެއް ދިރުމެއް ނެތި އެތައް ދުވަހަކު ތިބެފައި ގޮސް ގައުމީ ޖާޒީ ލައިގެންވެސް ދެއްކީ ހިތްވަރެކެވެ. ގައުމީ ހިތްވަރެވެ.
ސުޒޭން ރޭގެ މެޗަށްފަހު އޭނާގެ ރެކޯޑަށްވެސް އަލި އަޅުވާލިއެވެ. ހަގީގަތުގައި ކޯޗު ސުޒޭން ތަޖުރިބާކާރު ކޯޗިން ކެރިއަރުގައިވެސް ރޭގެ މޮޅު އޭނާއަށް ހާއްސަވިއެވެ. ތަފާތު މޮޅެއްގެ ގޮތުގައެވެ.
"ބަންގްލަދޭޝްއާއި ރާއްޖެއާ މިދިޔަ ދެތިން އަހަރު ތެރޭގައި ފެނުނީ ހަމަހަމަކޮށް. އަހަރެންގެ ކޯޗުކަމުގެ ދަށުގައި ހަތަރު މެޗުގެ ތެރެއިން އަހަރެމެން ދެމެޗުން މޮޅުވެ، އެއް މެޗު އެއްވަރުވެ، އަނެއް މެޗުން ބަންގްލަދޭޝް މޮޅުވީ. ފަހަކަށް އައިސް ބަންގްލަދޭޝް ރަނގަޅު. އެހެންނަމަވެސް އޭގެ ކުރިން ބަންގްލަދޭޝް ވަނީ ރާއްޖެ ކައިރިން ތަފާތު ނަތީޖާތަކުން ބަލިވެފަ. މިހާރުގެ ކޯޗާއެކު ބަންގްލަދޭޝްއިން ކުރިއެރުންތައް އެބަހޯދާ. އަދި ހާއްސަކޮށް މިރޭގެ މެޗުގައިވެސް ވަރަށް ރަނގަޅު ގޭމެއް ބަންގްލަދޭޝްއިން ފެނުނީ. އެހެންވެ އެޓީމު ބަލިކުރެވުމަކީ ހާއްސަ ކަމެއް،" ސުޒޭން ބުންޏެވެ.
މިފަހަރުގެ ބްރޭކްސްގައި ރާއްޖެއިން ދެން ކުޅޭ ދެވަނަ މެޗު އޮންނާނީ ހޮނިހިރު ދުވަހު ހަވީރު ރާއްޖެ ގަޑިން 5:00 ގައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު