އެއް ހެލިކޮޕްޓަރުން ނުފުދިގެން އިތުރު ހެލްކޮޕްޓަރާއި ޑޯނިއާއަށް އިންޑިއާ ސަރުކާރުގައި އެދުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން "ފުދިއްޖެ، ފުނޑިއްޖެ"ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ބޭއްވި ޑިފެންސް ޓޯކްސްގައި އެކައްޗަކުން ނުފުދޭ ކަމަށްބުނެ، ދެވަނަ ހެލިކޮޕްޓަރަކަށް އެދުނު ކަމަށާއި 2016 ގައި ގެނައި އެ ހެލިކޮޕްޓަރު ގެނެސް ބާއްވާފައި އެ އޮތީ ހަނިމާދޫގައި ކަމަށެވެ.
"އެއީކީ އެމްޑީޕީން ގެނައި އެއްޗެއް ނޫން. އެމްޑީޕީގެ ސަރުކާރުން އެދުނު އެއްޗެއް ވެސް ނޫން. ހަނިމާދޫގައި އޮތް ހެލިކޮޕްޓަރު ބާއްވާފައި އެ އޮތީ ރައީސް ޔާމީންގެ ސަރުކާރުން އެދިވަޑައިގެން. 2016 ވަނަ އަހަރު ބޭއްވުނު ޑިފެންސް ޓޯކްސްގައި އަދި ދެ ހެލިކޮޕްޓަރަކުން ނުވާނެއޭ، ތިމަންނަމެން އެބަ ބޭނުންވެއޭ ޑޯނިއާއެއް ވެސް. އެ އެދިވަޑައިގެންފައި އޮތީ ރައީސް ޔާމީންގެ ސަރުކާރުން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޑޯނިއާއެއް ގެނައުމުގެ މަސައްކަތްކުރަމުން ދަނިކޮށް، 2018ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައި ކަމަށާއި އެހެންކަމުން ޑޯނިއާ ފޮނުވުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކަމަށެވެ. އަދި އޭގެ ކުރިން އިންޑިއާ އިން ގެނައި ފުރަތަމަ ހެލިކޮޕްޓަރަކީ ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ އެދުމުގެ މަތިން ގެނައި ހެލިކޮޕްޓަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެ ހެލިކޮޕްޓަރުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެއަށް ގެނައުމުގެ މަޝްވަރާތައް ފެށިފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި. 2008 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ދެކެވުނު ވާހަކައެއްގެ ތެރޭގައި އެމްއެންޑީއެފްގައި އެއާ ވިންގެއް އުފެއްދުމުގެ ވާހަކައެއް ދެކެވިފައި އޮވޭ. އޭގެ ތެރެއިން ދިމާވި ކަމެއް،" އޭނާ ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އެ ހެލިކޮޕްޓަރަށް ރައީސް މައުމޫންގެ ސަރުކާރުން އެދިފައިވަނިކޮށް، އެ ގެނެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކަމަށާއި އެހެންކަމުން ދެ ހެލިކޮޕްޓަރާއި ޑޯނިއާއަށް އެދިފައިވަނީ އެމްޑީޕީގެ ސަރުކާރުތަކުން ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު