ރާއްޖެއަކީ އަންދާޒާ ކުރަން އެހާ ފަސޭހަ ޓީމެއް ނޫން ކަމަށާއި، ރާއްޖޭ ކުޅުންތެރީންގެ ޓެކްނިކަލް ހުނަރަށް ސަމާލުވާން ޖެހޭ ކަމަށް ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗު ހާވިއޭ ކަބްރޭރާ ބުނެފިއެވެ.
ރާއްޖޭގެ ގައުމީ ޓީމުން މިހާރު ކުރިއަށްދާ ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އޮންނާނީ މިއަދުއެވެ. އަދި އަނެއް މެޗު އޮންނާނީ 16 ވަނަ ދުވަހުއެވެ. ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ކިންގްސް އެރީނާގައެވެ.
ރާއްޖެއާއި ބަންގްލަދޭޝް މީގެ ކުރިން 1984 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 18 މެޗެއް ކުޅެފައިވެއެވެ. އޭގެ ތެރެއިން އަށް މެޗަކުން ބަންގްލަދޭޝް މޮޅުވި އިރު، ހަތަރު މެޗު ވީ އެއްވަރެވެ. ރާއްޖެ މޮޅުވީ ހަ މެޗުންނެވެ. ދެގައުމުން އެންމެފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، ރާއްޖެއަށް ބަންގްލަދޭޝް ބަލިކުރެވުނީ އެއްފަހަރުއެވެ. ދެން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވި އިރު، ބަންގްލަދޭޝް ވަނީ ތިން މެޗުން މޮޅުވެފައެވެ.
ރާއްޖެއިން އެންމެ ފަހުން ގައުމީ ޓީމުގެ މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ ލެގެވެ. އެ ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބަންގްލަދޭޝް ކޯޗު ކަބްރޭރާ ބުނީ ބޭނުންވަނީ ދެމެޗުންވެސް މޮޅުވާން ކަމަށާއި، މި ދެމެޗުގެ ނަތީޖާ ކޮލިފިކޭޝަން މެޗުތަކަށް މުހިއްމު ވާނެ ކަމަށެވެ.
"ދެމެޗުންވެސް މޮޅުވުން ބަންގްލަދޭޝްއަށް ވަރަށް މުހިއްމު. އެއީ އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި އަންނަ އަހަރު މާޗު މަހު ކުޅޭ މެޗުތަކަށް ތައްޔާރުވާން އަހަރެމެން މި ދެމެޗުގެ ނަތީޖާ ބޭނުން ހިފަން ޖެހޭނެ. މި ދެމެޗަށްވެސް ރަނގަޅަށް ތައްޔާރުވެވިއްޖެ. އަހަރެމެންގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ކޮންފިޑެންސާއެކު. އެންމެނަށްވެސް ޒިންމާތައް އެނގޭނެ،" ކަބްރޭރާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ "ރާއްޖެއަކީ ވަރަށް ގޮތް ނޭނގޭ، ޓެކްނިކަލީ ރަނގަޅު،" ޓީމެއް ކަމަށެވެ. އަދި ރާއްޖެ ކައިރީ ކުޅެން ޖެހޭ ގޭމަށް ހޭނި އެޓޭކިން ފުޓުބޯޅައަކަށް ޓީމު ތައްޔާރަށް އޮތް ކަމަށްވެސް ކަބްރޭރާ ފާހަގަކުރިއެވެ.
ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 5:00 ގައެވެ.
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް