ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބަންގުލަދޭޝްއަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް ބަންގުލަދޭޝްއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 13 އިން 16 ގެ ނިޔަލަށެވެ. ނަމަވެސް އެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ބަންގުލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރައީސްގެ އެ ދަތުރުފުޅުގައި ބަންގުލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހުމާނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރައްވާނެއެވެ.
ރައީސް ވަނީ މީގެ ކުރީން މިދިޔަ ފެބްރުއަރީ މަހު ވެސް ބަންގުލަދޭޝްއަށް ވަޑައިގެންފައެވެ. ރައީސްގެ އެ ދަތުރުފުޅަކީ ތާރިގު ރަހުމާން، ބަންގުލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އޭރުގެ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހައްމަދު ޔޫނުސްގެ ދައުވަތަކަށް ރައީސް ކުރެއްވި އެ ދަތުރުފުޅުގެ ތެރެއިން ބަންގުލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހުމާނާ ވެސް ބައްދަލުކުރެއްވިއެވެ.
ރައީސް މުއިއްޒުގެ އިތުރުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް އަންނަ މަހުގެ ހަތްވަނަ ދުވަހު ބަންގުލަދޭޝްއަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރައްވާނެއެވެ. ރާއްޖެ އާއި މެލޭޝިއާ އަކީ ބަންގުލަދޭޝްގެ ގިނަ މަސައްކަތްތެރީންތަކެއް ދިރިއުޅޭ ދެ ގައުމެވެ.
ކޮމެންޓް