ބަންގްލަދޭޝާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗަށް ނުކުންނަ އިރު، ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތަކީ ކުޅުންތެރިންނަށް މެންޓަލީ އުނދަގޫ ހާލަތެއް ނޫން ކަމަށާއި، ކުޅުންތެރިން ތިބީ މޮޅުވުމުގެ ރަނގަޅު ރޫހެއްގައި ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ރާއްޖޭގެ ގައުމީ ޓީމުން މިހާރު ކުރިއަށްދާ ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އޮންނާނީ މާދަމާއެވެ. އަދި އަނެއް މެޗު އޮންނާނީ 16 ވަނަ ދުވަހުއެވެ. ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ކިންގްސް އެރީނާގައެވެ.

ރާއްޖެއިން އެންމެ ފަހުން ގައުމީ ޓީމުގެ މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ ލެގެވެ. އެ ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ ޓީމުން މިވަގުތު ބަންގްލަދޭޝްގައި ތިބި އިރު، ސްކޮޑުގައި ހިމެނުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން ފިޔަވައި އެހެން އެއްވެސް ކުޅުންތެރިޔަކު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ކުޅެފައެއް ނުވެއެވެ. މާޒިޔާ ޓީމުގައި ހިމެނޭ ކުޅުންތެރިން ދާދިފަހުން އޭއެފްސީ ޗެލެންޖް ލީގު މެޗުތައް ކުޅެފައިވާ އިރު، މިހާރު ފުޓުބޯޅަ އޮތް ހާލަތަކީ މާޔޫސްކަމެއް ނޫން ކަމަށް މިއަދުގެ ޕްރި މެޗު ޕްރެސްގައި ސުޒޭން ބުންޏެވެ.

"އަހަރެން ގަބޫލެއް ނުކުރަން ރާއްޖޭގެ ކުޅުންތެރިން މެންޓަލީ ދަށްވާނެ ކަމަކަށް. ހަގީގަތުގައި ރާއްޖޭގެ ކުޅުންތެރިން ތިބީ މެންޓަލީ މާ ވަރުގަދަކޮށް. އެއީ އެ ކުޅުންތެރިން މިތަނަށް އައިސް މިތިބީ ގައުމުގެ ފުޓުބޯޅައަށް ކޮށްދޭން ޖެހޭ މަސައްކަތެއް ކުރުމަށް. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގެ ފުޓުބޯޅަ ލީގެއް ނެތް. އެހެންވީމަ މިއީ ކުޅުންތެރިންނަށް ގައުމީ ފުޓުބޯޅައަށް ހިދުމަތެއް ކޮށްދޭން ލިބޭ ވަގުތު. އެހެންވީމަ ކުޅުންތެރިން ތިބީ މި ދެ މެޗުންވެސް މޮޅުވާން އާދަޔާހިލާފު އަޒުމެއްގައި،" ސުޒޭން ބަންގްލަދޭޝްގައި މިއަދު ބޭއްވި ޕްރެސްގައި ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާފައިވާ އިރު، މާޒިޔާ ކުޅުންތެރިން ގުޅުނީ ޗެލެންޖް ލީގަށްފަހުއެވެ. ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު ރާއްޖެއިން މިފަހަރުގެ މެޗަށް ސްކޮޑު އިއުލާނުކުރި އިރު، މިވަގުތު ބަލިވެ އުޅޭތީ އިބްރާހީމް އައިސަމް ޓީމުގައި ނުހިމެނެއެވެ. ސުޒޭން މިއަދު ބުނީ އެއީ އުނދަގޫތަކެއް ދިމާވާނެ ކަމެއް ނަމަވެސް، ދެން ޓީމުގައި ތިބީ ގާތްގަނޑަކަށް ހަމަ ކުރިން މެޗުގައިވެސް ތިބި ކުޅުންތެރިން ކަމަށެވެ.

ދިވެހި ރާއްޖޭގެ ގިނަ ކްލަބުތަކަކާއެކު ކާމިޔާބީތައް ހޯދާފައިވާ ތަޖުރިބާކާރު ކޯޗު ސުޒޭން މިއަދުގެ ޕްރެސްގައި ބުނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި އެއްވަނަ ޑިވިޝަނުގެ ލީގު ފުޓުބޯޅަ ނެތް ނަމަވެސް، އަތޮޅު ތެރޭގައި ބޭއްވި 50-60 އަކަށް މުބާރާތުގައި ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ކުޅެ، ފިޓްނަސް ހިފެހެއްޓި ކަމަށެވެ.

"މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަތޮޅު ތެރޭގައި ގިނަ މުބާރާތްތަކެއް ބޭއްވި. ގާތްގަނޑަކަށް 50 ނުވަތަ 60 ލޯކަލް މުބާރާތް އެކި ހިސާބުތަކުގައި ބޭއްވި. އެހެންވީމަ އަހަރެމެންގެ ކުޅުންތެރިންތައް އެ މުބާރާތްތަކުގައި ބިޒީކޮށް އުޅުނީ. އޭހެ އިތުރުން އޮގަސްޓުން ފެށިގެން މާޒިޔާއާއެކު ކުޅުންތެރިން ދިޔައީ އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވަމުން. އެހެންވީމަ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް،" ސުޒޭން ބުންޏެވެ.

ސުޒޭން މިއަދު އިތުރަށް ބުނީ ވޯލްޑް ކަޕް ކޮލިފިކޭޝަން ދެ މެޗުން މޮޅު ނުވެވުމަކީ 'ރިގްރެޓް' ކުރާ ކަމެއް ނޫން ކަމަށާއި، އެފްއޭއެމްގެ ހާލަތުން ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން އޮސްޓްރޭލިއާއަށް ދެވޭނެ ކަމަށްވެސް އޭރު ޔަގީންކަން ނެތް ކަމަށެވެ. ސުޒޭން ބުނީ އެ ދެ މެޗުން ބަލިވުމަކީ ދެރައެއް ނަމަވެސް، އެއީ އެހާ ބޮޑަށް ޓީމު މާޔޫސްވާން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

ބަންގްލަދޭޝްގެ ވަރުގަދަ ވާހަކަދައްކަމުން ސުޒޭން ބުނީ މިހާރުވެސް އޮތީ ސާފްގައި އަދި އޭގެ ފަހުން މެޗުގައިވެސް އޮތް ސްކޮޑު ކަމަށާއި، ބަންގްލަދޭޝް ފަސޭހަ ނުވާނެ ކަމަށެވެ.

ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ ހަވީރު 5:00 ގައެވެ.