އަނިޔާގެ ސަބަބުން ކަމަށްބުނެ، އިންގްލެންޑުން ނޭޝަންސް ލީގު މެޗުތަކަށް ނެގި ސްކޮޑުން އަށް ކުޅުންތެރިޔަކު އަމިއްލައަށް ވަކިވެއްޖެއެވެ.
ވަގުތީ ކޯޗު ލީ ކާސްލޭ މިފަހަރު ސްކޮޑު ނަގާފައި ވަނީ ގްރީސްއާ ދެކޮޅަށް މިމަހުގެ 14 ވަނަ ދުވަހު އަދި ރިޕަބްލިކް އޮފް އަޔަލޭންޑާ ދެކޮޅަށް މިމަހު 17 ވަނަ ދުވަހު ކުޅެން އޮތް ދެ މެޗަށެވެ.
މިވަގުތު ފުޓުބޯޅަ ކަލަންޑަރު ބުރަބޮޑުވުމުގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާ އިރު، މިފަހަރު ސްކޮޑަށް ނެގި އަށް ކުޅުންތެރިޔަކު ޓީމު ދޫކޮށްލީ އަނިޔާގެ ސަބަބުން ކަމަށް ބުނެއެވެ. އެ އަށް ކުޅުންތެރިންނަކީ ޗެލްސީގެ ލެވީ ކޮލްވިލް، ކޯލް ޕާމާއާއި އާސެނަލްގެ ޑެކްލަން ރައިސް އަދި ބުކަޔޯ ސަކާގެ އިތުރުން މެންޗެސްޓާ ސިޓީގެ ފިލް ފޮޑެން، ޖެކް ގްރީލިޝް، ލިވަޕޫލްގެ ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ އިތުރުން ސައުތުހެމްޓަންގެ އާރޮން ރެމްސްޑޭލެވެ.
އޭގެ ތެރެއިން އާނޯލްޑް ވަނީ އެންމެފަހުން ލިވަޕޫލުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި އަނިޔާވެގެން ބާލަން ޖެހިފައެވެ. އަދި ޗެލްސީއާއި އާސެނަލް ކުޅުނު މެޗުގައި ސަކާއާއި ރައިސްއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، ގްރީލިޝް މިހާރު ސިޓީއަށް މެޗެއް ނުކުޅޭތާ މަހެއްހާ ދުވަސް ވަނީއެވެ.
ގްރީލިޝް އެންމެފަހުން ސިޓީއަށް ކުޅުނީ އޮކްޓޯބަރު 20 ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ގްރީލިޝް ހުރުމުން ޕެޕް ގާޑިއޯލާ އޭނާ ބޭނުން ނުކޮށް ހުއްޓައި، އިންގްލެންޑް ސްކޮޑަށް ނެގުމުން ގާޑިއޯލާ ވަނީ ފާޑުވެސް ކިޔައިފައެވެ.
ކީޕަރު ރަމްސްޑޭލްގެ ކޮނޑަށްވެސް އަނިޔާވެފައިވާ އިރު، ޕާމާއާއި ފޮޑެން ސްކޮޑުން ބޭރުވީ ކޮންކަހަލަ އަނިޔާއަކާ ހެދި ކަމެއް ސާފެއް ނޫނެވެ.
އިންގްލެންޑް ސްކޮޑުން އަށް ކުޅުންތެރިޔަކު ވަކިވުމާއެކު ކޯޗު ކާސްލޭ ވަނީ ވެސްޓް ހަމްގެ ޖެރަޑް ބޮވެންއާއި އެވަޓަންގެ ސެންޓަ-ބެކް ޖަރަޑް ބްރެންތުވައިޓް، ނިއުކާސަލްގެ ފުލް-ބެކް ޓިނޯ ލިވްރަމެންޓޯ، ބާންލީގެ ގޯލްކީޕަރު ޖޭމްސް ޓްރެފޯޑު އަދި އެސްޓަން ވިލާގެ މިޑްފީލްޑަރު މޯގަން ރޯޖާސްވެސް ސްކޮޑަށް ނަގައިފައެވެ.
މިއީ ރޯޖާސްއަށް ސްކޮޑުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުނު ރޯޖާސް ވަނީ މި ސީޒަނުގައި ޕްރިމިއާ ލީގަށް ނުކުމެވެސް ވިދާލައިފައެވެ. އެއީ 11 މެޗުގައި ތިން ގޯލު ޖަހައި ދެ އެސިސްޓް ފުރިހަމަ ކޮށްގެންނެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް