އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރަން އިސްރާއީލުން އެންގި އެންގުމާ ގުޅިގެން، އިނގިރޭސިވިލާތުގައި ތިބޭ އިސްރާއީލުގެ 27 ޑިޕްލޮމެޓަކު އެ ގައުމުން ބޭރުކޮށްލާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުން ދީފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިސްރާއީލުގެ ހާރިޖީ ވަޒީރު ގިޑިއަން ސާރ މި ކޮންސިއުލޭޓް ބަންދުކުރަން އެންގެވީ، ހުޅަނގު އައްސޭރީގައި އިސްރާއީލުން ހަދާފައިވާ ޔަހޫދީ އާބާދީތަކުން އުފައްދާ މުދާ އިނގިރޭސިވިލާތަށް އެތެރެކުރުން މަނާކުރުމަށް އެ ގައުމުން ނިންމުމާ ގުޅިގެން ކަމަށް ހަބަރުތައް ބުނެއެވެ. މި ނިންމުން ތަންފީޒުކުރުމަށް އިސްރާއީލުން ދީފައިވާ 30 ދުވަހުގެ މުހުލަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ “ވައިނެޓް” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންސިއުލޭޓް ބަންދުކޮށްފި ނަމަ، އެތަނުގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ 27 ޑިޕްލޮމެޓުންނަށް ވަޒީފާ ގެއްލޭނެތީ، އޭގެ ބަދަލުގައި އިނގިރޭސިވިލާތުން ވެސް އިސްރާއީލުގެ 27 ޑިޕްލޮމެޓަކު ބޭރުކުރާނެ ކަމަށް އިނގިރޭސި ސަފީރު ވަނީ އިސްރާއީލުގެ އޮފިޝަލުންނަށް އަންގަވައިފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންސިއުލޭޓް ބަންދުކުރުން ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޮނަތަން ޕަވެލް މިދިޔަ ހަފުތާގައި އިސްރާއީލަށް ވަޑައިގެން އޮފިޝަލުންނާ މަޝްވަރާކުރެއްވިއެވެ. ނަމަވެސް މި މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން އިސްރާއީލުގެ ޑިޕްލޮމެޓިކް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، އެހެން ގައުމުތަކުން ނިންމަފާނެ ނިންމުންތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އިސްރާއީލުން ރައްދުދޭކަށް ނުޖެހެއެވެ. އަދި އިސްރާއީލާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކަށް އެކަށީގެންވާ ރައްދެއް ދޭނެކަމަށް އޭނާ ބުންޏެވެ. ކޮންސިއުލޭޓް ބަންދުކުރުމުގެ މުހުލަތު ބުރާސްފަތި ދުވަހަށް ހަމަވާއިރު، ދެ ގައުމުގެ ދެމެދުގައި އަދިވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް
ކޮމެންޓް