އިނގިރޭސިވިލާތުގެ އާރްއޭއެފް ފެއަރފޯޑް މަރުކަޒުގައި ތިބި އެމެރިކާގެ ހުރިހާ ބޮމްބަރު މަތިންދާބޯޓުތައް، އެމެރިކާގައި ހުންނަ އެ ބޯޓުތަކުގެ މައި މަރުކަޒުތަކަށް އަނބުރާ ގެންގޮސްފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އާރްއޭއެފް ފެއަރފޯޑްގައި ރުކުރުވާލާފައި އޮތް އެމެރިކާގެ ހުރިހާ ބޮމްބަރުތަކެއް މިހާރު ވަނީ އެމެރިކާއަށް އަނބުރާ ގެންގޮސްފައެވެ. ޕެންޓަގަންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އޮޕަރޭޝަނަލް ސެކިއުރިޓީ ނުވަތަ ސަލާމަތީ ސަބަބުތަކަށްޓަކައި ބޯޓުތައް ދަތުރުކުރަމުންދިޔަ ވަގުތު އެކަން ހާމަކޮށްފައި ނުވި ނަމަވެސް، މިހާރު ހުރިހާ ބޯޓެއް ވަނީ އެމެރިކާއަށް ގޮސްފައެވެ.
މި ބޯޓުތައް ކުއްލި ގޮތަކަށް އަނބުރާ ގެންގޮސްފައި މިވަނީ، އެ މަރުކަޒަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި އިނގިރޭސި ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި އީރާންގެ ރައްޔިތުކަން އޮންނަ މީހަކުވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރންހަމްއާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ރޭވުމުގައި އީރާންގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ވަރުގަދަ ހެކިތަކެއް ވަނީ ފެނިފައެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ހުންނަ އީރާންގެ އެމްބަސީން ވަނީ މިކަން ދޮގުކޮށްފައެވެ.
އެ މަރުކަޒުގައި އެމެރިކާގެ ބީ-1ބީ ލާންސަރ މަރުކާގެ 12 ވަރަކަށް ބޮމްބަރު އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕެންޓަގަންއިން ބުނި ގޮތުގައި، މި ބޯޓުތައް އެމެރިކާއަށް ބަދަލުކުރި ނަމަވެސް، ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ހަމަލާދިނުމުގެ ގާބިލުކަން އެމެރިކާގެ އަސްކަރިއްޔާގައި އެބައޮތެވެ. އަދި ބޯޓުތައް އަނބުރާ ގެންދިޔަ ސީދާ ސަބަބެއް އެމެރިކާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް