އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ ކުރާ ހަލީމަތު ލަމްހާ، މާފުށި ޖަލުގެ ގައިދީންތަކަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަން ފަށައިފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ލަމްހާގެ ފަރާތުން އޭނާގެ ބަންދު މުރާޖާކޮށްދިނުމަށް އެދި ހުށަހެޅުމުން އެކަމުގެ ޝަރީއަތް ބާއްވައިފައެވެ. އެކަމާ ގުޅޭ އަޑުއެހުމެއް މިދިޔަ ހަފުތާގައި ބޭއްވިއެވެ. މިމަހު 6 ގައި ބޭއްވި އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އައިޝަތު އަޒްލީނާ ވިދާޅުވެފައިވަނީ ޖަލުގައި ނޫން އެހެން ތަނެއްގައި ބަންދުގައި ލަމްހާ ހުންނަނައިރު އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ކުޑަނުވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އަޒްލީނާ ވިދާޅުވީ ލަމްހާ ގައިދީންތަކަކަށް މަރުގެ އިންޒާރުދީ މާރާމާރީ ހިންގައިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށްވެސް އަޒްލީނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ދުވަހަކު ހިނގި ކަމެއްކަން އަޒްލީނާ ވިދާޅެއްނުވެއެވެ.

އެހެންވެ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ އެއީ ކޮން ދުވަހަކު ހިނގި ހާދިސާއެއްތޯ ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި ދައުލަތުގެ އެހެން ވަކީލެއް ކަމަށްވާ ޝާމާ ނަސީރު ވިދާޅުވީ ހާދިސާ ހިނގި ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެއީ ގައިދީންތަކެއްގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މިދިޔަ އޭޕްރީލް މަހު ހުށަހެޅި މައްސަލައެއް ކަމަށާއި ހަމަ އެމަހުގެ ތެރޭގައި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފައިވާ ކަމަށެވެ.

ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ދިފާއަށް އެއްވެސް ވަރަކަށް އެ ހާދިސާގެ މައުލޫމާތު ނުދީ ދައުލަތުން ޝަރީއަތުގެ މާލަމުގައި އެ ވާހަކަ ހިއްސާ ކުރުމަކީ ޒިންމާދާރުކަން ކުޑަ ގޮތެއް ކަމަށެވެ.

ދައުލަތުގެ ފަރާތުން އެ ހާދިސާ ފާހަގަކުރިނަމަވެސް ގާޒީ ނިންމެވީ ޝަރުތުތަކަކާއެކު ލަމްހާ ތިން މަސް ދުވަހަށް ގެއަށް ބަދަލު ކުރުމަށެވެ. ލަމްހާ ބަންދުން ދޫކޮށްލީ އެކަމާއި ގުޅިގެން ޝަރީއަތުން ކަނޑައެޅި ޝަރުތުތަކާ އޭނާ އެއްބަސްވުމުންނެވެ. އެ ޝަރުތުތަކަކީ ގޭބަންދުގައި ހުންނަ މުއްދަތުގައި ޒަރޫރީ ކަމެއްގައި ނޫން ގެއިން ބޭރަށް ނުދިއުމަށާއި ގެއިން ބޭރަށް ދާއިރު ފުލުހުންގެ ހުއްދަ ހޯދުމަށެވެ. އަދި ވަނީ ރާއްޖެއިން ފުރައިގެން ނުދިއުމަށާއި، ގާނޫނާހިލާފު ކަމެއް ނުކުރުމަށާއި ކުރަން ނޫޅުމުގެ އިތުރުން ކޯޓަށް ހާޒިރުވާން އެންގުމުން އެ ގަޑިއަކަށް ކޯޓަށް ހާޒިރުވުމެވެ.

ކުރިމިނަލް ކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ވަނީ އިސްތިއުނާފު ކުރުމަށް ނިންމައިފައެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ އެނގި ހުރެ މީހަކު މެރުގައި ބައިވެރިވުން، އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުން ވަނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. މަރުގެ މައްސަލައާ ގުޅިގެން ލަމްހާ ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ލަމްހާގެ ފަރާތުން ވަނީ އޭނާ ބަންދުން ދޫކޮށްދިނުމަށް ކުރިމިނަލް ކޯޓުގައި އެދިފައެވެ. ކުރިމިނަލް ކޯޓުން ވަނީ ލަމްހާ އެދުނު ގޮތަށް ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް 2023 ނޮވެމްބަރު 23 ގައި އަމުރުކޮށްފައެވެ. ޝަރުތުކުރި ކަންކަމުގެ ތެރޭގައި ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ޝަރުތުތައް ހިމެނެއެވެ. ލަމްހާ ދޫކޮށްލާފައިވަނީ، ޓެގް އެޅުވުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށްދިނުމަށް އޭނާ އެދިފައިވަނިކޮށެވެ.

ލަމްހާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފުގައި ދައުލަތުން އެދުނީ ލަމްހާ އަލުން ބަންދުކޮށްދިނުމަށެވެ. ހައި ކޯޓުން ވަނީ ދައުލަތުން އެދުނު ގޮތަށް ލަމްހާ އަލުން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ހައި ކޯޓުން އެ އަމުރު ކޮށްފައިވަނީ 2023 ޑިސެމްބަރު 20 ގަ އެވެ.

ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ލަމްހާ ބަންދުގައި ކޮށްފައި ހުއްޓާ އޭނާގެ ފަރާތުން ވަނީ މިދިޔަ މަހުގެ 29 ގައި ބަންދު މުރާޖާ ކޮށްދިނުމަށް އެދި ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީއާ ގުޅިގެން ކުރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގައި ނިންމީ ލަމްހާގެ ބަންދާއިމެދު މި ހަފުތާ ތެރެއިގައި ގޮތެއް ނިންމުމަށެވެ.