މެންޗެސްޓާ ޔުނައިޓެޑުން ވަގުތީ ކޯޗު، ކްލަބު ލެޖެންޑް ރޫޑް ވޭން ނިސްޓެލްރޫއީ އެ ކްލަބާ ދުރަށް ޖެހިލައިފިއެވެ.
ނިސްޓެލްރޫއީ ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވީ އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގު، އޮކްޓޯބަރު މަހު ފަހުކޮޅު ވަކިކުރި ހިސާބުންނެވެ. އޭގެ ކުރިން އޭނާ ހުރީ އެ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައެވެ. އިންޓަނޭޝަނަލް ބްރޭކާ ހަމައަށް ނިސްޓެލްރޫއީ ކޯޗަކަށް ހުރި ނަމަވެސް، މިދިޔަ ހަފުތާގެ މެޗަށްފަހު އޭނާ ވަނީ ހޯމް ސަޕޯޓަރުންނާ އަލްވަދާއު ކިޔައިފައެވެ.
އެއީ ސްޕޯޓިންނަށް ކޯޗުކަން ކޮށްދެމުން އައި ރުބެން އަމޯރިމް ޔުނައިޓެޑާ ހަވާލުވާން ނިންމުމާއެކުގައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އަމޯރިމް ޔުނައިޓެޑާ ހަވާލުވީ އޭނާގެ ކޯޗިން ޓީމާއެކުގައެވެ.
އުމުރުން 48 އަހަރުގެ ނިސްޓެލްރޫއީއަކީ ކުރިން ޔުނައިޓެޑަށް ކުޅުނު ލެޖެންޑަރީ ފޯވަޑެކެވެ. އެގޮތުން އޭނާ ވަނީ 2001 ވަނަ އަހަރުން 2006 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑަށް ކުޅުނު 219 މެޗުގައި 150 ގޯލު ޖަހައިދީފައެވެ. ކުރިން ޕީއެސްވީއަށް ކޯޗުކަން ކޮށްދިނުމަށްފަހު ޔުނައިޓެޑްގެ އެސިސްޓް ކޯޗުކަމާ އޭނާ ހަވާލުވީ މި ސީޒަނަށެވެ.
ޓެން ހާގުގެ އެސިސްޓެންޓަކަށް ނިސްޓެލްރޫއީ ހަވާލުވި ނަމަވެސް، އާ ކޯޗު އަމޯރިމްއާ މަޝްވަރާކޮށް ނިސްޓެލްރޫއީ ނިންމީ ދެން އިތުރަށް އެމަގާމުގައި މަޑުނުކުރާނެ ކަމަށެވެ.
ނިސްޓެލްރޫއީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ނުކުރި ނަމަވެސް، ޑެރެން ފްލެޗާ އަމޯރިމްގެ ޓީމާއެކު މަސައްކަތް ކުރާނެ ކަމަށް ނޫސްތައް ބުނެއެވެ. އެއީ ފްލެޗާއަކީ އެކަޑެމީގެ ކަންކަން ބަލަހައްޓައި، އެކަޑެމީ ކުޅުންތެރިންނާ ސީނިއާ ސްކޮޑުގެ ގުޅުމުގައި މުހިއްމު ކޯޗަކަށްވާތީއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް