ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް އަބްދުއްސަލާމް އާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އަލީ ނަޝާތު ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ބޭފުޅުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ގޮތުގައެވެ. އެ މައްސަލަ މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.

މަޖިލީހަށް ހުށަހަޅާފައި ވަނީ، ސީއެސްސީގެ ރައީސް ނާސިހު އާއި އޭސީސީގެ ނައިބު ރައީސް މަގާމުގެ އިތުރުން މެންބަރުކަމުންވެސް ވަކިކުރުމަށެވެ. ނަމަވެސް އީސީގެ ނައިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ ދެ މެންބަރުންވެސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރަން ވަނީ ހުށަހަޅައިފައެވެ.

އެބޭފުޅުން ވަކިކުރަން ހުށަހަޅާފައި މިވަނީ، އެކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިދިޔަ ހަފުތާގައި ހުށަހެޅުމަށްފަހު، އެބޭފުޅުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިދެއްވުމަށް، އެދި ކޮމިޓީން މަޖިލިސް ރައީސަށް ފޮނުވުމުން މަޖިސް ރައީސްގެ މޭޒުން ހުށަހަޅާފައިވާ ކަންކަމުގެ ގޮތުގައެވެ.

މަޖިލިސް ގަވާއިދުގައިވާގޮތުން އެ މައްސަލައަށް މަޖިލިސް ތަޅުމުން ގޮތެއް ނިންމޭނީ، އެ މަޖިލީހަށް ހުށަހެޅުމަށްފަހު، އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވުމަށްފަހު، އެކަމާބެހޭގޮތުން ކޮމެޓީން ނިންމާގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމުން އެއަށް ވޯޓަށް އަހައިގެން ވޯޓުން ގޮތެއް ނިންމުމުންނެވެ.

އެބޭފުޅުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި މިވަނީ، އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށެވެ.