ރޭ ބާސެލޯނާ އިން ކުޅުނު މެޗުގައި ރޮބާޓް ލެވަންޑޯސްކީ، ރެއާލް ސޮސިއެދާދު ޑިފެންސް ތެރެއިން ދެމިގަނެގެން ގޯލު ތެރެއަށް ބޯޅަ ފޮނުވާލުމުން އެއީ ގޯލެއް ނޫން ކަމަށް ބެލީ ގޯސްކޮށް ކަމަށް ކޯޗު ހާންސީ ފްލިކް ބުނެފިއެވެ.

ބާސާ އިން ރޭ ލަލީގާގައި ކުޅުނު މެޗުން ބަލިވީ 1-0ގެ ނަތީޖާ އަކުންނެވެ. އެއީ މިހާތަނަށް ބާސާއަށް ސީޒަނުގެ ލީގުގައި ކުރިމަތިވި ދެވަނަ ބައްޔެވެ. މިހާތަނަށް ކުޅުނު 13 މެޗުން 11 މެޗު ބާސާ އިން ކާމިޔާބުކޮށް އެ ޓީމު އެއްވަނައިގައި އޮތީ 33 ޕޮއިންޓާއެކުގައެވެ. އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ދެވަނައިގައި އޮތީ 12 މެޗުން 27 ޕޮއިންޓާއެކުގައެވެ.

ބާސާއަށް ރޭގެ މެޗުގައި ރަނގަޅު ހަމަލާއެއްވެސް އުފެއްދިފައި ނުވާއިރު، ރެއާލް ސޮސިއެދާދުގެ ގޯލު ޖެހީ ޝެރާލްޑޯ ބެކާއެވެ. އެ ޓީމުން އިތުރު ފުރުސަތުތައްވެސް ތަނަވަސްކުރި އިރު، ޖުމުލަ 14 ވަރަކަށް އެޓޭކް ބާސާ ގޯލަށް އަމާޒުކޮށް ފޮނުވާލައިފައިވެއެވެ.

މެޗުގައި ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމަށް ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު، ލެވަންޑޯސްކީ ގޯލަށް ފޮނުވާލި ބޯޅައެއް އޮފްސައިޑް ކަމަށް ނިންމާފައިވެއެވެ. އެއީ މިލިމީޓަރެއްހާތަން އޮފްސައިޑް ކަމަށް ސެމީ އޮޓޮމޭޓެޑް ސިސްޓަމުން ދެއްކުމުންނެވެ.

"އަހަރެން ނަތީޖާ ގަބޫލުކުރަން. އެއީ އެ މީހުން ކުޅުނީ ނަތީޖާ ނެރެން ފަސޭހަވާނެ ގޮތަކަށް. އެކަން ސާފު. އަހަރެން އެއްވެސް ބަހަނާއެއް ދައްކަނީކީ ނޫން. އެހެންވިޔަސް، ލެވަންޑޯސްކީ ޖެހީ ރަނގަޅު ގޯލެއް. އެގޮތަށް ރެފްރީއަށް ނިންމިގެން ނުވާނެ. ސިސްޓަމުން ދެއްކިޔަސް، އެއީ އޮފްސައިޑް ގޯލެއް ނޫން،" ފްލިކް ބުންޏެވެ.

ރޭގެ މެޗުގައި ހުރި ރެފްރީ ކުއާޑްރާ ފެނާންޑޭޒް ބުނީ އެއީ އޮފްސައިޑެއް ކަމަށް ނިންމަން ޖެހުނީ ސެމީ އޮޓޮމޭޓެޑް ސިސްޓަމުން އެހެން ދެއްކުމުން ކަމަށާއި އެ ނޫން ގޮތެއް އޭގައި ނޯންނާނެ ކަމަށެވެ. އޭނާ ރޭގެ މެޗު ތެރެއިން ފްލިކް ކައިރީ ބުނީ ޓެކްނޮލޮޖީ ބޭނުންކުރާ ކަމަށްވާ ނަމަ، އޭގައި ކުރެވޭނެ އެހެން އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.