އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި އާސެނަލް ވާދަކުރި ލަންޑަން ޑާބީ މެޗު އެއްވަރުވެގެން ނިމުނު އިރު، މެންޗެސްޓާ ޔުނައިޓެޑުން ފަސޭހަކޮށް ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ރޭ ޔުނައިޓެޑުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ލެސްޓާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ އެޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ރޫދު ވާން ނިސްޓްލްރޫއީގެ ފަހު މެޗެވެ. އޭނާ ރޭގެ މެޗަށްފަހު ކުރިން ހުރި އެސިސްޓެންޓް ކޯޗުގެ މަގާމުގައި ދެމި ހުންނާނެކަން އަދި ޔަގީންވެފައި ނުވާ އިރު، ޔުނައިޓެޑާ ދާއިމީކޮށް ހަވާލުވާ ރުބެން އަމޯރިމް ޓީމާ ހަވާލުވާނީ އިންޓަނޭޝަނަލް ބްރޭކަށްފަހުއެވެ.

ނިސްޓްލްރޫއީއާ އެކު ޔުނައިޓެޑުން މިހާތަނަށް ނެރުނު ނަތީޖާތައް ރަނގަޅެވެ. ރޭ ހޯދި ލީގު މޮޅާ އެކު އެ ޓީމުން ތާވަލުގެ 13 ވަނައިގައި 11 މެޗުން 15 ޕޮއިންޓާ އެކު އޮތް އިރު، މިހާތަނަށް ލީގުގައި ހޯދި ހަތަރު މޮޅުގެ ތެރެއިން ދެ މޮޅަކީ ނިސްޓްލްރޫއީގެ އިރުޝާދުގެ ދަށުން ހޯދި ދެމޮޅެވެ. އަދި އޭނާގެ ކޯޗުކަމުގައި އެޓީމުން ޗެލްސީއާ އެއްވަރުވެސް ކުރިއެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ އެޓީމުގެ ޖާޒީގައި 250 ވަނަ މެޗަށް ނުކުމެ ހުރި ބްރޫނޯ ފެނާންޑޭޒެވެ. އޭގެ ކުރިން ލެސްޓާއިން ނުރައްކާ ކުރުމުގެ ތެރޭގައި ވިލްފްރެޑް އެންޑީޑީއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެސް ވިއެވެ.

ހާފު ނިމުމުގެ ކުރިން ދެވަނަ ގޯލެއްވެސް ޔުނައިޓެޑުން ޖެހި އިރު، އެ ގޯލަކީވެސް ފެނާންޑޭޒް ފޮނުވާލި ބޯޅައަކުން ލެސްޓާގެ ވިކްޓޯ ކްރިސްޓިއަންސެން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ ލީޑު ހިފަހައްޓަން ކުޅުނު ޔުނައިޓެޑުން ތިންވަނަ ގޯލެއް ޖެހީ 82 ވަނަ މިނެޓުގައެވެ. އެ ގޯލު އަލެހާންޑްރޯ ގާނާޗޯ ޖެހީ ފެނާންޑޭޒްގެ ޕާހަކުންނެވެ.

ޗެލްސީ އާއި އާސެނަލްގެ ވާދަވެރި ކުރިމަތިލުން 1-1 އިން ނިމިގެން ދިޔަ އިރު، މެޗުގައި ދެ ގޯލުވެސް ފެނުނީ ފަހު ހާފުގައެވެ.

ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވެ، ޗެލްސީ ތާވަލުގެ ތިންވަނައިގައި އޮތީ 11 މެޗުން 19 ޕޮއިންޓާއެކުގައެވެ. ހަތަރު ވަނައިގައި އޮތް އާސެނަލާއި ފަސްވަނައިގައި އޮތް ނޮޓެންހަމް ފޮރެސް، ހަވަނައިގައި އޮތް ބްރައިޓަންއަށްވެސް 11 މެޗުން 19 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުތަކުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ކުރީކޮޅުގައި ކޯލް ޕާމާ ފޮނުވާލި ހަމަލާ މަތަކޮށް ބޭރުކޮށްލީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާއެވެ. އޭގެފަހުން 24 ވަނަ މިނެޓުގައި މާލޯ ގުސްޓޯ އަތުންވެސް ރަނގަޅު ފުރުސަތެއް ބޭކާރުވެގެން ގޮސްފައިވާ އިރު، 32 ވަނަ މިނެޓުގައި އަވަސް ހިލޭ ޖެހުމަކުން ކައި ހަވާޓްސް ފޮނުވާލި ބޯޅަ ގޯލަށް ވައްދާވެސް ލިއެވެ.

އެހެން ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތް ކުރި އިރު، ހަވާޓްސް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

ދެވަނަ ހާފު ފެށިގެން އާސެނަލުން ލީޑު ނެގީ 60 ވަނަ މިނެޓުގައެވެ. ޗެލްސީ މެދުތެރެއިން ހެދި ގޯހެއްގެ ބޭނުން ހިފައި އާސެނަލުން ތަނަވަސްކުރި ފުރުސަތުގައި ހަނި ކަނުން ބޯޅަ ގޯލަށް ވައްދާލީ ގެބްރިއަލް މާޓިނެލީއެވެ.

އެ ގޯލަށް ޗެލްސީން ޖަވާބު ދިނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ބަދަލަކަށް ނުކުތް އެންޒޯ ފެނާންޑޭޒް މެދުތެރެއިން ޖައްސާލި ބޯޅަ، އޭރިއާ ބޭރުން ގޯލަށް ފޮނުވާލައި އެ ޓީމަށް ގޯލު ޖަހައިދިނީ ޕެޑްރޯ ނެޓޯއެވެ. އެއީ ނެޓޯ ޕްރިމިއާ ލީގުގައި ޗެލްސީއަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

މެޗުގެ ފަހުކޮޅުގައި އާސެނަލްގެ ހަވާޓްސް އާއި ލެއާންޑްރޯ ޓްރޮސާޑަށްވެސް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒްގެ މޮޅު ސޭވެއްވެސް ފެނިގެން ދިޔައެވެ.