އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލުން ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ.
ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު އެ ޓީމުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 11 މެޗުން 28 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުން ބަލިވި އިރު، އެ ޓީމަށް 11 މެޗުން ހޯދިފައި ވަނީ 23 ޕޮއިންޓެވެ. ލީގު ތާވަލުގެ ތިންވަނައިގައި މިވަގުތު ނޮޓިންހަމް ފޮރެސްޓް، 10 މެޗުން 19 ޕޮއިންޓާ އެކު އޮތް އިރު، ސިޓީ ބަލިކޮށް ބްރައިޓަން ހަތަރު ވަނައިގައި އޮތީ ވެސް 11 މެޗުން 19 ޕޮއިންޓާއެކުގައެވެ.
ލީގާއި ޗެމްޕިއަންސް ލީގު ތާވަލުގެ އެއްވަނައިގައި ވެސް އޮތް ލިވަޕޫލުން ރޭ ކުޅުނު މެޗުގެ 20 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެއީ ޑާވިން ނުނޭޒް ޖެހި ގޯލުންނެވެ. އެ ގޯލަކީ ކައުންޓާ އެޓޭކެއްގައި މުހައްމަދު ސަލާހް ފަހިކޮށްދިން ފުރުސަތެއްގައި ނުނޭޒް ޖެހި ގޯލެކެވެ.
އޭގެ އިރުކޮޅެއް ފަހުން ނުނޭޒަށް ދެވަނަ ގޯލަށް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އެއީވެސް ކައުންޓާ އެޓޭކެއްގައި އުފެއްދި ހަމަލާއެއްގައި ނުނޭޒަށް ލިބުނު ފުރުސަތެކެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިލާއިން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި އަމަދޫ އޮނާނާ އާއި ޑިއޭގޯ ކާލޮސް ފޮނުވާލި ހަމަލާތައް މަތަކުރީ ލިވަޕޫލްގެ ކީޕަރު ކައޯމްހިން ކެހެލާއެވެ.
އޭގެފަހުން މޯގަން ރޯޖާސް ވެސް މުހިއްމު ފުރުސަތެއް ބޭކާރު ކޮށްލާފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ވިލާއިން ޕެނަލްޓީއަކަށް ވެސް ވަރަށް ބޮޑަށް ޝަކުވާ ކުރިއެވެ. އެއީ އޭރިއާ ތެރެއިން ޕައު ޓޮރެސްގެ ޖާޒީގައި ކޯނޯ ބްރެޑްލީ ހިފެހެއްޓި ކަމަށް ބުނެއެވެ. އެހެން ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ލިވަޕޫލަށް މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދިނީ ސަލާހް ޖެހި ގޯލުންނެވެ. ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން ސަލާހް އޭނާގެ ގޯލު ޖެހީ މެޗު ނިމެން ހަމިނެޓަށްވެފައި ވަނިކޮށް، ބާރު ދުވެލީގައި ކުރިއަށް ޖެހި ބޯޅަ ކުޑަކަނުން ގޯލަށް ވައްދާލައިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު