ޒަމާންތަކެއް ކުރީން ގިނަ މީހުންގެ ވިސްނުން ހުންނަނީ ދުވަހަކުވެސް އުފަން ރަށް ދޫކޮށް އެހެން ތަނަކަށް ނުދިއުމަށެވެ. އެއިރު ރަށުން ގްރޭޑު ފަހެއް ނުވަތަ ހަތަކާ ހަމައަށް ކިޔެވެން އޮތް އިރު، ދަރީންނަށް އެ ވަރަށް ތައުލީމު ދިނުމުން ފުދޭނެ ކަމަށް ވިސްނި މީހުން ވެސް މަދެއް ނޫނެވެ. އެއިރު ގިނަ ބައެއްގެ ވިސްނުމަކީ، އިތުރަށް ތައުލީމު ދޭން ދަރިން މާލެއަށް ފޮނުވުމަކީ އެންމެ ތަނަވަސް މީހުން ކުރާ ކަމެއްގެ ގޮތުގައެވެ.
އިތުރަށް ތައުލީމު ހާސިލުކުރުމަށް މާލެ ފޮނުވައި ދަރީން ހަވާލުކުރަން ޖެހެނީ ބީރައްޓެހި، މާލޭގެ ގެދޮރުވެރިޔަކާ އެވެ. އެ ކުދިން ތައުލީމު ހާސިލުކުރަން ގޭގައި ތިބުމުގެ ފުރުސަތު ދޭން ގިނަ ބަޔަކު އެއްބަސްވަނީ އެ ގޭގައި މަސައްކަތްކުރާ ގޮތަށެވެ. ބަދަލުގައި އެ ކުދިންނަށް ހިލޭ ކެއުމާއި ތިބުމުގެ އިންތިޒާމުތައް ހަމަޖައްސައިދެއެވެ. އާއިލާގެ އެއްވެސް މީހެއް ނެތި މާލޭގައި ދިރިއުޅެން ޖެހުމުގެ ސަބަބުން އޭގެ ތެރެއިން ބައެއް ކުދިންނަށް ނަފުސާނީގޮތުން ވެސް އަސަރުތަކެއް ކުރެއެވެ.
ރާއްޖެއަށް އައި ތަރައްގީއާއެކު އެ ހާލަތު މުޅިން ބަދަލުވެއްޖެއެވެ. ރަށުގައި އޯ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު އެބައޮތެވެ. އޭ ލެވެލްއަށް ކިޔެވޭނެ ރަށްތައް ވެސް މަދެއް ނޫނެވެ. ރަށުގައި އޭ ލެވަލްއަށް ކިޔެވެން ނެތް ނަމަ، ކައިރި ރަށަކަށް ފޮނުވައިގެން ވެސް އެ ހިސާބަށް ތައުލީމު ދިނުމުގެ ފުރުސަތު އެބައޮތެވެ. ތައުލީމު ދޭން މާލެއަށް ފޮނުވަން ޖެހުނަސް، އާއިލާގެ ގިނަ ބަޔަކު މާލޭގައި ދިރިއުޅޭތީ އެއީ ވެސް މިހާރު ބޮޑު ފަސޭހައެކެވެ.
މީގެ ކުރިން ގްރޭޑު ހަތަކާ ހަމައަށް ތައުލީމު ދެވުމުން ފުދޭ ކަމަށް ވިސްނި ނަމަވެސް، މިހާރު ގިނަ މީހުން ގެންގުޅެނީ ތަހުޒީބީ ވިސްނުމެކެވެ. މިހާރު އޯ ލެވެލް ނުވަތަ އޭ ލެވަލާ ހިސާބުން ނިންމާލާކަށް ބޭނުމެއް ނުވެއެވެ. ގިނަ މައިންބަފައިން ބޭނުންވަނީ އެމީހުންގެ ދަރިން ކޮލެޖުތަކަށް ފޮނުވައި، މަތީ ތައުލީމު ދިނުމަށެވެ. ވިސްނުން ހުންނަނީ ވެސް ވަކި ދާއިރާއަކުން ކުރިއަށްދިއުމަށް، އެ ދާއިރާއާ ގުޅޭ ކޯސްތައް ފުރިހަމަކުރުމަށެވެ.
އާބާދީ ބޮޑެތި ރަށްރަށުގައި ޔުނިވސިޓީތަކުގެ ކެމްޕަސް ހުރި ކަމަށްވިޔަސް، ކިޔެވުން ފެށެން އޮންނަނީ ވަކި އަދަދަކަށް ކުދިން ހަމަވުމުންނެވެ. ކުދިން ހަމަނުވާ ނަމަ، އަނެއްކާވެސް ގިނަ ދުވަސްތަކެއް ވަންދެން އުންމީދާއެކު ޖެހެނީ އިންތިޒާރުކުރާށެވެ. އެންމެ އަވަސް ގޮތަކަށް އޮންނަނީ މާލެ ފޮނުވުމެވެ. ގިނަ ފަހަރު ކުދިންނަށް މަތީ ތައުލީމު ދިނުމަށް މައިންބަފައިން ވެސް މާލެއަށް ބަދަލުވެއެވެ. ނަމަވެސް އޭރު ވިސްނުން ހުންނަނީ ކުދިންނަށް މަތީ ތައުލީމު ދިނުމަށްފަހު، އެނބުރި އުފަން ރަށަށް ދިއުމަށެވެ.
"އަޅުގަނޑުމެން މާލެ ބަދަލުވީ މީގެ ހަތް ވަރަކަށް އަހަރު ކުރިން. އެއީ ރަށުން ދަރިފުޅަށް އޭ ލެވެލް ކިޔަވައިދިނުމަށްފަހު، މަތީ ތައުލީމު ދޭން. އަޅުގަނޑުމެންގެ އަތޮޅުގައި ވެސް މަތީ ތައުލީމު ދެވޭނެ ގޮތެއް ނެތް. އެހެންވީމާ ރަށުގެ ވަޒީފާ ދޫކޮށްލާފައި އަޅުގަނޑު އާއިލާއާއެކު ބަދަލުވީ މާލެއަށް. އެގޮތަށް މާލެއަށް ބަދަލުވީ ދަރިންނަށް ތައުލީމު ދިނުމަށްފަހު، އެނބުރި އުފަން ރަށަށް ބަދަލުވުމުގެ ވިސްނުމުގައި،" މެދުރާއްޖެ ތެރޭގެ ރަށެއްގެ ކައުންސިލު އިދާރާގައި މަސައްކަތްކުރަމުންދިޔަ މީހަކު، ދިރިއުޅުން މާލެ ބަދަލުކުރަން ޖެހުނު ސަބަބު ކިޔައިދެމުން ބުންޏެވެ.
ކޮންމެވެސް ވަރަަކަށް ތައުލީމު ހާސިލުކޮށް، މަސައްކަތުގެ ތަޖުރިބާ ވެސް ހުރުމުން އޭނާއަށް މާލޭގެ މިނިސްޓްރީއަކުން ވަޒީފާ ހޯދުމަށް އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ. ނަމަވެސް މާލެއަށް ފުރަތަމަ ބަދަލުވި އިރު، އުޅެން ޖެހުނީ ދަތި ހާލުގައެވެ. ދެމަފިރިންނާއި ދަރިފުޅާއެކު އުޅުނީ އެއް ކޮޓަރީގެ ކުޑަ އެޕާޓްމަންޓެއްގައެވެ.
އޭނާގެ ދަރިފުޅު އޭ ލެވަލް ހަދައި، ރަނގަޅު ނަތީޖާއެއް ހާސިލުކޮށްފައިވުމުން، ޑިގްރީ ކޯސް ހޯދަން ވެސް އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ. ބެޗެލާސް ޑިގްރީ ކިޔަަވައި ނިންމައި، މާސްޓާސް ޑިގްރީ ހާސިލުކުރީ ވަޒީފާއެއް ވެސް އަދާކުރަމުންނެވެ. މިހާރު މާސްޓާސް ޑިގްރީ ހާސިލުކޮށް، އެ އާއިލާ މާލޭގައި އުޅެނީ ފުދުންތެރި ދިރިއުޅުމަކާއެކުއެވެ.
ގިނަ ބަޔަކު މަޖުބޫރީ ހާލަތެއްގައި އުފަން ރަށް ދޫކޮށް، ދަރިންނާއެކު މާލެއަށް ދިރިއުޅުން ބަދަލުކުރަނީ އުމުރަށް އަމިއްލަ ގެދޮރު ދޫކޮށްލުމުގެ ވިސްނުމަކު ނޫނެވެ. މާލެއަށް ބަދަލުވާން ޖެހޭ މަޖުބޫރީ އެންމެ ބޮޑު ހާލަތަކީ ރަށުގައި ހުރެ އިތުރަށް ތައުލީމު ހާސިލުކުރެވޭނެ ގޮތެއް ނެތުމުންނެވެ. އަނެއް ބަޔަކު ބަދަލުވާން ޖެހެނީ ރަށުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ނެތުމުންނެވެ.
"އަޅުގަނޑުގެ ގިނަ ރައްޓެހިން ތިބީ ރަށުގައި، ސްކޫލު ދައުރުގެ އެތައް ރައްޓެހިންނެއް ދިރިއުޅެނީ ރަށުގަ. އެހެންވީމާ އޭ ލެވެލް ނިންމާފަ މާލެ ބަދަލުވާން ޖެހުން ވެގެންދިޔައީ ވަރަށް އުނދަގޫ ކަމަކަށް. ފުރަތަމަ ދުވަސްކޮޅު މާލޭގަ ސެޓަލްވާން ވެސް އުނދަގޫތަކެއް ކުރިމަތިވި. އަޅުގަނޑު ބޭނުންވީ ކޮލެޖުގެ ކިޔެވުން ނިންމާފަ އެނބުރި ރަށަށް ބަދަލުވާން. އެކަމަކު އޭރު ހިޔާލު ބަދަލުވީ އާ ރައްޓެހިންތަކަކާ ދިމާވެ، ރަނގަޅު ވަޒީފާއެއް ވެސް ލިބުނީމަ. އަލުން ރަށަށް ބަދަލުވާ ނަމަ، ވަޒީފާއެއް ވެސް ހޯދަން އުނދަގޫވާނެތީ މާލޭގަ މަޑުކުރަން ބޭނުންވީ،" މަތީ ތައުލީމަށް މާލެ ބަދަލުވި މީހަކު ކިޔައިދިނެވެ.
އެނބުރި ރަށަށް ބަދަލުވާން ބޭނުންނުވި ނަމަވެސް، ގިނަ ބަޔަކު މާލޭގައި ދިރިއުޅެނީ ހިތްހަމަޖެހިގެންނެއް ނޫނެވެ. ރަށުގެ ހިތްފަސޭހަ މާހައުލަކީ މާލެއިން ދުވަހަކުވެސް ލިބޭނެ މާހައުލެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މާލޭގައި ވަޒީފާއަށް ދިއުން ނޫން އެހެން އިތުރު މުހިންމު ކަމެއް ކުރެވޭނެ މަގު ތަނަވަސްވެފައެއް ނުވެއެވެ.
ރާއްޖޭގެ ބޯހިމެނުމަށް ބަލާ އިރުވެސް، އަހަރަކަށްވުރެ އަހަރެއް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަދަދު ދަނީ މަތިވަމުންނެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުގައި ރާއްޖޭގައި ދިރިއުޅޭ 515،122 މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 212،138 އެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ ޖުމުލަ އާބާދީގެ 41 އިންސައްތައެވެ. އޭގެ ތެރެއިން 204,277 އަކީ ދިވެހިންނެވެ.
މާލޭ ސިޓީގެ އާބާދީއަށް ބަލައިލާ އިރު، 2014 އިން ފެށިގެން ދިރިއުޅޭ މީހުންގެ ނިސްބަތް އެންމެ ގިނަވެފައިވަނީ ހުޅުމާލެއަށެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އަދަދު 16.82 އިންސައްތަ އިތުރުވެފައިވާ އިރު، މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު ވަނީ 1.09 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް ވިލިމާލޭގައި މީހުން ދިރިއުޅޭ އަދަދު ވަނީ 2.10 އިންސައްތަ ދަށަށް ގޮސްފައެވެ.
ސަރުކާރަށް 52 ހަފުތާ ފުރުމާ ގުޅިގެން ދާދި ފަހުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވާ ގޮތުގައި، މާލެއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ހިޖުރަކުރާ ތަނެކެވެ. ކޮންމެ އަހަރަކު މާލެ ހިޖުރަކުރާ މީހުންގެ ތެރޭގައި ތައުލީމު ހާސިލުކުރާ ގިނަ އަދަދެއް ކުދިން ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި ކުރިން މި ބުނި ގޮތަށް ޒުވާން، ޅަ އާބާދީއެއް އޮތުމުގެ ސަބަބުން ހިޖުރަކުރާ ކޮންމެ އާއިލާއެއްގެ ވެސް ކިޔަވާ ކުއްޖަކު އެބަހުރޭ، ގިނަ އާއިލާތަކު. ގާތްގަނޑަކަށް 800 އާއި 1000 ދޭތެރޭގެ އަދަދަކަށް އަތޮޅުތެރެއިން މާލެއަށް އަހަރަކު ހިޖުރަކުރަމުންދާ ކަމަށް އަޅުގަނޑުމެންގެ ރިކޯޑުތަކުން ފެންނަން މިހުރީ،" މިނިސްޓަރު ވިދާޅުވިއެވެ.
ގައުމީ ޔުނިވަސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ތަފާސް ހިސާބުތަކުން ވެސް ކޮންމެ އަހަރަކު އެންރޯލްވާ ކުދީންގެ އަދަދު މައްޗެވެ. އެމްއެންޔޫއަށް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 8000 ދަރިވަރުންނާ ގާތަށް އެންރޯލުވެއެވެ. އޭގެ ތެރެއިން 5500 އަށްވުރެ ގިނަ ދަރިވަރުން އެންރޯލުވަނީ މާލޭގެ ކެމްޕަސްތަކުގައި ކިޔެވުމަށެވެ.
މާލޭގެ އިތުރުން ދެން އެންމެ ގިނައިން ކުދިން އެންރޯލުވަނީ ކުޅުދުއްފުށީ ސިޓީ އަދި އައްޑޫ ސިޓީ ހިތަދޫގެ ކެމްޕަހުގައެވެ. ނަމަވެސް އެއީ ކުޑަ އަދަދުތަކެކެވެ. ދެން ހިމެނޭ ގިނަ ކަމްޕަސްތަކުގައި އެންރޯލުވާ އަދަދުތައް އަހަރަކަށްވުރެ އަހަރެއް ދަށަށް ގޮސްފައިވާ ކަމަށް ދައްކާ އިރު، ބައެއް ރަށްރަށުގެ ކެމްޕަސްތަކުގައި މިދިޔަ އަހަރު އެއްވެސް ކުއްޖަކު އެންރޯލުވެފައެއް ނުވެއެވެ. އެގޮތުން ގިނަ ކެމްޕަސްތަކުގައި ކޯސްތައް ފެށިފައި ނުވަނީ ކުދިން ހަމަނުވުމުގެ ސަބަބުންނެވެ.
- މާލެ: 5731 ދަރިވަރުން
- ކުޅުދުއްފުށި ކެމްޕަސް: 376 ދަރިވަރުން
- އައްޑޫ ސިޓީ ހިތަދޫ ކެމްޕަސް: 299 ދަރިވަރުން
- ތިނަދޫ ކެމްޕަސް: 187 ދަރިވަރުން
- ލ. ގަމު ކެމްޕަސް: 110 ދަރިވަރުން
- ރ. އުނގޫފާރު އޯއާރުސީ: ހަތް ދަރިވަރުން
އެމްއެންޔޫގެ އިތުރުން ވެސް ދަރިވަރުން އަމިއްލަ ބައެއް ކޮލެޖުތަކުގައި ތައުލީމު ހާސިލުކުރެއެވެ. އެގޮތުން ވިލާ ކޮލެޖު، އެވިޑް ކޮލެޖު، ސައިރިކްސް ކޮލެޖު، މޯލްޑިވްސް ބިޒްނަސް ސްކޫލު، މެޕްސް ކޮލެޖު އަދި ކްލިޖު ކޮލެޖު ފަދަ ތަންތަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ގިނަ ކޮލެޖުތައް މާލޭގައި ހިންގާ އިރު، އެ ކޮލެޖުތަކަށް ވެސް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ކުދިން އެންރޯލުވެއެވެ.
އެހެންކަމުން ތަފާސް ހިސާބުތަކަށް ބަލައިލިޔަސް، މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ ކުދިންތަކެއް މާލެއަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވާކަން އެނގެއެވެ. ގްރެޖުއޭޓްވުމަށްފަހު ވެސް އޭގެ ތެރެއިން ބޮޑު އިންސައްތައެއް ވަޒީފާ އަދާކުރަނީ މާލޭގައެވެ. ރަށުގައި ވަޒީފާގެ ފުރުސަތު އޮތް ނަމަވެސް، އެ މަދު ވަޒީފާތައް ވެސް ލިބެނީ ރަށުގެ ބާރުގަދަ އާއިލާތަކުގެ މީހުންނަށް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
މާލޭގައި އެތައް ހާސް ބަޔަކު ތިބުމުގެ އަނެއް ބޭނުމަކީ މާލެއިން ގެދޮރުވެރިކަން ހޯދުމެވެ. ގޯއްޗާއި ރޯހައުސްއާއި ފުލެޓު ފަދަ، ކޮންމެ ދިވެއްސަކަށް ވެސް ކުރިމަތިލެވޭ ސްކީމްތައް އިތުރުވަމުން އައުމަކީ ވެސް ގިނަ ބަޔަކަށް މާލޭގައި ތިބުމަށް ލިބޭ އިތުރު ފުރުސަތެކެވެ. ގިނަ ދުވަހު މާލޭގައި ތިބުމުންނާއި މާލޭ ރަށްވެހީންނަށް ވުމުން އިތުރު ޕޮއިންޓު ލިބޭ ގޮތަށް ހުންނަ އުސޫލުތަކުގެ ތެރެއިން ފުރުސަތު ހޯދަން ބޭނުންވާތީ، މާލެއަށް ހިޖުރަކުރާ މީހުންވެސް މަދެއް ނޫނެވެ. އަދި ފުލެޓު ލިބިގެން ރަށު ރަޖިސްޓަރީން އުނިވެ، މާލޭ ރަށްވެހީންނަށް ވާ މީހުންގެ އަދަދުވެސް ދަނީ މައްޗަށެވެ.
ގިނަ ބަޔަކު މާލެއަށް އަންނަން ޖެހެނީ މަތީ ތައުލީމު ހާސިލުކުރުމަށެވެ. އަދި އެނބުރި ރަށަށް ދެވެން ނެތީ ވަޒީފާއެއްގެ އުންމީދާއި ކުރިއެރުމުގެ ފުރުސަތުތައް ނެތުމުންނެވެ. އެތައް ބަޔަކު ތިބެން ޖެހިފައި މިވަނީ މާލޭގެ ބޮޑު ބަންދުގައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް