މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން ދާއިމީ ގޮތެއްގައި ބޭނުންވާ ކަމަށް އެޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ރޫދު ވާން ނިސްޓެލްރޫއީ ބުނެފިއެވެ.

ނިސްޓެލްރޫއީ ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވީ އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގު، އޮކްޓޯބަރު މަހު ފަހުކޮޅު ވަކިކުރި ހިސާބުންނެވެ. އޭގެ ކުރިން އޭނާ ހުރީ އެ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައެވެ. އިންޓަނޭޝަނަލް ބްރޭކް ނިމެންދެން ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ނިސްޓެލްރޫއީ ހުރި ނަމަވެސް، އޭގެފަހުން ދާއިމީކޮށް ހަވާލުވާނީ ރުބެން އަމޯރިމްއެވެ.

އުމުރުން 48 އަހަރުގެ ނިސްޓެލްރޫއީއަކީ ކުރިން ޔުނައިޓެޑަށް ކުޅުނު ލެޖެންޑަރީ ފޯވަޑެކެވެ. ކުރިން ޕީއެސްވީއަށް ކޯޗުކަން ކޮށްދިނުމަށްފަހު ޔުނައިޓެޑްގެ އެސިސްޓް ކޯޗުކަމާ އޭނާ ހަވާލުވީ މި ސީޒަނަށެވެ.

"މި ކްލަބުގެ ކޯޗުކަން ކުރަން އަހަރެން ބޭނުންވޭ. އަހަރެން ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވި އިރު ވެސް އެ ވިސްނުމުގައި އައީ. އަހަންނަށް މި ކްލަބު އަބަދު ވެސް ހާއްސަވާނެ. އަހަރެން އަބަދު ވެސް ބޭނުންވޭ މި ކްލަބާ އެކު މަސައްކަތްތައް ކުރަން. އެސިސްޓް ކޯޗުކަމުގެ އެއްބަސްވުން ހެދީ ދެ އަހަރަށް ނަމަވެސް، އެ އެއްބަސްވުން ހަމަވުމުން ވެސް ކްލަބާ އެކު މަސައްކަތް ކުރަން އަހަރެން ބޭނުންވޭ،" ނިސްޓެލްރޫއީ ބުންޏެވެ.

ނިސްޓެލްރޫއީގެ އެއްބަސްވުން ހަމަވާން އޮތީ 2026 ވަނަ އަހަރު ނަމަވެސް، އޭނާގެ ކުރިމަގާ މެދު އޮތީ ސުވާލުތަކެއް އުފެދިފައެވެ. އެއީ އަމޯރިމް އޭނާގެ ކޯޗިން ޓީމު އެއްކޮށް ޔުނައިޓެޑަށް ގެންނާތީއެވެ. އެހެން ނަމަވެސް މިހާރު އޭނާގެ ވާހަކަ ހުރި ގޮތުން އަމޯރިމްއާ އެކު ވެސް ނިސްޓެލްރޫއީ މަސައްކަތް ކުރާނެއެވެ.

ވަގުތީ ގޮތުން ހަވާލުވެހުރެ ނެރުނު ނަތީޖާތަކާ އެކު ނިސްޓެލްރޫއީއަށް ސަޕޯޓަރުންގެ އިތުބާރުވެސް މިހާތަނަށް ވަނީ ބޮޑުވެފައެވެ.