މަދަނީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުކުރުމަށް މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 16 ޑިސެންބަރު 2021 ގައި ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވި އޭގެ ހަ މަސްފަހުން ގާނޫނަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގެ ކޯޓުތަކުގައި މަދަނީ މައްސަލަތައް ތޮއްޖެހި، މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ހުކުމްތައް ތަންފީޒުނުވެ މުޅި ނިޒާމަށް މިއިން ދުވަހަކު ކުރިމަތި ނުވާވަރުގެ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ބޭންކުތަކާއި ވިޔަފާރި އިންސްޓިޓިއުޝަންތައް އަދި އާންމު ރައްޔިތުންގެ ވިޔަފާރިތައް ހުއްޓި، މަދަނީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދެން އޮތީ މިހާރުން މިހާރަށް ގާނޫނަށް އިސްލާހުތަކެއް ގެނެވިގެން ކަމަށް ފެންނާތީ، ޖޭއެސްސީގެ އިސްނެގުމުގެ މަތިން ގާނޫނުއަސާސީ އާއި އިންޓަނޭޝަނަލަށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"ގާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއާތުގެ ގާނޫނު) އަށް ގެންނަން ފެންނަ އިސްލާހުތައް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައި، ބަންޑާރަނައިބު މެދުވެރިކޮށް މި ގާނޫނު އިސްލާހުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް 2024 ނޮވެންބަރު 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 57 ވަނަ ޖަލްސާއިން ނިންމަވާފައިވާތީ، މިއަދު މި އިސްލާހުތައް ބަންޑާރަނައިބުގެ އޮފީހަށް ވަނީ ހުށަހަޅައިފައެވެ..،" ޖޭއެސްސީގެ ބަޔާނުގައި ބުންޏެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވީ ނަމަވެސް، އެ އިސްލާހުތަކުގެ ތަފްސީލުތަކެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު