އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ބައެއް މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ތިން ކޮމިޝަންގެ ވަކިވަކި މެންބަރުންތަކެއްގެ މައްސަލަތައް ކޮމިޓީއަށް ހުށަހެޅިފައިވާކަން ކޮމިޓީގެ މެންބަރު މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވިއެވެ.

ނަމަވެސް އެ ހިސާބުން ކޮމިޓީއަށް ހުށަހެޅިފައިވަނީ ހައްސާސް މައްސަލަތަކެއް ކަަމަށް ވިދާޅުވެ، ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނީ ސިއްރުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީ މެންބަރަކު ހުށަހަޅައިގެން ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ފާސްކުރިއެވެ.

އޭގެ ފަހުން ކޮމިޓީ މަސައްކަތްތައް ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޝަންތަކުގެ މެންބަރުންނާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާތައް ކޮމިޓީގައި އިއްވުމުން އެ މައްސަލަތަކުގައި ހިމެނޭ މެންބަރުން ކޮމިޝަންތަކުން ވަކިކުރަން މެންބަރަކު ހުށަހެޅުއްވިއެވެ.

ނަމަވެސް އެގޮތަށް ހުށަހެޅީ ކޮމިޓީގެ ކޮން މެންބަރެއްކަން އަދި ހުށަހެޅީ ކޮން ބޭފުޅުންނެއް ވަކިކުރަންކަން އަދި ވަނީ އެނގޭގޮތް ނުވެފައެވެ.

ކޮމިޝަންތަކުގެ މެންބަރުންގެ މައްސަލަ ކޮމިޓީއަށް ހުށަހަޅައި އޭގެ ތެރެއިން މެންބަރުންތަކެއް ވަކިކުރަން ހުށަހަޅާފައި މިވަނީ، އޭސީސީ އާއި އީސީގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމަށް މަޖިލީހަށް ފޮނުވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް ގާނޫނު އިސްލާހުކުރަން މަޖިލީހަށް ބިލު ހުށަހަޅާފައި ވަނިކޮށެވެ.