ރޭޕް ކުރަން އުޅުމާއި، ރޭޕް ކުރިކަމުގެ ތުހުމަތުތަކުގައި އެތައް ދުވަހެއް ވަންދެން ބަންދުގައި ހުރި ބެންޖަމިން މެންޑީއަށް މެންޗެސްޓާ ސިޓީން ނުދީ އޮތް މުސާރައިގެ ބޮޑު ބައެއް ދޭން ޖެހޭނެ ކަމަށް އިނގިރޭސިވިލާތުގެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހުކުމްކޮށްފިއެވެ.

މެންޑީ، 30، ރޭޕް ކުރަން އުޅުމާއި، ރޭޕް ކުރިކަމުގެ ތުހުމަތުތަކުގައި އެތައް ދުވަހެއް ވަންދެން ބަންދުގައި ހުރުމަށްފަހު މިހާރު ވަނީ އެ ހުރިހާ ތުހުމަތަކުން ސަލާމަތްވެފައެވެ. މެންޑީއާ ދެކޮޅަށް އުފުލާފައިވާ މައްސަލަތަކުގެ ޝަރީއަތް ނިމި، އޭނާ މިނިވަންވީ މިދިޔަ އަހަރު ތެރޭގައެވެ. އެ މައްސަލަތަކުގައި ކޯޓުން ނިންމީ މެންޑީއާ އެއްކޮޅަށެވެ.

މެންޑީ އެންމެ ފުރަތަމަ 2020 ވަނަ އަހަރު ހައްޔަރުކުރުމުން އެފަހަރު އޭނާ ދޫކޮށްލި ނަމަވެސް، 2021 ވަނަ އަހަރު ތެރޭގައި ހައްޔަރުކޮށް، ފަސް މަސް ދުވަސް ވަންދެން ޖަލުގައި ބެހެއްޓިއެވެ. އޭގެފަހުން ކަފާލާތުގެ ދަށުން 2022 ވަނަ އަހަރު ޖެނުއަރީ މަހު މެންޑީ ޖަލުން ދޫކޮށްލައި، އެންމެ ފުރަތަމަ އަޑުއެހުމަށް ގެންދިޔައީ 2022 ވަނަ އަހަރު އޮގަސްޓް މަހުގައެވެ.

މެންޑީގެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމީ މިދިޔަ އަހަރު ޖެނުއަރީ މަހުގައެވެ. މެންޑީގެ މައްޗަށް 2021 ވަނަ އަހަރު އޮގަސްޓް މަހު ދައުވާ އުފުލި ހިސާބުން ސިޓީން ވަނީ އޭނާއަށް މުސާރަ ދިނުން ހުއްޓާލައިފައެވެ. އެއީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައިވަނީ ސިޓީގެ ސްޓޭޑިއަމް ސަރަހައްދަށްވެސް ނުދެވޭނެ ގޮތަށް ކަމަށްވާތީ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމަށް އަމަލު ނުކުރެވޭތީ ކަމަށް ސިޓީން ބުންޏެވެ.

މެންޑީ ކޯޓަށް ހުށަހެޅީ 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން ސިޓީން މުސާރަ ދީފައި ނުވާތީ، އެ މުސާރަ ގެއްލުމުގެ ބަދަލާއެކު ހޯދުމަށެވެ. އެކަމުގައި މެންޑީ މައްސަލަ ވެއްދީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ 11 މިލިއަން ޕައުންޑްގެ މުސާރަ ހޯދުމަށެވެ.

އެ މައްސަލައިގައި މިއަދު ހުކުމް ކުރި ފަނޑިޔާރު، ޖޮއޭން ޑަންލޮޕް ވިދާޅުވެފައިވަނީ މެންޑީއަށް މުސާރަ ދޭން ޖެހިފައި އޮތް 22 މަހުގެ ތެރެއިން ސިޓީއަށް މުސާރަ ހިފެހެއްޓޭނީ ފަސް މަހު ކަމަށެވެ. އެއީ މެންޑީ ޖަލުގައި އޮތް މަސްތަކުގައި ކަމަށެވެ.

ޑަންލޮޕް ވިދާޅުވީ މެންޑީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުރި ދުވަސްތަކުގައި އޭނާ ކުޅެން ބޭނުންވެ ހުރެވެސް ނުކުޅެވުނީ އޭނާ އެގޮތަށް ބޭނުންވެގެން ނޫން ކަމަށާއި، ނުލިބި އޮތް މުސާރައިން އެ ދުވަސްތަކަށް މުސާރަ ދޭން ޖެހޭނެ ކަމަށެވެ.

މެންޑީއާއި ސިޓީއާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައިވާ ގޮތުން އަހަރަކު ބޭސިކް މުސާރައިގެ ގޮތުގައި އޭނާއަށް ހަ މިލިއަން ޕައުންޑް ދޭން ޖެހެއެވެ.

މެންޑީ ކުރިން ބުނީ މުސާރަ ނުދީ ހުރި ދުވަސްތަކުގައި އާއިލީ ކަންކަމަށް ދަތިވެ، ކުޅުންތެރިންގެ ފަރާތުން އެހީ ހޯދަން ޖެހުނު ކަމަށެވެ.